2023 ގެ ރިޔާސީ އިންތިޚާބަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ފުރިހަމަ ތާއީދު އެބައޮތްކަމަށް އެމަނިކުފާނުގެ ކެބިނެޓުގެ ވަޒީރުކަން ކުރައްވަމުން ގެންދަވާ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއެކު މަސައްކަތް ކުރައްވާފައިވާއިރު، ރައީސް ސާލިޙަކީ ޓީމެއް ގޮވައިގެން އުޅުއްވޭނެ ޤާބިލު ލީޑަރެއްކަން ފެނިލައްވާފައިވާ ކަމަށެވެ.
17 ނޮވެމްބަރު 2018 އިން ފެށިގެން ރައީސް ސާލިޙުގެ ކެބިނެޓުގެ ވަޒީރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ކިބައިން ފެނިލައްވާފައިވަނީ ކެތްތެރިކަމާއި، ކަންކަން އަޑުއެއްސެވުމާއި، އެމަނިކުފާނުގެ ރަނގަޅު ވިސްނެވުންކަމަށް މާރިޔާ ވިދާޅުވިއެވެ.
އަދި ކަންކަމުގައި ނިިންމަން ޖެހޭ ނިންމެވުންތައް ވަގުތުން ނިންމެވުމުގައިވެސް ރައީސް ސާލިޙު ފާހަގަކުރެއްވޭކަމަށް މާރިޔާ ވިދާޅުވިއެވެ.
މި ސަރުކާރުގެ ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ 2023 ގެ ރިޔާސީ އިންތިޚާބަށް ރައީސް ސާލިޙު ކެނޑިޑޭޓެއްގެ ގޮތުގައި ހުންނެވުމަށް އެންމެ ފުރިހަމައަށް ތާއީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. އެކަމުގައި ފުރިހަމަ ސަޕޯޓު އޮތްކަންވެސް މިނިސްޓަރު މާރިޔާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ޓްވީޓާއި ގުޅިގެން ޚިޔާލު ފާޅުކުރެއްވި ފަރާތްތަކުން ވަނީ އެމްޑީޕީ ވަރުގަދަ ސިޔާސީ ޕާޓީއަކަށް ހެއްދެވުމަށް މަސައްކަތް ކުރެއްވި އެންމެ ހިތްވަރުގަދަ އަންހެން ލީޑަރަކީ މާރިޔާކަން ފާހަގަކޮށް، މިނިސްޓަރު މާރިޔާ ރައީސް ސާލިޙަށް ތާއީދުކުރެއްވުމަކީ އެމްޑީޕީގެ ލޯބި ރައީސް ސާލިޙަށް އޮތްކަން ފާޅުވާ ކަމެއްކަމަށް ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ރައީސް ސާލިޙު ދާދި ފަހުން ވަނީ ކުރައްވާފައެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަށް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެކަމަށް މިހާ ފާޅުކަން ބޮޑުގޮތެއްގައި ޚުދު ރައީސް ސާލިޙު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރުމަކީ މުޅި ޤައުމަށް ވެސް ވަރަށް ބޭނުންތެރި އަދި އެންމެ ފައިދާ ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް، އެ އިންތިޚާބު ކާމިޔާބު ކުރެވޭނީ ކޯލިޝަނެއްގެ އެހީތެރިކަމާއެކު ކަމަށް ޔަޤީންކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.