އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި ރޭ އަލްމާ ސްޕޯޓްސް ކްލަބާއި ކުލަބް އީގަލްސް، ކުޅުނު މެޗުން ދެ ޓީމު ވެސް މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އަލްމާ ސްްޕޯޓްސް ކުލަބް ނުކުތީ ޔޫތު ނިއު ޖެނަރޭޝަނާ ދެކޮޅަށެވެ. އެ މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބުކުރީ އަލްމާ ސްޕޯޓްސް ކުލަބެވެ. މެޗުގެ ފުރަތަމަ ސެޓު 18-25ން ކާމިޔާބުކުރީ އަލްމާ ސްޕޯޓްސް ކުލަބެވެ. ނަމަވެސް ޔޫތު ނިއު ޖެނަރޭޝަނުން ވަނީ 19-25ން ދެ ވަނަ ސެޓު ހޯދާފައެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ހޯދީ އަލްމާ ސަޕޯޓްސް ކުލަބުންނެވެ. އެ ސެޓުތައް އެ ޓީމުން ހޯދީ 22-25 އަދި 24-26 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަލްމާ ސްޕޯޓްސްގެ މަރިޔަމް ސިޒާނާއެވެ.
ރޭގެ ދެ ވަނަ މެޗުގައި ކުލަބް އީގަލްސް ނުކުތީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ ޖާގައެއް ހޯދުމަށް ދެ ޓީމަށް ވެސް މިއީ މުހިންމު މެޗެކެވެ. ފޯރި ގަދަ ކުޅުމެއް ފެނުނު މި މެޗު ތިން ސެޓު ދެ ސެޓުން ކާމިޔާބުކުރީ އީގަލްސްއެވެ. މެޗުގެ ފުރަތަމަ ސެޓު ދިވެހި ސިފައިންގެ ކުލަބް ހޯދީ 20-25ންނެވެ. ޖެހިގެން އައި ދެ ވަނަ ސެޓު އީގަލްސުން ހޯދީ 10-25ގެ ބޮޑު ތަފާތަކުންނެވެ. ވާދަވެރިކޮށް ދިޔަ ތިން ވަނަ ސެޓު 23-25ން ހޯދީ ދިވެހި ސިފައިންގެ ކުލަބެވެ. ހަތަރު ވަނަ ސެޓު 16-25ން ހޯދީ އީގަލްސްއެވެ. ފަހު ސެޓު ހޯދީ އީގަލްސްއެވެ. އެ ސެޓު އެ ޓީމުން ހޯދީ 05-15ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ދިނީޝާއެވެ.
މުބާރާތުގެ ގްރޫޕް ސެޓޭޖުގެ ފަހު މެޗުތައް މިރޭ ކުޅޭނެއެވެ. ޕޫލް އޭގެ ފަހު މެޗުގައި މިރޭ ކުލަބް ވެމްކޯ ނިކުންނާނީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ޕޫލް ބީގެ ފަހު މެޗުގައި ޕޮލިސް ކުލަބް ނިކުންނާނީ ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަނާ ދެކޮޅަށެވެ. މުބާރާތުގެ ސެމީ މެޗުތައް ފަށާނީ ހޯމަ ދުވަހުގެ ހަވީރުއެވެ.
ޕޫލް އޭ އިން މުބާރާތުގެ ސެމީއިން ޖާގަ ހޯދީ ކުލަބް ވެމްކޯއާއި ކުލަބް ވޮލީބޯލްއެވެ. ޕޫލް ބީ އިން ސެމީގެ ޖާގަ ހޯދީ ޕޮލިހެވެ. މި ޕޫލުން ދެން ސެމީގެ ޖާގަ ލިބޭ ޓީމެއް ޔަގީން ވާނީ މިރޭ ކުޅޭ މެޗުންނެވެ. މިރޭގެ މެޗުގައި ވޮލީބޯލް ޔޫތުން ސީދާ ތިން ސެޓުން ނުވަތަ ތިން ސެޓު އެއް ސެޓުން ޕޮލިސްގެ މައްޗަށް ކުރި ހޯދައިފިނަމަ، އެ ޓީމު ސެމީއަށް ދާނެއެވެ.