އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ދިވެހި ސިފައިންގެ ކުލަބު އަދި ކުލަބް ވެމްކޯ ކުޅުނު މެޗުން ދެ ޓީމު ވެސް މޮޅުވެއްޖެއެވެ.
މުބާރާތުގައި ބުރާސްފަތި ދުވަހުގެ ހަވީރު ދިވެހި ސިފައިންގެ ކުލަބުން ނިކުތީ އޮފު އެފްސީއާ ދެކޮޅަށެވެ. މުބާރާތުގައި ސިފައިން މިހާތަނަށް ވަނީ ހަތަރު މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވީ ދެ މެޗުންނެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ. ފުރަތަމަ މެޗުގައި ސްޕޯޓްސް ކުލަބް ސިޓީ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ބަލިވީ ޕޮލިސް ކުލަބު އަތުންނެވެ. ކުލަބް ވެމްކޯއާއި އޮފު އެފްސީއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ ސީދާ ތިން ސެޓުންނެވެ.
އޮފު އެފްސީއާއި ދެކޮޅަށް ނިކުތްއިރު ސިފައިންގެ ޓީމު އޮތީ ރަނގަޅު ފޯމެއްގައެވެ. މެޗުގައި ސިފައިންގެ ޓީމުގައި ހިމެނޭ ދިވެހި އެޓޭކަރު އާދަމް ނަސީމް (އެޑަމް) އަދި ސެޓަރު ހުސެއިން ޝާހިދު (ޝާޑު) ގެ މޮޅު ކުޅުން ވަނީ ފެނިފައެވެ، ވެމްކޯގެ މެޗްއާއި އެއްގޮތަށް މިމެޗުގައި އެ ޓީމުގެ ބިދޭސީ އެޓޭކަރުންގެ ހަމަލާތައް ވެސް ވަނީ ފެނިފައެވެ. މެޗުގެ ސެޓުތައް ސިފައިންގެ ޓީމުން ހޯދީ 25-13، 25-16 އަދި 25،21 ންނެވެ.
މެޗުގެ ކުރީކޮޅު އޮފު އެފްސީގެ ބިދޭސީ ކުޅުންތެރިޔާ އަމިތު ގޫލިއާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކުރަން ޖެހިފައެވެ. މެޗުގެ ބާކީ ބައި އޭނާއާއި ނުލާ ކުޅެން ޖެހުމުން އޮފު އެފްސީއަށް ވަރަށް ބޮޑު އުނދަގުލަކާ ކުރިމަތިލާން ޖެހުނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ އާދަމް ނަސީމް (އެޑަމް)އެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ މެޗުގައި ކުލަބް ވެމްކޯ ނިކުތީ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މެޗަށް ނިކުތްއިރު ވެސް ގުޑީސް އޮތީ މުބާރާތުން ކަޓާފައެވެ. އެއީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާތީއެވެ. މެޗަށް ނިކުތްއިރު ވެމްކޯ ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން ބަލިވެފައެވެ. ވެމްކޯ މޮޅުވީ އޮފު އެފްސީއާއި ސްޕޯޓްސް ކުލަބް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އަދި އެ ޓީމު ބަލިވީ ދިވެހި ސިފައިންގެ ކުލަބް އަތުންނެވެ.
ހަތަރު ވަނަ މެޗުގައި ވެމްކޯއިން ގުޑީސްގެ މައްޗަށް ކުރި ހޯދީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގައި ދެ ޓީމަށް ވެސް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ގުޑީސްގެ ސެޓަރު ހުސެއިން ވިސާމް (ބުޅިކެ) ހުރީ އަނިޔާގައެވެ. މި މެޗުގައި އޭނާ ކުޅުނު ނަމަވެސް އަނިޔާއިން މުޅިން ރަނގަޅެއް ނުވެއެވެ. މީގެ އިތުރުން ގުޑީސްގެ ބިދޭސީ ކުޅުންތެރިޔާ ގޮނިބީދު ސިޔާމްސުނަދަރު ވެސް ހުރީ އަނިޔާގައެވެ. އެއީ އެންމެ ފަހުން ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއެކެވެ. ވެމްކޯއަށް މެޗަށް ނިކުތްއިރު އެ ޓީމުގެ އަމިތުސިންހު ކަޕްތާންސިންހް ހުރީ އަނިޔާގައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާ ހުންނަނީ ކުޅުމާ ދުރުގައެވެ.
މެޗުގެ ފުރަތަމަ ސެޓު 25-12 ން ކާމިޔާބުކުރީ ވެމްކޯއިންނެވެެ. މެޗުގައި އެ ޓީމުގެ ސެޓަރު ރަންޖިތު ސިންހާއި، ބިދޭސީ ކުޅުންތެރިޔާ އަޝްވަލް ރާއީގެ މޮޅު ކުޅުން ފެނުނެވެ. މީގެ އިތުުރުން ވެމްކޯ ޓީމުގައި ހިމެނޭ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓެ)ގެ ތަފާތު މޮޅު ކުޅުން ވެސް ވަނީ ފެނިފައެވެ. ވެމްކޯއިން ފުރަތަަމަ ސެޓު ހޯދި ނަމަވެސް، ގުޑީސުން ވަނީ ދެ ވަނަ ސެޓު ހޯދާފައެވެ. އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ރިޔާޒުއްދީން އާއި ހަސަން ނިލާމް (ޕާޓޭ)ގެ މޮޅު ކުޅުމާއެކު ގުޑީސުން މި ސެޓު ހޯދީ 25-18 ންނެވެ.
ވެމްކޯއިން ވަނީ ތިން ސެޓަށް ނިކުމެ 25-20 ން މި ސެޓު ހޯދާފައެވެ. ހަތަރު ވަނަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، ފަހު ވަގުތު ފައިދާ ނަގައި މި ސެޓު 25-23 ން ހޯދީ ގުޑީސްއެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ލީޑުގައި އޮވެ ކުޅުނީ ވެމްކޯއެވެ. އެގޮތުގައި އޮވެ އެ ޓީމުން ފަސް ވަނަ ސެޓު ހޯދީ 15-9 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަަކަށް ހޮވުނީ ވެމްކޯގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓެ)އެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު އަށް ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ވެމްކޯއެވެ. ދެ ވަނަ މަގާމުގައި އޮތް ޕޮލިސް ކުލަބާއި ސިފައިންގެ ކުލަބަށް ލިބެނީ ހަތް ޕޮއިންޓެވެ. ހަތަރު ވަނަ މަގާމުގައި އޮތް ސިޓީއަށް ތިން މެޗުން ލިބެނީ ހަ ޕޮއިންޓެވެ. ފަސް ވަނަ މަގާމުގައި އޮފު އެފްސީއަށް ހަތަރު މެޗުން ތިން ޕޮއިންޓު ލިބޭއިރު، ހަ ވަނައިގައި އޮތް ގުޑީސްއަށް ހަތަރު މެޗުން ލިބެނީ ދެ ޕޮއިންޓެވެ. މި ދެ ޓީމަށް މުބާރާތުގެ ފައިނަލް ބުރުން ޖާގައެއް ނުލިބޭނެއެވެ.