ށ. ފުނަދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ފުނަދޫ ސުކޫލުގެ ރަންޔޫބިލް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުނަދޫ ސްކޫލްއާއި އެ ރަށުގައި ހައްލު ކުރަން ޖެހިފައިވާ ގިނަ ކަންކަން އެބަހުރި ކަމަށާއި އެކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، ސްކޫލަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަމަކީ އޮފީސް އިމާރާތެއް ކަމަށާއި އެކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރަށުގެ އާބާދީ އިތުރުވަމުންދާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެއާއެކު ބޯހިޔާވަހިކަން ވެސް އިތުރަށް ބޭނުންވާނެ ކަމަށެވެ. އެކަން ހައްލު ކުރުމުގެ ގޮތުން ބިން ހިއްކުން މުހިންމު ކަމަށާއި ރަށުގެ ރައްޔިތުންގެ އެދުމާ އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ބިން ހިއްކާ ރަށްތަކުގެ ލިސްޓުގައި ފުނަދޫ ހިމަނުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ރަށް ގިރުމުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
މިރަށުގެ ކަންކަމަށް ބަލާއިރު، ރަށުގައި ދިރިއުޅޭ އާބާދީ މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުން، އެއާ ގުޅިގެން ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ބޭނުން އެބަވޭ، އެހެންކަމުން މިރަށުގެ ރައްޔިތުން އެދިފައި އޮތް ގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި އިރާދަކުރެއްވިއްޔާ، މި ރަށް ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް ވިދާލުވީ ސިއްހީ ހިދުމަތް ކައިރިން ލިބޭ ގޮތް ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށާއި ފުނަދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ވެސް ލަސްތަކެއް ނުވެ ފަށާނެ ކަމަށެވެ.
މި ސަރުކާރުން އަންނަނީ ފުނަދޫގައި މިހާރުވެސް 16 މަޝްރޫއެއް ހިންގަމުންނެވެ. މީގެ ތެރޭގައި އެ ރަށު ސްކޫލުގައި 15 ކްލާސްރޫމް އިމާރާތް ކުރުމާއި، އަތޮޅު ހޮސްޕިޓަލް އަޕްގްރޭޑު ކުރުމުގެ އިތުރުން ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ހިމެނެއެވެ.