ކ. މާލެ
|
14 ޖޫން 2022 | އަންގާރަ 23:01
އެސޯސިއޭޝަން ކަޕްގެ ތެރެއިން
އެސޯސިއޭޝަން ކަޕްގެ ތެރެއިން
މިހާރު
އެސޯސިއޭޝަން ކަޕް 2022
ފަހަތުން އަރައި އޮފު އެފްސީ ބަލިކޮށް، ޕޮލިހުން ކުރިއަށް
ޕޮލިސް މޮޅުވީ ފަހަތުން އަރައި ތިން ސެޓު ހޯދައިގެން

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ފަހަތުން އަރައި އޮފު އެފްސީ ބަލިކޮށް، ޕޮލިސް ކުލަބުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

މުބާރާތުގައި އަންގާރަ ދުވަހުގެ ރޭ އޮފު އެފްސީއާއި ޕޮލިސް ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓު ހޯދީ އޮފު އެފްސީންނެވެ. ވާދަވެރި ކުޅުމަކަށްފަހު އެ ޓީމުން ފުރަތަމަ ސެޓު ހޯދީ 25-23ންނެވެ. ނަމަވެސް، ޕޮލިހުން ވަނީ މެޗުގެ ތެރެއަށް ވަދެ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ޖެހިގެން އައި ތިން ސެޓު ހޯދައި، މެޗުން މޮޅުވެފައެވެ. ޕޮލިސް ޓީމުގެ ބިދޭސީ އެޓޭކަރު އަނޫ ޖޭމްސްގެ ބާރު ހަމަލާތައް މި ތިން ސެޓުގައި ވެސް ފެނުނެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮލިސް ޓީމުގެ ސެޓަރު މުތުސާމީގެ މޮޅު ކުޅުން ވެސް ވަނީ ފެނިފައެވެ.

ތިން ސެޓު ވެސް ޕޮލިހުން ނިންމާލީ ލީޑުގައި އޮވެގެންނެވެ. ޕޮލިހުން ދެ ވަނަ ސެޓު ހޯދީ 25-18ންނެވެ. އަދި ތިން ވަނަ ސެޓު 25-16ން ހޯދިއިރު، ފަހު ސެޓު ހޯދީ 25-20ންނެވެ. މެޗުގައި، ޕޮލިސް ޓީމުގައި ހިމެނޭ ޒުވާން ގިނަ ކުޅުންތެރިން ވަނީ ކުޅެފައެވެ. އަދި އެ ކުޅުންތެރިން ވަނީ އިތުބާރާއެކު މި މެޗުގައި ވެސް ކުޅެފައެވެ. ޕޮލިސް ޓީމުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) އަންނަނީ މުބާރާތުގައި ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތު ދެމުންނެވެ. އަދި ޕޮލިހުގައި އޮތީވެސް ވަރަށް ޒުވާން ސްކޮޑެކެވެ.

މެޗުން މޮޅުވެ ޕޮލިސް ވަނީ މުބާރާތުގެ ސެމީގެ ޖާގައެއް ޔަގީންކޮށްފައެވެ. މުބާރާތުގައި ޕޮލިހުގެ މެޗެއް ދެން އޮންނާނީ ހުކުރު ދުވަހުގެ ރޭގަނޑުއެވެ. އެ މެޗުގައި ޕޮލިސް ނުކުންނާނީ ސްޕޯޓްސް ކުލަބް ސިޓީއާ ދެކޮޅަށެވެ.

މުބާރާތުގައި ބުދަ ދުވަހުގެ ހަވީރު ދިވެހި ސިފައިންގެ ކުލަބް ނުކުންނާނީ ކުލަބް ވެމްކޯއާ ދެކޮޅަށެވެ. އަދި އެ ރޭގެ މެޗުގައި ސްޕޯޓްސް ކުލަބް ސިޓީ ނުކުންނާނީ ގުޑީސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

- ކޮމެންޓް