ކ. މާލެ
|
14 ޖޫން 2022 | އަންގާރަ 08:28
ޕޮލިސް ޓީމުގެ ކޯޗު ފައްލޯ
ޕޮލިސް ޓީމުގެ ކޯޗު ފައްލޯ
ރާއްޖެ އެމްވީ
އެސޯސިއޭޝަން ކަޕް 2022
ދިމާވި މައްސަލައަކީ ހަވާލުކުރި ޓާސްކުތައް ދޫކޮށްލުން: ފައްލޯ
ޕޮލިސް މޮޅުވެފައިވަނީ ފަހަރުން އަރައި ތިން ސެޓު ހޯދައިގެން

އެސޯސިއޭޝަން ކަޕްގެ ފިިރިހެން ޑިވިޝަންގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ކުޅުންތެރިންނަށް ހަވާލުކުރި ޓާސްކުތައް ދޫކޮށްލުމުން އޭގެ އަސަރު ފެނުނު ކަމަށް ޕޮލިސް ކުލަބުގެ ކޯޗު ފަތުހުއްﷲ ވަހީދު (ފައްލޯ) ބުނެފިއެވެ.

ހޯމަ ދުވަހުގެ ހަވީރު ޕޮލިސް ނުކުތީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. އެމެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ ސިފައިންގެ ޓީމުންނެވެ. ފުރަތަމަ ދެ ސެޓުގައި ޕޮލިސް ޓީމުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ނުފެނެެއެވެ. ނަމަވެސް ޕޮލިހުން ވަނީ ޖެހިގެން އައި ތިން ސެޓުގައި ކުޅުނު ރަނގަޅުކޮށް، ފަހަތުން އަރައި މެޗުން މޮޅުވެފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޮލިސް ޓީމުގެ ކޯޗު ފައްލޯ ބުނީ މެޗުގެ ފުރަތަމަ ދެ ސެޓު ގޯސްކޮށް ދިޔަ ނަމަވެސް، ފަހަތުން އަރައި ތިން ސެޓުން މޮޅުވެވުނީ ކުޅުންތެރިން ކުރި ހިތްވަރުން ކަމަށެވެ. އަދި ފުރަތަމަ ދެ ސެޓުގެ ކުޅުން ގޯސްކޮށް ދިޔައީ މާބޮޑަށް މެޗުން މޮޅުވެވޭނެ ކަމަށް ނިންމައިގެން ތިބުމުން ކަމަށެވެ. ކުޅުންތެރިންނަށް ހަވާލުކުރެވިފައި ހުރި ޓާސްކުތައް ދޫކޮށްލާފައި، އެހެން ގޮތަކަށް ކުޅެވުމުގެ ނަތީޖާއަކީ ފުރަތަމަ ދެ ސެޓު ދަށްކޮށް ދިޔުންކަން ފައްލޯ ފާހަގަކުރިއެވެ.

މީގެ އިތުރުން ފައްލޯ ބުނީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ކުރާ އިތުބާރަކީ އޭނާގެ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ. އަދި ގެނެވޭ ބަދަލުގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަ ވެގެންދާނެކަން ވެސް ފައްލޯ ވަނީ ފާހަގަކޮށްފައެވެ.

އެންމެން އެކީ ކުރެވޭ މަސައްކަތް، އެކަކު އަނެކަކަށް ކުރާ އިތުބާރު. އެއީ ހަގީގަތުގައި ބަދަލެއް ގެނައީމާ އިތުރަށް ޓީމު ވަރުގަދަ ވަނީ. އިތުރަށް ޓީމަށް ހިތްވަރު ލިބެނީ. އެހެންވީމާ، އަޅުގަނޑުމެންގެ ކޮންމެ ކުޅުންތެރިޔަކަށް، އަޅުގަނޑުމެންގެ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު އިތުބާރު ކުރާކަން އެއީ މީގެ ހަގީގަތަކީ
ފައްލޯ / ޕޮލިސް ޓީމުގެ ކޯޗު

މެޗުގައި ޕޮލިހުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ރަނގަޅު ކުޅުމާއި ގުޅޭ ގޮތުން ފައްލޯ ބުނީ، ޕޮލިހުން އަބަދުވެސް ޒުވާން ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި މެޗުގައި ވެސް ޒުވާން ކުޅުންތެރިން ފެނިގެން ދިޔަ ކަން ފައްލޯ ވަނީ ފާހަގަކޮށްފައެވެ. އަދި ބޮޑު މުބާރާތެއްގައި ޕްރެޝަރާއެކު ކުޅެލުމަކީ އެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކާއި ތަޖުރިބާއެއް ކަމަށް ވެސް ފައްލޯ ބުންޏެވެ. އަދި އެއީ ޒުވާން ކުޅުންތެރިން އުފެއްދުމަށް ކުރާ މަސައްކަތަށް ލިބުނު އައު ހިތްވަރެއް ކަމަށް ފައްލޯ ވަނީ ބުނެފައެވެ.

މުބާރާތުގައި ޕޮލިސް ވަނީ އެ ޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބާ ވާދަކޮށް ވެސް ޕޮލިސް މޮޅުވީ ފަސް ސެޓަށް ގޮސްގެންނެވެ. މުބާރާތުގެ ޕޮލިސް ދެން ނުކުންނާނީ އޮފު އެފްސީއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މިރޭ 20:15 ގައެވެ.

- ކޮމެންޓް