ކ. މާލެ
|
6 ޖޫން 2022 | ހޯމަ 12:07
މިނިސްޓަރު ޑރ. ހުސެއިން ކާށިދޫގެ ދަނޑުތައް ބައްލަވައިލެއްވުން
މިނިސްޓަރު ޑރ. ހުސެއިން ކާށިދޫގެ ދަނޑުތައް ބައްލަވައިލެއްވުން
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދަނޑުތަކުގެ ހާލަތު ބެލުން
ކާށިދޫ އަދި ތޮއްޑޫގެ ދަނޑުތަކަށް މިނިސްޓަރު ހުސެއިން ޒިޔާރަތްކުރައްވައިފި
ވިއްސާރަވުމުގެ ސަބަބުން ކާށިދޫ ދަނޑުތަކަށް ލިބުނު ގެއްލުން ބައްލަވައިލެއްވި
ތޮއްޑޫ ދަނޑުވެރިންނަށް ދިމާވެފައިވާ ފެން ނުލިބުމުގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތް ބައްލަވައިލެއްވި
ކާށިދޫގައި ޒަމާނީ ދަނޑުވެރިކަމެއް ފެށުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވި

ރާއްޖޭގައި ދަނޑުވެރިކަމުގެ ރޮނގުން އެންމެ ފާހަގަކޮށްލެވޭ ދެ ރަށް ކަމުގައިވާ ކ. ކާށިދޫ އާއި އއ. ތޮއްޑޫއަށް މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ހުސައިން ރަޝީދު ހަސަން ޒިޔާތަރްކުރައްވައިފިއެވެ.

ކާށިދޫއަށް ކުރައްވާފައިވާ ދަތުރުފުޅަކީ ކާށިދޫގެ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމަށް ބަދަލު ކުރުމަށް ކ. ކާށިދޫ ކައުންސިލްގެ އިސްނެންގެވުމާއެކު ފަށާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކާށިދޫ ކައުންސިލްގެ ރައީސް މިނިސްޓަރަށް ދެއްވި ދައުވަތަކާއި ގުޅިގެން ކުރައްވާފައިވާ ދަތުރުފުޅެކެވެ.

މިނިސްޓަރު އއ. ތޮއްޑޫއަށް ކުރެއްވި ދަތުރުފުޅަކީ ތޮއްޑޫގެ ދަނޑުވެރިކަމަށް ބޭނުންވާ ފެނުގެ ވަސީލަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުޑަކޮށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް އެކުލަވާލައި، ތޮއްޑޫގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫއަށް ތޮއްޑޫގެ ކައުންސިލާއި ދަނޑުވެރިންނާއި މަޝްވަރާކޮށް ޚިޔާލުބަދަލު ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ހިންގާ އެކްސެލެރޭޓިންގ ސަސްޓެއިނެބްލް ސިސްޓަމް ޑިވެލޮޕްމެންޓް ޔޫސިން ރިނިވެބްލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓް ކޮންސަލްޓެންޓް ޑރ. އަހުމަދު ޝުކުރީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކާށިދޫއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރު ވަނީ ކާށިދޫ ކައުންސިލްގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ކާށީދޫގައި ކުރަމުންގެންދާ ދަނޑުވެރިކަމުގެ މައުލޫމާތު މިނިސްޓަރާއި ހިއްސާކުރައްވާފައެވެ. އަދި ކާށިދޫގެ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމަކަށް ބަދަލު ކުރުމަށް ކައުންސިލުން ގެންގުޅުއްވާ ޚިޔާލުތަކާއި އެ މަސައްކަތުގައި މިނިސްޓްރީގެ ފަރާތުން ބޭނުންވާ އެހީތެރިކަންވެސް ކައުންސިލްގެ ފަރާތުންވަނީ މިނިސްޓަރާއި ޙިއްޞާކުރައްވާފައެވެ.

Advertisement

މިދަތުރުފުޅުގައި ކާށިދޫގެ ދަނޑުވެރިންނާއެކު ކ. އަތޮޅު މަދަރުސާގައި ޚާއްސަ ބައްދަލުވުމެއް ބާއްވައި، އެރަށުގެ ދަނޑުވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ބެހޭގޮތުން ވަރަށް ތަފްސީލުކޮށް މަޝްވަރާކުރެވިފައިވެއެވެ. ދަނޑުވެރިންނަށް ލިބިފައިވާ ގެއްލުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުން، މިފަދަ ގެއްލުންތައް މަދުކުރުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން މާރުކޭޓުތަކުގައި ރަނގަޅު އަގު ލިބޭނެ ފަދަ ދަނޑު ބާވަތްތައް ހެއްދުމުގެ މުހިންމުކަން ފާހަގަކޮށް، މިނިސްޓްރީގެ ފަރާތުން ދަނޑުވެރިންނަށް ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

މިދަތުރުފުޅުގައި، މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކ. ކާށިދޫގެ ދަނޑުތަކަށް ލިބިފައިވާ ގެއްލުންތައް ބައްލަވައިލެއްވުމަށް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ އެ ރަށުގެ ކައުންސިލްގެ ރައީސާއެކު ދަނޑުތަކަށް ޒިޔާރަތް ކުރައްވާފައެވެ.

އއ. ތޮއްޑޫއަށް މިނިސްޓަރު ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އަދި ބައެއް ދަނޑުވެރިންނާއި ވަނީ ބައްދަލުކުރައްވާފައެވެ. 

ދަނޑުވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ފެން ފަށަލަ ތަޣައްޔަރުވުމުގެ ސަބަބުން ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތައް ފާހަގަކޮށް މިކަމަށް ހޯދޭނެ ހައްލެއްގެ ގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިކަމާ ބެހޭގޮތުން އިތުރަށް ވާހަކަދައްކަވަމުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އެހީގައި ކުރިއަށް ގެންދާ އެޝުއަރ ޕްރޮޖެކްޓުން ތޮއްޑޫގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫއާ ގުޅޭ މައުލޫމާތު މިނިސްޓަރު ހުސެއިން އަދި ޑރ. ޝުކުރީ ވަނީ ދަނޑުވެރިންނަށާއި ރަށު ކައުންސިލާއި ހިއްސާކުރައްވާފައެވެ. މި ޕްރޮޖެކްޓްގެ ދަށުން އއ. ތޮއްޑޫގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެން އުފައްދާ، ވާރޭފެން ނަގާ ރައްކާކޮށް، ޒަމާނީ އިރިގޭޝަން ސިސްޓަމެއް ގާއިމުކޮށް، ރަށުގެ ފެން ފަށަލައަށް ގެއްލުން ކުޑަ ގޮތަކަށް ދަނޑުތަކަށް ފެންދެވޭނެ ވަސީލަތެއް ތައާރަފްކުރުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއު އެކުލަވާލާފައިވާ ގޮތަށް ކައުންސިލާއި ދަނޑުވެރިންގެ ޚިޔާލާއި މަޝްވަރާ ވަނީ ހޯދާފައެވެ.

- ކޮމެންޓް