ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ފ. ފީއަލި ކައުންސިލާ ބައްދަލުކުރައްވައި އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
އެމަނިކުފާނު ފީއަލި ކައުންސިލާ ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހުގެ މެންދުރު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި އެރަށުގެ ތަރައްގީ ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ފީއަލި ކައުންސިލުން ވަނީ ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ސަރުކާރުން ފީއައްޔަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަން ފާހަގަކޮށް ރައީސަށް ޝުކުރު ދަންނަވާފަވެއެވެ.
ފީއަލިއާއި އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށް އެ ރަށު ކައުންސިލުން ވަނީ ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫޢޫ އާއި ޞިއްޙީ މަރުކަޒުގެ މަޝްރޫޢު އަދި، އެރަށު ވޮލީކޯޓުގެ މަޝްރޫޢު އަވަސްކޮށްދިނުމަށް އެދި ދަންނަވާފައެވެ. އަދި ރަށު ސްކޫލަށް މަލްޓިޕަރޕަސް ހޯލެއް ބޭނުންވާކަމަށާއި، ސްކޫލްގެ ސައިންސް ލެބް އެޅުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، ފީއަލި ރައްޔިތުން ދަތުރުދާނެ ރަށެއް ބޭނުންވާކަމަށާއި، އައިސް ޕްލާންޓްއެއް ބެހެއްޓި ނަމަވެސް ބަނދަރު ކުޑަވުމުން އައިސް ޕްލާންޓް ބޭނުންކުރުމަށް ދަތިތަކެއް ފާހަގަކުރެވިފައިވާތީ، އައިސް ޖެޓީއެއް ޤާއިމްކުރުމުގެ މުހިންމުކަން ވެސް އެ ކައުންސިލުން ފާހަގަކުރިއެވެ.
މީގެ އިތުރުން ރަށުގެ އާބާދީއާ އެކަށޭނަ މިސްކިތަކާއި، ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތަކާއި ސިއްހީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ބައެއް ދަތިތައް ކައުންސިލުން ވަނީ ރައީސްއާ ހިއްސާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީގެ މަސައްކަތް ކުރިޔަށްގެންދިޔުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ލިބުމަކީ ރަށްތައް ތަރައްޤީކުރުމުގައި ސަރުކާރަށް ލިބިގެންދާ އިތުރު ފަސޭހައެއްކަމަށެވެ. އަދި ފީއަލި ކައުންސިލުން ފާހަގަަ ކުރި ކަންކަމުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ކައުންސިލުން ފާހަގަ ކުރި އެހެން ކަންކަން ކަމާ ގުޅޭ ފަރާތްތަކާއި މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ފީއަލި ކައުންސިލުގެ އިތުރުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ވެސް ބައިވެރިވިއެވެ. އެ ކޮމިޓީން ވަނީ ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ޖާގައިގެ ދަތިކަމާއި ބަޖެޓުގެ ދަތިކަން ފާހަގަކޮށްފައެވެ.