ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 13:12
އަބްދުﷲ ޝާހިދު
އަބްދުﷲ ޝާހިދު
އަބްދުﷲ ޝާހިދު ޓްވިޓަރ
ދުނިޔޭގެ ބައިސްކަލު ދުވަސް
ސިޓީތައް ޑިޒައިންކުރުމުގައި ބައިސްކަލު ދުއްވޭގޮތަށް ޑިޒައިންކުރަން އިސްކަންދޭންޖެހޭ: ޝާހިދު
ޝާހިދު ވިދާޅުވިގޮތުގައި 2025އާ ހަމައަށް ދުނިޔޭގެ އާބާދީގެ 3 ބައިކުޅަ 2 ބައި ދިރިއުޅޭނީ ސިޓީތަކުގައި
ބައިސްކަލަކީ ދަތުރުފަތުރު ކުރިމަގު ކަމަށް ވިދާޅުވި

ކުރިއަށް އޮތްތަނުގައި ސިޓީތަކަކީ ތިމާވެއްޓާ ރައްޓެހި ތަންތަނަށް ހެދުމަށްޓަކައި ސިޓީތަކުގެ ޑިޒައިންތައް ބައިސްކަލު ދުއްވޭ ގޮތަށް ހަދަން އިސްކަންދޭން ޖެހޭކަމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ދުނިޔޭގެ ބައިސްކަލުގެ ދުވަހާ ގުޅުވައިގެން ދެއްވި ޚިތާބުގައެވެ. އެ ޚިތާބުގައި ޝާހިދު ވަނީ، ބައިސްކަލު ދުއްވުމުގައި ތިމާވެއްޓާއި ސިއްހަތަށް ހުރި ފައިދާތަކަށް ވެސް އަލި އަޅުއްވާލައްވައިފައެވެ.

ޝާހިދު ވިދާޅުވީ ބައިސްކަލަކީ ގިނަ ދުވަހަށް ބޭނުން ކުރެވޭ، ތިމާވެއްޓާ ރައްޓެހި، ތޮއްޖެހުން ކުޑަކޮށް، އަދި ސިއްހަތަށްވެސް ގިނަ ފައިދާތައްވާ އެއްޗެއްކަމަށެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތުގައި ބައިސްކަލުގެ ރޯލު ބޮޑުކަންވެސް ޝާހިދު ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ބައިސްކަލަކީ ބައިވެރިއެއް ކަމަށާއި، ދުޅަހެޔޮ، ތިމާވެއްޓާ ރައްޓެހި ސިޓީތައް އުފެއްދުމަށް ބައިސްކަލު މުހިންމު ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި 2025ގެ ނިޔަލަށް ދުނިޔޭގެ އާބާދީގެ 3 ބައިކުޅަ 2 ބައި މީހުން ދިރިއުޅޭނީ ސިޓީތަކުގައެވެ. މިގޮތަށް ލަފާކުރެވޭއިރު ބައިސްކަލަކީ އެ ސިޓީތަކުގައި ދަތުރުފަތުރު ކުރުމުގެ ކުރިމަގު ކަމަށާއި، ސިޓީތައް ޑިޒައިން ކުރަންވީ އެކަންކަމަށް ވިސްނައިގެން ކަމަށެވެ.

މީގެ އިތުރުން ބައިސްކަލް ދުއްވާ ފަރާތްތަކަށް އިންވެސްޓް ކުރުމަށް، ދައުލަތްތަކާއި ސްޓޭކްހޯލްޑަރުންގެ ކިބައިންވެސް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ. އަދި ބައިސްކަލުގައި ދަތުރުފަތުރު ކުރުން ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.


Advertisement
- ކޮމެންޓް
4 ޖޫން 2022 | ހޮނިހިރު 14:12
އަންނައުނު
އެންމެފަހުން މަރާމާތު ކުރި ރޯޝަނީމަގުގަ ބަރޯއާ، އަތްގާޑިޔާވެސް ދެމޭ..!!