އެސޯސިއޭޝަން ކަޕްގައި ހުކުރު ދުވަހުގެ ސްޕޯޓްސް ކުލަބް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ދިޔަގޮތާމެދު ހިތްހަމަނުޖެހޭކަމަށް ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ)ބުނެފިއެވެ.
މުބާރާތުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ސިޓީ އަތުން ބަލިވީ ފުރަތަމަ ސެޓު ހޯދާފައިވަނިކޮށެވެ. މެޗުގެ ހަތަރު ވަނަ ސެޓުގައި ޕޮލިސް ޓީމުގެ މުތުސާމީއަށް ވަނީ ވަކިވަކިން ދެ ރަތް ކާޑު ދައްކައި ކޯޓުން ފޮނުވާލާފައެވެ. އެއީ އޭނާ ތަކުރާރުކޮށް ރެފްރީގެ ނިންމުންތަކާ ދެކޮޅުހަދަން ފެށުމުންނެވެ.
މެޗަށްފަހު ފައްލޯ ބުނީ، މެޗުގައި ދިމާވި މައްސަލައަކީ ސެޓަރު މުތުސާމީއަށް ލިބުނު އަނިޔާއިން މުޅިން ރަނގަޅު ނުވުންކަމަށެވެ. އަދި މެޗުގެ ނަތީޖާއަކީ އެހާ ހިތްހަމަޖެހޭ ނަތީޖާއެއް ނޫންކަމަށެވެ. މެޗުގެ ކަންކަން ދިޔަ ގޮތަށް އިޝާރަތްކޮށް ފައްލޯ ބުނީ، މެޗު ދިޔައީވެސް ހިތްހަމަޖެހޭ ގޮތަކަށް ނޫންކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މެޗުގައި އިންސާފުކުރެވިގެން ދިޔައީވެސް ހިތްހަމަޖެހޭ ގޮތަކަށް ނޫންކަމަށާއި، އޭގެ އަސަރު ޓީމަށް ކުރިކަމަށެވެ.
މިކަހަލަ ނަތީޖާއަކުން ނިމުނީމަ ވަރަށް ހިތްހަމަޖެހެއެކޭ ނެތް ބުނެވޭކަށް. އަދި މެޗު ދިޔަ ގޮތާ ދޭތެރޭގަވެސް. އެހާ ހިތްހަމަޖެހޭ ގޮތަކަށް ނޫން އިންސާފުކުރެވިގެން ދިޔައީ. އޭގެ ދަތިތަކެއްވެސް ދިމާވި ޓީމަށް. އޭގެ އުނދަގޫތަކެއް ވެސް ދިމާވި ޓީމަށް.ފަތުހުﷲ ވަހީދު (ފައްލޯ) / ޕޮލިސް ކުލަބުގެ ކޯޗު
މީގެ އިތުރުން ޕޮލިސް ޓީމުގެ ޝުއައިބް އަބްދުއްލަތީފް ބުނީ، މެޗު ދިޔައީ އެންމެ ބޭނުންވާ ގޮތަށް ނޫންކަމަށެވެ. ޝުއައިބް ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ތިބީ ބަލިވެފައިކަމަށެވެ. ނަމަވެސް އޭނާ ފާހަގަކުރިގޮތުގައި ޓީމުގެ ކުޅުންތެރިންގެ މަސައްކަތް ރަނގަޅެވެ. އަދި ވެމްކޯއާ ދެކޮޅަށް އޮންނަ މެޗުގައި ނުކުންނާނީ މި މެޗުން ލިބުނީ ފިލާވަޅެއް ކަމަށް ބަލައިގެންކަަމަށެވެ. އަދި އެ އަޒުމުގައި ނިކުމެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
ޕޮލިހަށް މުބާރާތުގައި ބާކީ އޮތީ އެންމެ މެޗެކެވެ. އެއީ ވެމްކޯއާ ދެކޮޅަށް ކުޅޭ މެޗެވެ. ވެމްކޯ ޓީމާ ގުޅޭގޮތުން ފައްލޯ ބުނީ ،އެ ޓީމުގެ ހުރިހާ ޑިޕާޓުމަންޓުތަކެއް ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށްކަމަށެވެ. އަދި މުބާރާތަށް ނުކުތް ޓީމުތަކުގެ ތެރޭގައި ބަލި އެއްވެސް ޓީމެއް ނެތްކަން ފާހަގަކޮށް ފައްލޯ ބުނީ، ވެމްކޯއަކީ ހުރިހާ ޑިޕާޓްމަންޓެއް ވަރަށް އެއްވަރުކޮށް އޮތް ޓީމެއްކަމަށެވެ.