ބޮޑު ބަދަލެއް ގެނައިސް މިއަހަރު ފަށާ ވޮލީ ސީޒަންގައި ކުލަބުތަކަށް ކުޅޭނެ ބިދޭސީ ކުޅުންތެރިން ކުލަބްތަކަށް ބަަހައިިފިއެވެ.
މިއަހަރުގެ ސީޒަަނަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ ޓީމުތަކަށް ބިދޭސީ ތިން ކުޅުންތެރިން ކުޅޭ ގޮތަށް ގެނައި ބަދަލެވެ. އެ ކުޅުންތެރިންނަކީ އިންޑިއާގެ ޕްރައިމް ވޮލީބޯޅަ ލީގުން ހޮވާލެވުނު 18 ކުޅުންތެރިންނެވެ. ރޭ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގައި ބޭއްވި ވީއޭއެމް ސީޒަން ޑްރާފްޓްގައި ވަނީ އެ ކުޅުންތެރިން ޓީމުތަކަށް ބަހައިފައެވެ. ކުޅުންތެރިން ޓީމުތަކަށް ބެހީ ގުރު ނަގައިގެންނެވެ.
ރޭގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔަކު ނެގުމުގެ ފުރުސަތު ލިބުނީ އޮފު އެފްސީއަށެވެ. އެ ޓީމުން ނެގި ތިން ބިދޭސީ ކުޅުންތެރިންނަކީ ބްލޮކަރ ޖޯން ޖޯސެފް، ގުރޫ ޕްރަޝާންތު އަދި އެޓޭކަރ އަމިތު ގޫލިއާއެވެ. މި ޓީމުގައި ރާއްޖޭގައި ނަން މަޝްހޫރު ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޓީމުގެ ކެޕްޓަން އަހުމަދު ސިމާއު، މުޙައްމަދު އަލީ (ޑެންޒޯ) އަދި އަހުމަދު މުހައްމަދު (ކޯކޭ) ހިމެނެއެވެ. މި ޓީމަށް އިރުޝާދު ދޭނީ މުހައްމަދު ރިޝްވާން (ރިއްޗަޅޭ) އެވެ.
ޤައުމީ ޓީމުގެ މިހާރުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)، އާދަމް ފައިރޫޒް އަދި އަޝްފާގު އާދަމް (އައްކަޅޭ) ކުޅެނީ ކުލަބް ވެމްކޯއަށެވެ. ވެމްކޯއަކީ މި އަހަރުގެ ޕްރެލިމިނަރީ ބުރުގެ އެއް ވަނަ ހޯދައިގެން އެސޯސިއޭޝަން ކަޕަށް ކޮލިފައިވި ޓީމެކެވެ. މި ޓީމަށް ލިބުނު ބިދޭސީ ކުޅުންތެރިންނަކީ އެޓޭކަރ އަމިތު ސިންގ، ސެޓަރ ރަންޖީތު ސިންގް އަދި ބްލޮކަރ އަޝްވަލް ރާއީއެވެ. ކުލަބް ވެމްކޯގެ ކޯޗަކީ އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ.
ސްޕޯޓްސް ކުލަބް ސިޓީއަށް ލިބުނި ތިން ކުޅުންތެރިންނަކީ އެޓޭކަރ ހަރްދީފް ސިންގް، ވިނީތު ކުމާރު އަދި ސެޓަރ ވިޔާނަކުއެވެ. މި ޓީމުގައި ހިމެނޭ ދިވެހި ކުޅުންތެރިންގެ ތެރޭގައި ޤައުމީ ވޮލީ ތީމުގެ ވައިސް ކެޕްޓަން އަލީ ހުޒާމް (ހުޒަންޓެ)، ޤައުމީ ޓީމަށް ކުޅުނު ހުސެއިން ޔޫސުފް އަދި ލިބަރޫ ނަބީލް ހިމެނެއެވެ. މި ޓީމުގެ ކޯޗަކީ ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ހުސެއިން ޝަރީފްއެވެ.
ދިވެހި ސިފައިންގެ ކުލަބަށް ލިބުނު ތިން ބިދޭސީ ކުޅުންތެރިންނަކީ މަނޫ ޖޯސެފް، ބްލޮކަރ ކާތިކް އަދި އެޓޭކަރ ޝޮން ޓީ ޖޯންއެވެ. މި ޓީމުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޤައުމީ ޓީމަށް ގިނަ ުވަހު ކުޅެދިން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ)، އަޙުމަދު ޝާހިދު (ޝާޑު) އަދި ދާދި ފަހުން ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔަކަށް ހޮވުނު އާދަމް ނަސީމް (އެޑަމް) ހިމެނެއެވެ. މި ޓީމަށް އިރުޝާދު ދޭނީ ޖުނައިދު އަބްދުﷲ (މާމަ) އެވެ.
ޕޮލިސް ކުލަބަށް ކުޅޭނެ ބިދޭސީ ތިން ކުޅުންތެރިންނަކީ ސެޓަރ މުތުސާމީ، ބްލޮކަރ އަކިން އަދި އެޓޭކަރ އަނޫ ޖޭމްސްއެވެ. ޕޮލިސް ޓީމުގައި ހިމެނޭ ދިވެހި ކުޅުންތެރިންގެ ތެރޭގައި ޝުއައިބް އަބްދުއްލަތީފް، މުޙައްމަދު ހަމްދޫން އަދި އުންމީދީ ޒުވާން ކުޅުންތެރިޔާ އަހުމަދު ނާފިއު ހިމެނެއެވެ. ޕޮލިސް ޓީމުގެ ކޯޗަކީ ކުރީގެ މަޝްހޫރު ސެޓަރު ފަތުހުﷲ ވަހީދު (ފައްލޯ)އެވެ.
ގުޑީސް ސްޕޯޓްސް ކުލަބަަށް ލިބުނު ބިދޭސީ ތިން ކުޅުންތެރިންނަކީ އެޓޭކަރ ވަރުން ޖީއެސް އަދި ރިޔާޒުއްދީންގެ އިތުރުން ބަލްކަރ މޯހިތު ޝަރާވަތެވެ. މި ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ޤައުމީ ޓީމުގެ ސެޓަރ ހުސެއިން ވިޝާމް (ބުޅިކޭ)، ގައުމީ ޓީމުގެ އެޓޭކަރ ހަސަން ނިލާމް (ޕާޓޭ) އަދި ޤައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެދިން އަލީ އާމިރު (ދިގު އައްޔަ) ހިމެނެއެވެ. މި ޓީމަށް އިރުޝާދު ދޭނީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗްއެވެ. އޭނާ އަކީ ގައުމީ ޓީމަށް މިހާތަނަށް ގެނައި އެންމެ މަތީ ފަންތީގެ ކޯޗެވެ.
ރޭ ވަނީ އެސޯސިއޭޝަން ކަޕްގެ ގުރު ނެގުން ވެސް ކުރިއަށް ގެންގޮސްފައެވެ. ފިރިހެން ޑިވިޝަންގެ އެސޯސިއޭޝަން ކަޕް މި މަހު ފަށާނެއެވެ.