ކ. މާލެ
|
14 ޖޫން 2022 | އަންގާރަ 15:33
ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށްފަހު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށްފަހު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލަން ނޯޓިސް
3000 މެމްބަރުން ހަމަކުރަން ޕާޓީތަކަށް ދިން މުއްދަތު އިތުރުކޮށްފި
ފޯމްތައް މިރޭ 22:00އާ ހަމައަށް ބަލައިގަންނާނެ

3000 މެމްބަރުން ހަމަކުރަން ޕާޓީތަކަށް ދިން މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފިއެވެ.

އެ ކޮމިޝަނުން ބުނީ، ގާނޫނުގައިވާ ޢަދަދަށް މެންބަރުން ހަމަކުރުމަށް ނޯޓިސް ދެވިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތައް އަންގާރަ ދުވަހުގެ 22:00އާ ހަމައަށް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ކުރިން ފޯމްތައް ހުށަހެޅުމުގެ މުއްދަތު ހަމަވާގޮތަށް އޮތީ އަންގާރަ ދުވަހުގެ 14:00އާ ހަމައަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން އުވާލަން ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން ޑީއާރުޕީއާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ) މެމްބަރުން ހަމަކުރަން އަދި ފޯމް ހުށަހަނާޅާކަމަށް އިލެކްޝަންސް ކޮމިޝަނުން ހޯމަ ދުވަހު ވަނީ ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، އެ ދެޕާޓީން މިހާތަނަށް މެމްބަރުން އިތުރުކުރުމަށް ފޯމް ހުށަހާޅާފައިވާ ނުވާއިރު، 3000 މެމްބަރުން ހަމަކުރުމަށް ޑީއާރްޕީން 1200 ފޯމް އަދި އެމްއެލްއެސްޑީން 300އެއްހާ ފޯމް ހުށަހަޅަންޖެހޭ ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި އުފައްދަވާފައިވާ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) ފޯމްތައް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ހަސަން ވިދާޅުވީ، ފޯމްތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 3000 މެމްބަރުން ހަމަކުރުމަށް އެޕާޓީއަށް ބޭނުންވަނީ 500 ފޯމް ކަމަށާއި، މިހާރު ޕާޓީން 600އެއްހާ ފޯމް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

3000 މެމްބަރުން ހަމަނުވެގެން އުވާލަން ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން 3000 މެމްބަރުން ހަމަކުރުމުން ލިސްޓުން ވަނީ އުނިކޮށްފައެވެ. ޕާޓީތަކަށް މެމްބަރުން ހަމަކުރަން ނޯޓިސް ފޮނުވީ މާޗު މަހުއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަނަމަވެސް، ގިނަ ޕާޓީތަކުގައި 10،000 މެމްބަރުންވެސް ހަމައެއް ނުވެއެވެ. ގާނޫނުގައި ބުނާގޮތުން ދައުލަތުން ބަޖެޓް ދޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި އަދަދު ހަމަވާ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ 4 ޕާޓީއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. 3000 މެމްބަރުން ޕާޓީގައި ހަމަނުވާނަމަ އެ ޕާޓީއެއް އުވާލާނެއެވެ.

މެމްބަރުން ހަމަކުރަން ބައެއް ޕާޓީތަކުން ސައްހަ ނޫން ފޯމުތައް ހުށަހަޅާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. މިކަމާގުޅިގެން އީސީން ވަނީ، ސައްހަ ނޫން ކޮންމެ ފޯމަކަށް، އެ ޕާޓީއެއް 10،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައެވެ. އަދި ރަޖިސްޓްރާ ވެސް ފުރަތަމަ ފަހަރަށް 5،000 ރުފިޔާއިން، އަދި އެކަން ތަކުރާރުވެއްޖެނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޮކްޓޯބަރު މަހާ ހަމައަށް އެކަންކަން އިސްލާހުނުވެއްޖަނަމަ، ފޯމުގައި ސޮއިކުރާ ހެކިވެރިންވެސް ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.


Advertisement
- ކޮމެންޓް