ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ގިނަ ޝަކުވާތައް އެބަހުރި ކަމަށާއި ލިބޭ ޝަކުވާތައް ގާތުން ބައްލައިވައި އެކަންކަމަށް ހައްލު ހޯއްދައްވައި ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބަހުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ހަފްލާފައި ވާހަކަފުޅުައްކަވަމުންނެވެ. އެ ހަފްލާގައި ރައީސް ވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން މިހާރުވެސް ގިނަ ކަންކަން ކުރަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ހިޔާއާއި ގުޅޭ ޝަކުވާތައް ރައީސް އޮފީހަށް ވަރަށް ގިނައިން ލިބޭ ކަމަށާއި އެކަންކަން ވީހާވެސް އަވަހަށް ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މިހާރު ދަތުރުފަތުރު ކުރުމުގައި އޮތް ދަތިކަމަށް ލުޔެއް ލިބިގެން ގޮސްފައިވާއިރު ވަރަށް އަވަހަށް ދެވަނަ ފިޔަވަހީގައި ތައުލީމާއި ސިއްހީ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގައި ދިރިއުޅެން މީހުން ފެށިއިރު މިތަނަށް ބޭނުންވާ ވަރަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭން ޖެހިފައި އެބަހުރި. އެއީ ތައުލީމު ދިނުން ކަމަށްވިޔަސް، ސިއްހީ ހިދުމަތް ދިނުން ކަމަށްވިޔަސް އަދި އެހެނިހެން ހިދުމަތްތައް ކަމަށްވިޔަސް އުފުލަން ޖެހިފައިވާ ބުރަ ވަރަށް ބޮޑު. މި އަސާސީ ހިދުމަތްތަކާއި ޒަރޫރީ ބޭނުންތައް ވީހާވެސް އަވަހަށް ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރާއި އެޗްޑީސީއާ ގުޅިގެން ބުރަ މަސައްކަތްތަކެއް ފަށައިފިން،ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު
ރައީސް އިތުރަށް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔވަަހީގައި 70،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށް ލަފާ ކުރެވޭއިރު ދޭން ޖެހޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން، ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ބޮޑަށް ހަރުދަނާ ކުރަން ޖެހޭއިރު ސިއްޙީ ހިދުމަތާއި ސްކޫލްތަކާއި ޕާކިންގެ ހިދުމަތް ހަރުދަނާ ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އަންނަ އަހަރުގެ ޖެނުއަރީމަހު ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2 ޕްރީސްކޫލެއްގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ އޮގަސްޓް މަހު ހުޅުވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.