ދިވެހި ސިފައިންގެ ކުލަބުން އަބަދުވެސް މަސައްކަތް ކުރަނީ ވެއްޓުނީމާ ތެދުވެ، ފަސް ބެލުމެއް ނެތި ކުރިއަށް ދާން ކަމަށް އެ ޓީމުގެ ކޯޗު ޢަބްދުﷲ ޖުނައިދު ބުނެފިއެވެ،
އެސޯސިއޭޝަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަންކަން ވެސް ހޯދާފާއިވާ ސިފައިންގެ ކުލަބުން މިއަހުގެ މުބާރާތް ފަށަން ޖެހުނީ ދަށް ނަތީޖާއަކާއެކުއެވެ. ފުރަތަމަ މެޗުގައި ސްޕޯޓްސް ކުލަބް ސިޓީ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ޕޮލިސް ކުލަބު އަތުން ބަލިވީ ދެ ސެޓު ހޯދާފައިވަނިކޮށެވެ. ތިން ވަނަ މެޗުގައި ވަރުގަދަ ވެމްކޯއާ ދެކޮޅަށް ބުދަ ދުވަހުގެ ހަވީރު ނުކުތްއިރު ސިފައިން އޮތީ އުނދަގޫ ހާލަތެއްގައެވެ. ނަމަވެސް އެ މެޗުގައި ތަފާތު ކުޅުމެއް ދައްކައި ސީދާ ތިން ސެޓުން ވެމްކޯ ބަލިކުރިއެވެ.
މެޗަށްފަހު ޖުނައިދު ބުނީ ސިފައިންގެ ޓީމުން ބެލީ ކުޅުންތެރިންގެ އަނިޔާތައް ރަނގަޅުކޮށްގެން ކުޅެވޭތޯކަމަށެވެ. އަދި ކުރިއަށް އޮތް މެޗުތަކުގައި ވެސް ބަލާނީ އެގޮތަށް ކަމަށެވެ. އަދި އުންމީދަކީ އެކަންކަމާއެކު ކުރިއަށް އޮތް ތަނުގައި ރަނގަޅު ކާމިޔާބީއެއް ލިބުން ކަމަށެވެ. ޖުނައިދު ބުނީ ސިފައިންނަކީ ވެއްޓުނީމާ ތެދުވާ ބައެއް ކަމަށެވެ.
އަޅުގަނޑުމެން ސިފައިންނަކީ ވެއްޓުނީމާ ތެދުވެގެން، އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަނީ އެގޮތަށް. ވެއްޓުނީމާ ފަސްބެލުމެއް ނެތި ތެދުވެގެން ކުރިއަށް ދާން. އަޅުގަނޑުމެން މަސައްކަތް ކުރަނީ. އެގޮތުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ މިއަދު ޓީމާ ދޭތެރޭ އަޅުގަނޑު.ޢަބްދުﷲ ޖުނައިދު / ސިފައިންގެ ކޯޗު
މީގެ އިތުރުން ޖުނައިދު ބުނީ ފުރަތަމަ ސެޓު ލިބުމަކީ ކުޅުންތެރިންނާއި މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު ކޮންފިޑެންސްއެއް ކަމަށެވެ. އަދި ސިފައިންގެ އަސްލު ކުޅުން ފެނުނީ އެ މެޗުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ޖުނައިދު ބުނީ ސިފައިންގެ ޓީމަށް ކުރިއަށް ދެ މެޗު އޮތްއިރު، މިހާރު ޓީމު އޮތް ޖޯޝާ ފޯރީގައި އެ ދެ މެޗު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތް ކަމަށެވެ. އަދި އެއީ ސިފައިންނަށް ނުވާނެ ވަރުގެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
މުބާރާތުގައި ސިފައިންނަށް ބާކީ އޮތް ދެ މެޗަކީ މިއަދު ހަވީރު އޮފު އެފްސީއާ ދެކޮޅަށް ކުޅޭ މެޗާއި، އާދިއްތަ ދުވަހުގެ ރޭ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗެވެ.