ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް ކުރިއަށްގެންދިއުމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނުކަމަށް މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝިޔާން ވިދާޅުވެއްޖެއެވެ.
މުބާރާތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިޔާން ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހުނީ އެކަށީގެންވާ ވަސީލަތްތައް ހޯދުމުގައި ކަމަށެވެ. އަދި އުކުޅަހުގައި ހުރި ކޮންވެންޝަން ސެންޓަރުގައި އިންޓަރނޭޝަނަލް މުބާރާތެއް ބޭއްވުމަށް ބޭނުންވާ ހުރިހާ ޑިޕާޓްމެންޓްތަކެއް ހަމަވުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއްގެގޮތުގައި ޝިޔާން ފާހަގަކުރެއްވިއެވެ.
މި މުބާރާތް އޮންނާނީ އއ. އުކުޅަހުގައެވެ. މުބާރާތުގައި ތަފާތު ނުވަ ގައުމަކުން 180ށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާނެއެވެ. ޝިޔާން ވިދާޅުވީ މުބާރާތުގައި ބައިވެރިވާ ޓީމުތަކާއި ކުޅުންތެރިންގެ އާއިލާގެ އެކޮމޮޑޭޝަން ހަމަޖެއްސުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަމަށެވެ.
މީގެ އިތުރުން، ބޮޑު ޓީމެއް އެކޮޅުގައި ގޮސް ތިބުމަކީވެސް އަންދާޒާ ކުރެވޭވަރަށްވުރެ ބޮޑު ޚަރަދެއްކަމަށް ޝިޔާން ވިދާޅުވިއެވެ. މި ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސުމުގައި ސަރުކާރާއި ޔޫތު މިނިސްޓްރީގެ ފަރާތުން ލިބުނު އެއްބާރުލުން ޝިޔާން ފާހަގަކުރިއެވެ.
މިއީ ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ އިންޓަރނޭޝަނަލް ޗެސް މުބާރާތެވެ. މި މުބާރާތް ކާމިޔާބުކޮށްގެން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުންތަކެއް ހޯދުމުގެ ފުރުސަތު ބައިވެރިންނަށް އެބައޮތެވެ.
މި މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ބެސްޓް ތުރީއަކީ ދުނިޔޭގެ ފެންވަރުގެ ޓައިޓަލް ހޯލްޑަރުންނަށް ވެގެންދާނެމޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝިޔާން
މި މުބާރާތުގައި ރާއްޖޭގެ 35 ކުޅުންތެރިން، އެކި އުމުރުފުރާތަކުގައި ބައިވެރިވާނެއެވެ. މިއީ މިފަދަ ބޮޑު މުބާރާތެއްގައި ރާއްޖެއިން ވާދަކުރާ އެންމެ ބޮޑު ޓީމެވެ.