ކ. މާލެ
|
2 ޖޫން 2022 | ބުރާސްފަތި 14:39
ގުޑީސްގެ ކޯޗު މިލޮރަޑް ނައިބު ރައީސް ފައިސަލް އަދި މިނިސްޓަރު މަޙްލޫފާއެކު
ގުޑީސްގެ ކޯޗު މިލޮރަޑް ނައިބު ރައީސް ފައިސަލް އަދި މިނިސްޓަރު މަޙްލޫފާއެކު
ރައީސް އޮފީސް
އެސޯސިއޭޝަން ކަޕް 2022
އެސޯސިއޭޝަން ކަޕް: ގުޑީސްގެ މިލޮރަޑްއަކީ މުބާރާތުގައި ފެންނާނެ ހަމައެކަނި ބިދޭސީ ކޯޗު
މިލޮރަޑްއަކީ ޤައުމީ ޓީމަށް ކުރިން އިރުޝާދު ދިން ކޯޗު
މިލޮރަޑްއަކީ ޤައުމީ ޓީމަށް މިހާތަނަށް ގެނައި އެންމެ މަތީ ފަންތީގެ ކޯޗު

ބޮޑު ބަދަލަކާއެކު މި އަހަރުގެ ވޮލީ ބޯޅަ ސީޒަން ފެށުމަށް ވީއޭއެމުން ތައްޔާރުވާއިރު، ޓީމުތަކުން ވެސް އަންނަނީ ފޯރީގައި ތައްޔާރުވަމުންނެވެ.

މީގެ ކުރިން ކޮންމެ ޓީމެއްގައި ބިދޭސީ އެއް ކުޅުންތެރިޔަކު ހިމަނައިގެން ކުޅުނު ނަމަވެސް، އެ އަދަދު ފަހުން ވަނީ ދެ ކުޅުންތެރިންނަށް ބަދަލުކޮށްފައެވެ. މި ފަހަރުގެ ސީޒަން ވާދަވެރިކުރުމާއި، ވޮލީގައި ގެއްލިފައިވާ ފޯރި އަލުން ގެނައުމަށް ވީއޭއެމުން ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. އަދި މި އަހަރުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ މުބާރާތްތައް ރާވާފައިވަނީ އެއް މުބާރާތް އަނެއް މުބާރާތާ ގުޅިގެން ދާނެ ގޮތަށާއި، ވާދަ ކުރާ ކުލަބްތައް ގިންތި ކުރެވިގެންދާނެ ފަދަ ގޮތަކަށެވެ.

މިއަހަރުގެ ސީޒަނަށް ވީއޭއެމުން ގެނައި އެންމެ ބޮޑު ބަދަލަކީ ކުލަބުތަކަށް ފައިސާ ދިނުމުގެ ބަދަލުގައި ކުޅުންތެރިން ދިނުމެވެ. މިހާރު ޓީމުތަކަށް ވަނީ އެ ކުޅުންތެރިން ދީފައެވެ. މިއަހަރުގެ މުބާރާތުގައި ޓީމުތަކަށް ކުޅުންތެރިން ދީފައިވަނީ އެ ޓީމަކުން ބޭނުންވާ މަޤާމަކަށް އެންމެ އެކަށީގެންވާ ކުޅުންތެރިޔާއެވެ. އެގޮތަށް އެކުލަވާލެނުނު 18 ކުޅުންތެރިންގެ ޕޫލުން މިހާރު ވަނީ ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން ދީފައެވެ.

ވީއޭއެމުން މުބާރާތް ރާވާފައިވަނީ އޭގެން ގައުމީ ޓީމަށް އެންމެ ފައިދާ ކުރާނެ ގޮތަށެވެ. މިބަދަލުގެ ސަބަބުން ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ތަޖުރިބާ ލިބިގެންދާނެއެވެ. އެއީ މޮޅެތި ކުޅުންތެރިންގެ އެޓޭކްތައް ބްލޮކު ކުރުމާއި، ބާރު އެޓޭކް ކުރުމާއި، ސާވިސް ކުރުން އަދި ޑިފެންސް ކުރަން ވެސް ދިވެހި ކުޅުންތެރިންނަށް ލިބޭނެތީއެވެ. ޓީމުތަކަށް ލިބުނު ބިދޭސީ ކުޅުންތެރިންނާއެކު ޓީމުތަކުގެ ފަރިތަކުރުންތައް ހޮނިހިރު ދުވަހު ފަށާނެއެވެ.

މުބާރާތުގައި ހަ ކުލަބަކުން ވާދަކުރެއެވެ. އޭގެ ތެރެއިން އެއް ކުލަބު ފިޔަވައި ބާކީ ހުރިހާ ކުލަބެއްގައި ހުރީ ދިވެހި ކޯޗެކެވެ. ބިދޭސީ ކޯޗެއް ހިމަނާފައިވަނީ އެންމެ ކުލަބެއްގައެވެ. އެއީ ގުޑީސް ސްޕޯޓްސް ކުލަބުގައެވެ. އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗްއެވެ. އޭނާއަކީ ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް މިހާތަނަށް ގެނައި އެންމެ މަތީ ފަންތީގެ ކޯޗެވެ. އަދި މިލޮރަޑް ވެގެންދާނީ ރާއްޖޭގެ ލޯކަލް ވޮލީ ޓީމަކުން ފެންނާނެ މަތީ ފަންތީގެ ފުރަތަމަ ކޯޗަށެވެ.

މިލޮރަޑް ގައުމީ ފިރިހެން ޓީމުގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖެއިން ވަނީ އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށްފައެވެ. އޭނާ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލީ 2020 ވަނަ އަހަރުއެވެ. ގުޑީސް ޓީމުގައި ރާއްޖޭގެ ފާހަގަކޮށްލެވޭ ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޤައުމީ ޓީމުގެ ސެޓަރ ހުސެއިން ވިޝާމް (ބުޅިކޭ)، ގައުމީ ޓީމުގެ އެޓޭކަރ ހަސަން ނިލާމް (ޕާޓޭ) އަދި ޤައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދިން އަލީ އާމިރު (ދިގު އައްޔަ) ހިމެނެއެވެ. މިފަހަރުގެ ސީޒަނަށް ގުޑީސްއަށް ލިބުނު ބިދޭސީ ކުޅުންތެރިންނަކީ އެޓޭކަރ ވަރުން ޖީއެސް އަދި ރިޔާޒުއްދީންގެ އިތުރުން ބްލޮކަރ މޯހިތު ޝަރާވަތެވެ.

މުބާރާތުގައި ދެން ވާދަކުރާ ކުލަބުތަކަކީ ދިވެހި ސިފައިންގެ ކުލަބު، ޕޮލިސް ކުލަބް، އޮފު އެފްސީ، ކުލަބް ވެމްކޯ އަދި ސްޕޯޓްސް ކުލަބް ސިޓީއެވެ. މީގެ ތެރެއިން ސިފައިންގެ ޓީމުގެ ކޯޗަކީ ތަޖުރިބާކާރު ކޯޗު ޖުނައިދު އަބްދުﷲ (މާމަ) އެވެ. ޕޮލިހަށް އިރުޝާދު ދޭނީ ކުރީގެ މަޝްހޫރު ސެޓަރު ފަތުހުﷲ ވަހީދު (ފައްލޯ)އެވެ. އޮފު އެފްސީގެ ކޯޗަކީ ޤައުމީ އަންހެން ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗު އަދި ޤައުމީ ބީޗު ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ރިޝްވާން (ރިއްޗަޅޭ)އެވެ. ވެމްކޯގެ ކޯޗަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީ ކުޅުންތެރިޔާ އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ. އަދި ސިޓީގެ ކޯޗަކީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު  ހުސެއިން ޝަރީފްއެވެ.

- ކޮމެންޓް