ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއާ އެއް ޓީމަކަށް ކުޅެން ބޭނުންވާކަމަށް ފްރެންކީ ޑި ޔޯން ބުނެފިއެވެ.
ބާސެލޯނާއަށް ކުޅެމުން އަންނަ ޑި ޔޯން މިހެން ބުނީ ލެވަންޑޯސްކީ ހޯދުމުގެ މަސައްކަތް ބާސާއިން ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ލެވަންޑޯސްކީ ވަނީ މި ސީޒަނަށްފަހު އޭނާ ބަޔާން ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި އެކަމާ މެދު ލެވަންޑޯސްކީއާއި ބަޔާންއާ ދެ މެދު ހިތްހަމަނުޖެހުމެއް ވެސް އޮތީ އުފެދިފައެވެ.
ލެވަންޑޯސްކީ ބާސާއަށް ގެނައުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޑި ޔޯން ބުނީ ލެވަންޑޯސްކީއަކީ މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ އަކީ ދުނިޔޭގައި މި ވަގުތު ތިބި މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ. ބާސާއަށް އައުމާއި ނައުން އެއީ ލެވަންޑޯސްކީގެ އަމިއްލަ ކަމެއް ކަމަށް ވެސް ޑި ޔޯން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޑި ޔޯން ބުނީ ލެވަންޑޯސްކީއާ އެއް ޓީމަކަށް އޭނާ ކުޅެން ބޭނުންވާ ކަމަށެވެ. އަދި އޭނާ ހުންނަ ޓީމެއްގައި ލެވަންޑޯސްކީ ހުންނަން އެދޭ ކަމަށެވެ. ބާސާއިން ލެވަންޑޯސްކީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބަޔާނުން އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ބަޔާނުން ބުނަނީ ލެވަންޑޯސްކީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބަ އޮތް ކަމަށެވެ. ނަމަވެސް، ލެވަންޑޯސްކީ ބުނާ ގޮތުގައި އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތުމަކީ ބަޔާނުން އޭނާގެ ނިންމުމާދު ދެކޮޅު ހަދަންޖެހޭ ސަބަބެއް ނޫންކަމަށެވެ.