ދިރާގު ޓީވީއާއި ހައި ސްޕީޑް ފައިބަރ އިންޓަރނެޓްގެ ޚިދުމަތް ހއ. ބާރަށަށް ތައާރަފުކޮށްފިއެވެ.
މިއީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ތައާރަފުކުރި ޚިދުމަތްތަކެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ ހުރިހާ ރަށަކަށް މި ޚިދުމަތްތައް ތައާރަފުކުރަމުންނެވެ.
ބާރަށަށް ޚިދުމަތްތައް ތައާރަފުކޮށްފައިވަނީ ޚާއްސަ އޮފަރތަކަކާއެކުގައެވެ. އެގޮތުން، ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖަށް އެޕްލައިކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން، ޚާއްސަ ރައުޓަރ ނުވަތަ އޯއެންޓީވެސް ހިލޭ ލިބޭނެކަމަށް ދިރާގުން ބުނެއެވެ. މިއީ އެންމެ ހަލުވި ސްޕީޑާއެކު އެންމެ ބޮޑެތި ޑޭޓާ އެލަވެންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއްކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ދިރާގު ޓީވީއަށް އެޕްލައިކުރާ ކަސްޓަމަރުންނަށްވެސް އެ ޚިދުމަތް ހިލޭ ގުޅައިދޭން ދިރާގުން ނިންމާފައިވާއިރު، ޖޯއިބޮކްސްވެސް ހިލޭ ލިބޭނެއެވެ. މިއާއެކު ބާރަށު ރައްޔިތުންނަށް އެންމެ މަގުބޫލު ޓީވީއާއި މުނިފޫހިިފިލުވުމުގެ ކޮންޓެންޓުތައް އެއް ޕްލެޓްފޯމަކުން ބަލާލެވޭނެކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބަރ ނެޓްވޯރކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 84 އިންސައްތައަށް މި ޚިދުމަތް ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި 86 ރަށެއް ހިމެނެއެވެ. އަދި 100ށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީގެ ޚިދުމަތް، ކޮންޓެންޓާއި ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި، ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 84 އިންސައްތަ ރަށަކަށް ފޯރުކޮށްދީފައެވެ.