އެސޯސިއޭޝަން ކަޕްގައި ޕޮލިސް ކުލަބު ބަލިކޮށް، ސްޕޯޓްސް ކުލަބް ސިޓީން މުބާރާތުގެ ފައިނަލްގެ އުންމީދު ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލަށް ދާނީ ތާވަލްގެ އެއްވަނަ މަގާމު ލިބޭ ޓީމެކެވެ. ދެވަނަ ޓީމާއި ތިންވަނަ ޓީމު ޖެހޭނީ ސެމީ ފައިނަލްގައި ކުޅޭށެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ސެމީން މޮޅުވާ ޓީމަކަށެވެ.
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ސިޓީން ޕޮލިސްގެ މައްޗަށް ކުރިހޯދީ ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓުގެ ކުޅުންވެސް ފެނުނީ ދާދި އެއްވަރުކޮށެވެ. ނަމަވެސް ސެޓުގެ ފަހުވަގުތުގެ ތެރޭގައި ޕޮލިހުން ވަނީ ފައިދާނަގައި މި ސެޓު ކާމިޔާބުކޮށްފައެވެ. ޕޮލިހުން ސެޓު ކާމިޔާބުކުރީ 25-22ންނެވެ. އެހެން މެޗުތަކާ އެއްގޮތަށް މި މެޗުގައިވެސް ޕޮލިސް ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ރަނގަޅު ކުޅުން ފެނުނެވެ.
ސިޓީން ވަނީ ޖެހިގެން އައި ދެ ވަނަ ސެޓުގައި އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް, ލީޑު ނަގަންފަށާފައެވެ. ދެވަނަ ސެޓާއި ތިންވަނަ ސެޓު ސިޓީން ހޯދީ މުޅިން ލީޑުގައި އޮވެގެންނެވެ. ސިޓީގެ ބިދޭސީ ކުޅުންތެރިޔާ ވިނީތު ކުމާރާއި، ވިޔާނަކް ރޯކާޑޭގެ އިތުރުން ކެޕްޓަން އަލީ ހުޒާން (ހުޒަންޓެ)ގެ އާދަޔާޚިލާފު މޮޅު ކުޅުން ފެނުނެވެ. ސިޓީން ދެވަނަ ސެޓު ކާމިޔާބުކުރީ 25-13ންނެވެ. އަދި ތިންވަނަ ސެޓު 25-17ން ކާމިޔާބުކޮށް މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ.
ހަތަރުވަނަ ސެޓު ފަށައިގެންވެސް ސިޓީން އައީ ރަނގަޅަށް ކުޅެމުންނެވެ. ނަމަވެސް ޕޮލިހުން ކުޅުން ރަނގަޅުކޮށް، ސިޓީގެ ފަހަތުގައި ވިއްދިއެވެ. ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން ރެފްރީ ވަނީ ޕޮލިހުގެ ސެޓަރު މުތުސާމީއަށް ވަކިވަކިން ދެ ރަތްކާޑު ދައްކާފައެވެ. ޕޮލިހަށް ޖެހުނީ އޭނާގެ ބަދަލުގައި ޒުވާން ސެޓަރު ޝާއިން ޢަބްދުﷲ އަރުވާށެވެ. އެއާއެކު ޕޮލިސްގެ ކުޅުން ދަށްވިއިރު، ސިޓީން މި ސެޓު ކާމިޔާބުކުރީ 25-14ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިޓީގެ ވިނީތު ކުމާރުއެވެ.
މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ ނުވަ ޕޮއިންޓު ހޯދައިގެން ސިޓީ އޮތީ އެއްވަނަ މަގާމުގައެވެ. ދެވަނައިގައި އޮތް ވެމްކޯއަށް ލިބެނީ ހަތަރު މެޗުން އަށް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސިފައިންނާއި ހަތަރުވަނައިގައި ޕޮލިހަށް ލިބެނީ ހަތް ޕޮއިންޓެވެ.