ކ. މާލެ
|
6 ޖޫން 2022 | ހޯމަ 13:18
ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވަނީ
ޓޫރިޒަމް މިނިސްޓަރު ޑރ އަބްދުﷲ މައުސޫމް މަޖިލީހަށް ވަޑައިގެން މައުލޫމާތު ދެއްވަނީ
ރައްޔިތުންގެ މަޖިލިސް
ފަތުރުވެރިކަން ފުޅާކުރުން
ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލު ވަރަށް ފެހި: މިނިސްޓަރު
ކުރިއަށް އޮތް ތަނުގައި ހުރިހާ ސަރަހައްދެއްގައިވެސް އެކަށީގެންވާ ބެޑް ކެޕޭސިޓީ ގާއިމްކުރެވޭނެ
ސަރުކާރުން ގެންދަނީ އިތުރު ރަށްތައް ފަތުރުވެރިކަމަށް ދޫކުރުމުގެ މަސައްކަތް ކުރަމުން
ފަތުރުވެރިކަން ފުޅާވެގެންދާނީ ގިނަ ބަދަލުތަކަކާ އެކުގައި

ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤުބަލު ފެންނަނީ ވަރަށް ފެހިކޮށް ކަމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ނުހުއްޓި ކުރިއަށްދިއުމަށް ހުރިހާ ސަރަހައްދެއްގައި އެކަށީގެންވާ ވޮލިއުމް ގާއިމްކުރެވުން މުހިންމު ކަމުގައެވެ. ހުރިހާ ސަރަހައްދެއްގައިވެސް އެކަށީގެންވާ ވަރަށް ބެޑް ކެޕޭސިޓީ ގާއިމްކުރެވިފައިވާނަމަ އެއް ތަން ބަންދުކުރިޔަސް އޭގެ މާ ބޮޑު ގެއްލުމެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ސަރުކާރުން އަމާޒު ހިފާފައިހުރީ މި މިސްރާބަށް ދިއުމަށެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްކުރަމުންދާއިރު، ރިސޯޓު ތަރައްޤީކުރުމަށް އިތުރު ރަށްތައް ދޫކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު ފެންނަނީ ވަރަށް ފެހިކޮށް ކަމަށެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެކަށީގެންވާ އަދަދަކަށް ރިސޯޓު، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީތައް ހުންނާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ. އެކަށީގެންވާ އަދަދަކަށް ވަޒީފާތައް އުފެދިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގަ އެންމެ މުހިންމު އެއް ކަމަކަށް އަޅުގަނޑުމެން ބަލާނީ ދިރިއުޅޭ ހިސާބުން ވަޒީފާ ލިބޭނެ ގޮތް ހެދުން. އައްޑޫ ސިޓީގައި މިހާރު ތިބި މީހުންނަކީ ޓޫރިޒަމްގެ މާހިރުން. ވަރަށް މޮޅު، ކުޅަދާނަ ވާނެ. ވަޒީފާ ނުލިބި ނުހުންނާނެ. އެހެންނަމަވެސް ރަށާ ކައިރީގައި އުޅެމުން އާމްދަނީ ލިބޭނެ މަގު ތަނަވަސްކުރުން އެއީ ސަރުކާރުގެ ސިޔާސަތަކީ. އެހެންވީމަ އެ ގޮތުން ޝަންގްރިއްލާ މުހިންމު ވަނީ
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ވަރަށް ބޮޑަށް ފުޅާކުރުމުގެ އަމާޒު ސަރުކާރުން ހިފާފައިވާއިރު، މިހާރު ޓުރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ފަތުރުވެރިކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރަށް ހަދާ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭނަކީވެސް މި މަސައްކަތަށް ވަރަށް މުހިންމު ބައެއް ކަމަށާއި، މި މަސައްކަތްވެސް މިހާރު ދަނީ ނިމެމުން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް މާސްޓަރ ޕްލޭންގެ ތެރެއިން ފަތުރުވެރިކަމުގެ ހުރިހާ ޕްރޮޑަކްޓުތައް ކްލެސިފައި ވެގެންދާނެ ކަމަށެވެ. ވަން-އައިލެންޑް-ވަން-ރިސޯޓު ކޮންސެޕްޓް ކަށަވަރުކޮށްލަން ބޭނުންވާ ކަމަށާއި، މި ވާހަކަ ޤާނޫނުގައި ވަކިން ލިޔެވިގެންދާނެ ކަމަށާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ހަދާ ބޮޑެތި ހޮޓާތަކަށް، ރިސޯޓު ހޮޓަލުގެ މަފްހޫމް ގެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެތަނުން ހަމަ އެކި ފާޑުގެ މޫދު ކުޅިވަރުތައްވެސް ލިބޭ. އެހެން ކަހަލަ ޚިދުމަތްތައްވެސް ލިބޭ ގޮތަށް ހަދާފައި ހުރި ތަންތަން. މީހުން ދިރިއުޅޭ ގޭގޭގައި ވަކި އަދަދެއްގެ ކޮޓަރިއާއެކު ހަދާ ތަންތަން ގެސްޓްހައުސް ގޮތުގައި ރަޖިސްޓްރީކުރެވޭނެ
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު މާކެޓުތައް ހޯދުމަށް ކުރާ މަސައްކަތްވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން އައު މާކެޓުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތާއި، ފެއަރ ތަކުގައި ބައިވެރިވުން ހިމެނެއެވެ.

މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އަހަރު ނިމޭއިރު މި އަދަދަށް ފަތުރުވެރިން އަންނާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

- ކޮމެންޓް