ކ. މާލެ
|
16 ޖޫން 2022 | ބުރާސްފަތި 12:03
ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)
ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ)
ރާއްޖެ އެމްވީ
އެސޯސިއޭޝަން ކަޕް 2022
މިއީ ވަރަށް ރަނގަޅު ހިސާބެއްގައި ލިބުނު މޮޅެއް: ޝަރީފް
މޮޅަކީ މުބާރާތުގެ ވަރަށް މުހިންމު ހިސާބެއްގައި ލިބުނު މޮޅެއް
މުޅި ޓީމު އޮތީ އެކަތި ގަނޑެއްގެ ގޮތުގައި

އެސޯސިއޭޝަން ކަޕްގައި ގުޑީސް ސްޕޯޓްސް ކުލަބު އަތުން ލިބުނު މޮޅަކީ ވަރަށް މުހިންމު ހިސާބެއްގައި ލިބުނު މޮޅެއް ކަމަށް ސްޕޯޓްސް ކުލަބް ސިޓީގެ ކޯޗު ހުސެއިން ޝަރީފް (ނަލަ) ބުނެފިއެވެ.

މުބާރާތުގައި ބުދަ ދުވަހުގެ ރޭ ގުޑީސްއާ ދެކޮޅަށް ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މިއީ ސިޓީއަށް މުބާރާތުގައި ލިބުނު ދެ ވަނަ މޮޅެވެ. އެ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެެވެ. އެއީ ކުލަބް ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މެޗަށްފަހު ސިޓީގެ ކޯޗު ބުނީ ލިބުނު ކާމިޔާބީއަށް ޝުކުރު ކުރާކަމަށެވެ. އަދި އެ މޮޅަކީ މުބާރާތުގެ ވަރަށް މުހިންމު ހިސާބެއްގައި ލިބުނު މޮޅެއް ކަމަށެވެ. ޝަރީފް ބުނީ މެޗުން މޮޅުވުމުގެ ހުރިހާ ކްރެޑިޓެއް ދޭނީ ކުޅުންތެރިންނާއި އޮފިޝަލުންނަށް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މުޅި ޓީމު އޮތީ އެކަތި ގަނޑެއްގެ ގޮތުގައިކަމަށެވެ. އަދި އޭނާ ބުނީ އެންމެ ފަހުން ވެމްކޯއާ ދެކޮޅަށް ކުޅުނު މެޗާ ތަފާތުކޮށް ގޭމް ގެންދަން މަސައްކަތް ކުރި ކަމަށެވެ. އަދި އެކަން ކާމިޔާބު ވެސް ކުރެވުނުކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މިހާރު ޓީމުތައް އޮތީ ވަރަށް އެއްވަރެއްގައި ކަމަށެވެ. އަދި އިންޑިއާއިން ގެނެސްފައި ތިބީ މޮޅެތި ކުޅުންތެރިން ތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މީ އަސްލު މިހާ އެއްވަރެއްގައި ޓީމުތައް މިއެޅެނީ. ޕްރައިމް ލީގުގައި ކުޅުން ހަމަ ވަރަށް ރަނގަޅު ކުޅުންތެރިން އަސްލު މި އުޅެނީ. އެހެންވީމާ އަސްލުގަ ވަކި ނޭންގޭނެ ނަތީޖާ ކުރިން ކަނޑައަޅާކަށް. ހަމަ ކުޅުނީމާ އެނގޭނީ. މިއަދުވެސް އެކަހަލަ ގޮތެއް ކަން ނޭނގެ އެ ދިމާވީ އަސްލު. އަޅުގަނޑުމެން ނިކުންނާނީ ކޮންމެ މެޗެއްގައި ވެސް ހަމަ އެންމެ ވަރުގަދަ ކޮށް. މުޅުވާން ހަމަ.
ހުސެއިން ޝަރީފް (ނަލަ) / ސިޓީގެ ކޯޗު

ވަރުގަދަކޮށް މުބާރާތް ފެށި ސިޓީ އަންނަނީ މުބާރަތުގައި ރަނގަޅު ކުުޅުމެއް ދައްކަމުންނެވެ. އެ ޓީމުން އަންނަނީ ގަދަ ތިނަކަށް ވާދަކުރަމުންނެވެ. މިވަގުތު ތާވަލްގެ އެއް ވަނަ މަގާމުގައި ހަތް ޕޮއިންޓާއެކު އޮތީ ޕޮލިސް ކުލަބެވެ. ދެ ވަނައިގައި ވެމްކޯ އޮތީ ހަ ޕޮއިންޓާއެކުވެ. ތިން ވަނައިގައި އޮތް ސިޓީއަށް ވެސް ލިބެނީ ހަ ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ސިފައިންށް ހަތަރު ޕޮއިންޓު ލިބޭއިރު، ފަސް ވަނައިގައި އޮތް އޮފު އެފްސީއަށް ލިބެނީ ތިން ޕޮއިންޓެވެ. އެއް ޕޮއިންޓާއެކު ފުލުގައި އޮތީ ގުޑީސްއެވެ.

މުބާރަތުގައި ސިޓީގެ މެޗެއް ދެން އޮންނާނީ ހުކުރު ދުވަހުގެ ރޭއެވެ. އެރޭގެ މެޗުގައި ސިޓީ ނިކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.

- ކޮމެންޓް