ކ. މާލެ
|
8 ޖޫން 2022 | ބުދަ 17:41
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް
ރައީސް އޮފީސް
މަޝްރޫތައް ކުރިއަށްގެންދިޔުން
އިތުރު އައު ބޮޑު މަޝްރޫއެއް، އަލުން ލޯނުނަގައިގެން ކުރިއަށްގެންދިޔުމުގެ ވިސްނުމެއް ނެތް: ރައީސް
އައު ބައެއް މަޝްރޫއުތައް ފެށުންވެސް މިހާރު މަޑުޖައްސާލާފައިވާނެ

އިތުރު އައު ބޮޑު މަޝްރޫއެއް އަލުން ލޯނުނަގައިގެން ކުރިއަށް ގެންދިޔުމުގެ ވިސްނުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އައު ބައެއް މަޝްރޫއުތައް ފެށުންވެސް މިހާރު މަޑުޖައްސާލާފައިވާކަމަށާއި، އޭގެ ތަފްސީލުތައް އާންމުކުރަމުން ދާނެކަމަށެވެ. ރައީސް ވިދާޅުވީ ރަޝިޔާ-ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސާދަށްވެސް އެކަމުގެ އަސަރު ކުރަމުންދާއިރު ރާއްޖޭގެ އިގުތިސާދަށްވެސް އެކަމުގެ އަސަރު ކުރާނެކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ހިނގަމުންދާ މަޝްރޫއުތަކަކީ ފައިސާ ހަމަޖެހިފައި ހުރި މަޝްރޫއުތައްކަމަށާއި، ދަތިނުވެ އެ ޕްރޮޖެކްޓްތައް ހިންގޭނެކަމަށެވެ. އަދި ހިނގަމުންދާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަމަށާއި، އިގުތިސާދަށް އަންނަ ބަދަލަކުން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުން އެންމެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ ތެރެއިން މާލެއާއި ވިލިމާލެ ގުޅުވާލާ ބްރިޖް އަންނަ އަހަރުގެ ޖުލައި މަހުގައި ނުވަތަ އޮގަސްޓް މަހުގެ ކުރީކޮޅު އާންމުންނަށް ހުޅުވާލާނެކަމުގެ ޔަގީންކަން، އެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ވެސް ވަނީ ބުނެފައެވެ.

އެފްކޮންސްއާއެކު ބޭއްވި ބައްދަލުވުމުގައި އެ ކުންފުނިން ބުނެފައިވަނީ, މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި 6 ކިލޯމީޓަރުގެ މި ބްރިޖް މަޝްރޫއުގެ ފުރަތަމަ ބްރިޖް (މާލެ ވިލިމާލެ ގުޅުވާލާ، 1 ކިލޯ މީޓަރަށްވުރެ ދިގު ބްރިޖް) އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނުވަތަ އޮގަސްޓް މަހުގެ ފުރަތަމަކޮޅު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

އެފްކޮންސްއިން ބުނީ މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ކަމަށާއި، އެ މަސައްކަތުގެ 50 އިންސައްތައަށްވުރެ ގިނަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އެ ކުންފުނިން ބުނެފައިވަނީ ކަނޑުގަދަވުމާއި އެ ސަރަހައްދުގެ ގޮތުން ސަރވޭ ކުރިއަށްގެންދިއުމުގައި ދަތިތަކެއް ހުރިނަމަވެސް، މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށެވެ.

މީގެ އިތުރުން ޖިއޯޓެކްނިކަލް ސަރވޭގެ ނަތީޖާތަކަށް ރިއާޔަތްކޮށް، ޑިޒައިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މައި ބްރިޖް އެޅުމަށްޓަކައި އަޅާ ވަގުތީ ބްރިޖްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވަނީ ބުނެފައެވެ. މީގެ އިތުުރުން ބްރިޖްގެ ކޮންކްރީޓް ޓެސްޓް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމަށާއި، މުޅި ބްރިޖްގެ މަސައްކަތް 2024 ވަނަ އަހަރުގެ ފަހުކޮޅު އެއްކޮށް ނިންމާލެވޭނެކަމަށް ވަނީ ބުނެފައެވެ.

ބްރިޖްގެ އުމުރު 120 އަހަރުވާން ދެން ހިފަހައްޓާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.


Advertisement
- ކޮމެންޓް