ވިކްޓްރީ އަލުން ފުރަތަމަ ޑިވިޝަނަށް ގެންނަން ކުރާ މަސައްކަތުގައި ސަޕޯޓަރުންގެ އެހީ ވަރަށް ބޮޑަށް ބޭނުންވާކަމަށް ކޯޗު ޕަކީރު އަލީ ބުނެފިއެވެ.
ދަރަނިތައް ދެއްކުމަށްފަހު ސަސްޕެންޝަނުން ސަލާމަތްވެ, ފުރަތަމަ ޑިވިޝަނަށް އެނބުރި އައުމަށް ވިކްޓްރީ މިހާރު އަންނަނީ ދެވަނަ ޑިވިޝަންގައި ބައިވެރިވެ ޕްރެކްޓިސް ކުރަމުންނެވެ. ވިކްޓްރީ އަލުން މަޤާމަށް ގެނައުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ ކުރިން ރާއްޖޭގައި ކުޅެ, ކޯޗުކަންވެސް ކޮށްފައިވާ ސްރީލަންކާގެ ޕަކީރު އަލީއާއެވެ. ވިކްޓްރީގެ ދެވަނަ ޕްރެކްޓިސްގެ ތެރެއިން އޭނާ ބުނީ ވިކްޓްރީ އަނބުރާ މަޤާމަށް ގެނެވޭނީ ސަޕޯޓަރުންގެ އެހީ ލިބިގެންކަމަށެވެ. އޭނާ ރާއްޖޭގައި ކުޅުނުއިރު އޮތް ސަޕޯޓް މިއަދު ނެތްކަމަށާއި, އެސަޕޯޓް ބޭނުންވާކަމަށް އޭނާ ބުންޏެވެ.
ކުރިން ރާއްޖޭގައި ތިބީ ކޮލިޓީ ކުޅުންތެރިން, ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް އޮތް. އޭރު ކޮންމެ ކްލަބެއްގައިވެސް ސަޕޯޓަރުން ތިބި. އެހެންކަމުން އޭރު ކުޅުންތެރިން އަބަދުވެސް ތިބީ މޯޓިވޭޓްވެފަ. މެޗުތަކުގެ ފެންވަރު ރަނގަޅު. މިހާރު މަދުވަނީ ސަޕޯޓަރުން. އެކަމަކު ހުނަރުވެރި ކުޅުންތެރިން އެބަތިބިޕަކީރު އަލީ/ ވިކްޓްރީގެ ކޯޗު
ބަންގްލަދޭޝްގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ޕަކީރު އަލީ ބުނީ ސަޕޯޓަރުންގެ އިތުރުން މީޑިޔާގެ އެހީތެރިކަންވެސް ބޭނުންވާކަމަށާއި, ވިކްޓްރީ ފުރަތަމަ ޑިވިޝަނަށް ގެނައުމަށް ކުރާ މަސައްކަތުގައި ހުރިހާ ސަޕޯޓަރުންގެ އެހީތެރިކަން ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ. އަދި ސަޕޯޓަރުން ދަނޑަށް ވަދެ ޓީމަށް ސަޕޯޓްކުރުމަށް އޭނާ އެދުނެވެ. ޕަކީރު އަލީ ބުނީ އަބަދުވެސް ރާއްޖޭގައި މަސައްކަތްކުރަން ޝައުޤުވެރިވާކަމަށާއި, ވިކްޓްރީއަށް އަންނަން ލިބުމަކީ ރަނގަޅު ފުރުޞަތެއްކަމަށެވެ.
އޭނާ ރާއްޖޭގައި ކުޅުނުއިރު ވިކްޓްރީއަކީ އެންމެ މޮޅު އެއް ޓީމު ކަމަށާއި, ރާއްޖޭގައި ގިނަ ދުވަހު ކުޅުމަށްފަހު މިއީ އަނެއްކާވެސް ރާއްޖޭގެ ފުޓްބޯޅައަށް އެހީވާން ލިބޭ ފުރުޞަތެއްގެ ގޮތުގައި ދެކޭކަމަށް ލަންކާގެ ތަޖުރިބާކާރު ކޯޗު ބުންޏެވެ. އޭނާ ބުނީ ކޯޗެއްގެ ގޮތުގައި ޗެލެންޖު ނަގަން އަބަދުވެސް ޝައުޤުވެރިވާކަމަށާއި, ޗެލެންޖު ނަގަން އަބަދުވެސް ތައްޔާރުކަމަށެވެ. ސްރީލަންކާއާއި ބަންގްލަދޭޝްގައިވެސް މަސައްކަތްކުރީ އެވިސްނުމުގައިކަމަށް އޭނާ ބުންޏެވެ.