ލަންކާ އަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ ކާރިސާގައި ހަތަރު މިލިއަނާ ފަސް މިލިއަނާ ދެމެދު އަދަދެއްގެ މީހުންނަށް އަސަރު ކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ބޮޑުވަޒީރުގެ އޮފީހުގައި ކޮމިޓީ އޮން ފުޑް ސެކިއުރިޓީ އާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ކާބޯތަކެތީގެ ކާރިސާ ކުރިމަތިވުމުން އެގައުމުގެ ފަސް މިލިއަނެއްހާ މީހުންނަށް އޭގެ ސީދާ އަސަރު ކުރާނެ ކަމަށް މިހާތަނަށް އަންދާޒާކުރެވިފައި ވީނަމަވެސް ކާރިސާގައި ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ ކާބޯތަކެތީގެ ކާރިސާއާ ކުރިމަތިލުމަށް ހާއްސަ ކޮމިޓީއެއް އުފައްދަވައި، މަޖިލިސް މެމްބަރު ނިމަލް ލަންސާގެ ބެލުމުގެ ދަށުން ކޮމިޓީގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އަންގަވާފައެވެ. އަދި ކޮމިޓީން މިކަމަށް އެކުލަވާލާ ޕްލޭން ދެ ހަފުތާގެ ތެރޭގައި ނިންމުމަށް ވަނީ ވިދާޅުވެފައެވެ.
ބޮޑުވަޒީރު ވަނީ 225 ޑިވިޝަންގައި ފުޑް ސެކުއިރިޓީ ޕްރޮގްރާމްތައް ހިންގުމަށް މަޖިލީސް މެމްބަރުންނާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ބާކީ ހުރި ސަރަހައްދުތައް ސަރުކާރުގެ އިސްއޮފިޝަލުން، މިނިސްޓްރީތަކުގެ ސެކްރެޓެރީސް، އަދި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް މެނޭޖް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، ޖުމުލަ 336 ސަރަހައްދެއްގައި މި ޕްރޮގްރާމް ހިންގޭނެ އިމްތިޒާމް ހަމަޖެއްސުމަށް ވަނީ ވިދާޅުވެފައެވެ.
އެހީ ފޯރުކޮށްދިނުމުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ އެދިވަޑައިގަންނަވާފައެވެ. އެގޮތުން ކުޑަކުދިން ދިރިއުޅޭ ގެތަކަށާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ތަންތަނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން ކާބޯތަކެތި ފޯރުކޮށްދިނުމަށް ބޮޑުވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުން މަސްވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ގޭހާ، ތެޔޮ އަދި ކާބޯތަކެތި ފޯރުކޮށްދިނުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ބޮޑުވަޒީރު ވިކްރަމަސިންގހަ އެދިވަޑައިގަންނަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޮޑުވަޒީރު ވިކްރަމަސިންގހަ ވަނީ އެގައުމުގެ ދަނޑުވެރިކަން ޒަމާނީ ފެންވަރަށް ތަރައްގީކޮށް ސަރަހައްދީ ފެންވަރުގައި މާކެޓުގައި ވާދަވެރިކާމާއެކު ބައިވެރިވުމަށް މެދުރާސްތާ އަދި ދިގު ރާސްތައް ޕްލޭނެއް ބޭނުންވާކަމަށްވެސް ވިދާޅުވެފައެވެ.
ލަންކާއަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ ރައްޔިތުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ހާއްސަކޮށް ގައުމުގެ އިމްޕޯޓަށް ޚަރަދުކުރާނެ ބޭރުފައިސާ ނެތުމުގެ ސަބަބުން ތެލާ ގޭސް އަދި ކާބޯތަކެއްޗަށް ޚަރަދުކުރާނެ ފައިސާ ނެތި އާންމު ރައްޔިތުންނަށް ވަނީ ގިނަ ތަކުލީފުތަކެއް އުފުލަންޖެހިފައެވެ.