ކ. މާލެ
|
13 ޖޫން 2022 | ހޯމަ 22:52
އެސޯސިއޭޝަން ކަޕްގެ ތެރެއިން
އެސޯސިއޭޝަން ކަޕްގެ ތެރެއިން
ވީއޭއެމް
އެސޯސިއޭޝަން ކަޕް 2022
ޕޮލިހާއި ވެމްކޯގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ޕޮލިސް މޮޅުވީ ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްގެން
ވެމްކޯ މޮޅުވީ ތިން ސެޓު އެއް ސެޓުން

އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި ޕޮލިސް ކުލަބާއި ކުލަބް ވެމްކޯ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.

މުބާރާތުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޕޮލިސް ނުކުތީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ، ފުރަތަމަ ދެ ސެޓު ސިފައިންގެ ޓީމުން ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ގުޑީސް ސްޕޯޓްސް ކުލަބާ ވާދަކޮށް ޕޮލިސް މޮޅުވީވެސް ފަސް ސެޓަށް ގޮސްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ސިފައިންގެ ޓީމުން ކާމިޔާބުކުރީ ފަސޭހަކަމާއެކުއެވެ. އެ ޓީމުގެ ބިދޭސީ އެޓޭކަރު ޝޮން ޓީ ޖޯންގެ ބާރު އެޓޭކުތަކުން ސިފައިންގެ ޓީމުން މި ސެޓު ހޯދީ 25-15 ންނެވެ. މި ސެޓުގައި ޕޮލިސް ޓީމުގެ ފަރާތުން އެދެވޭ ކުޅުމެއް ނުފެނެއެވެ. ފުރަތަމަ ސެޓާ އެއްގޮތަށް ސިފައިންގެ ޓީމުން ވަނީ ފަސޭހަކަމާއެކު ދެ ވަނަ ސެޓު ވެސް ހޯދާފައެވެ. މި ސެޓުގައި އެ ޓީމުގެ އާދަމް ނަސީމް (އެޑަމް)ގެ ރަނގަޅު ކުޅުމެއް ވަނީ ފެނިފައެވެ. ސިފައިންގެ ޓީމުން މި ސެޓު ހޯދީ 25-20ންނެވެ.

ޕޮލިހުން ވަނީ ޖެހިގެން އައި ތިން ވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށްފައެވެ. މުޅި ސެޓު ޕޮލިހުން ނިންމާލީ ލީޑުގައި އޮވެއެވެ. ފުރަތަމަ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަނޫ ޖޭމްސްގެ ބާރު ހަމަލާތަކުން ޕޮލިހުން ސެޓު ނިންމާލީ 25-22ންނެވެ. ޕޮލިހުން ވަނީ އެ ރޫހުގައި ނިކުމެ ހަތަރު ވަނަ ސެޓުވެސް ހޯދާފައެވެ. މި ސެޓު ޕޮލިހުން ހޯދީ 25-29ންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ވެސް ޕޮލިހުން ކުޅުނީ ރަނގަޅު ރޫހެއްގައެވެ. އެ ޓީމުގެ ބިދޭސީ އެޓޭކަރުންގެ އިތުރުން ދިވެހި ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ޕޮލިހުން މި ސެޓު ހޯދީ 15-7ންނެވެ.

ދެ ވަނަ މެޗުގައި ހޯމަ ދުވަހުގެ ރޭ ބައްދަލުކުރީ ސްޕޯޓްސް ކުލަބް ސިޓީއާއި ކުލަބް ވެމްކޯއެވެ. މި ދެ ޓީމުވެސް ވަނީ ކުޅުނު ފުރަތަމަ މެޗުގައި މޮޅުވެފައެވެ. ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ ވެމްކޯއިންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ހޯދީ 27-25ންނެވެ. ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ އަޝްވައި ރާއީގެ މޮޅު ކުޅުން މިރޭވެސް ވަނީ ފެނިފައެވެ. މީގެ އިތުރުން އެ ޓީމުގައި ހިމެނޭ ގައުމީ ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ކުޅުން ވެސް ފާހަގަކޮށްލެވެއެވެ. ވާދަވެރިކޮށް ދިޔަ ދެ ވަނަ ސެޓު ވެމްކޯއިން ހޯދީ 25-22ންނެވެ.

ތިން ވަނަ ސެޓުގައި ސިޓީން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދައި 25-18ން ސެޓު ކާމިޔާބުކޮށް، އުންމީދު އާކޮށްފައެވެ. ނަމަވެސް ހަތަރު ވަނަ ސެޓުގައި ވެމްކޯގެ އަޝްވައި ރާއީގެ ބާރު ހަމަލާތަކުން އެ ޓީމު ލީޑުކުރަންފެށިއެވެ. ވެމްކޯއިން މި ސެޓު ހޯދީ 25-17ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޅި މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި އަޝްވައި ރާއީއެވެ.

މުބާރާތުގައި އަންގާރަ ދުވަހު ކުޅޭނީ އެންމެ މެޗެކެވެ. އެ ދުވަހު ހަވީރުގެ ބައްދަލުކުރާނީ އޮފު އެފްސީއާއި ޕޮލިސް ކުލަބެވެ.

- ކޮމެންޓް