ގަވާއިދާއި ޚިލާފަށް ރާއްޖޭގައިއުޅޭ ބިދޭސިންގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބެން އޮތީ ޑިޓެންޝަން ސެންޓަރު ގާއިމް ކުރެވިގެން ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުން ތަކުގެ ކޮމިޓީގައި، ރަސްމީ ލިޔެކިޔުން ނެތް ބިދޭސީ މަސައްކަތްތެރިންގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އުނދަގޫތައް ކުރިމަތިވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމާ ގުޅުން ހުރި އިދާރާތަކާއެކު ބުދަ ދުވަހުވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ އަދި އެލްޖީއޭ އިންވަނީ މިކަމުގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ، މިދިޔަ އަހަރު ހިންގި ޑްރަގް އޮޕަރޭޝަންތަކުގައިވެސް، އެ ވިޔަފާރީގައި ބިދޭސީން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން 114 މީހުން ފޮނުވާލުމަށް މަސައްކަތް ކުރެވުނުއިރު ފޮނުވާލެވިފައިވަނީ، 14 މީހުން ކަމަށެވެ. މިއީވެސް އިމިގްރޭޝަންގެ ހުރި ދަތިތަކުގެ ސަބަބުން ފޮނުވާ ނުލެވި ހުރި މީހުންކަމަށާއި، އުންމީދު ކުރަނީ ގަވާއިދާއި ޚިލާފުވާ ބިދޭސީން ބައިތިއްބާނެ ތަނެއް ހެދިގެން ދިޔުން ކަމަށް ފުލުހުން ބުންޏެވެ. ދައުވާ ނުކުރެވޭ ހާލަތުގައި މުޖުތަމައު އަށް ދޫކޮށްނުލާ ބައިތިއްބާނެ ތަނެއްވެސް ނެތްކަން ފާހަގަކުރިއެވެ. ބިދޭސީންގެ ނަމުގައި ވަރަށް ގިނަ އަދަދެއްގެ ސިމް ކާޑް ދޫކުރެވިފައި ހުރުމަކީ، ކުށްތަކަށް އަރައިގަންނަ މީހުން ހޯދަން ދަތިވާ ކަމެއްކަންވެސް ފުލުހުން ފާހަގަކުރިއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ މީހުން ގެނެސް ބައިތިއްބާނެ ތަނެއް ނެތުމުން، އެމީހުން ހޯދައިގެން ގެނައުމުން އެކަމަށް އަންނާނެ ހައްލެއް ނެތް ކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަލީ ވިދާޅުވިއެވެ. ޖިނާއީ ކުށެއްގެ ތެރެއިން ފާހަގަވާ މީހުން ހައްޔަރުކުރުމަށްފަހު ދައުވާއާ ހަމައަށް ނުދިޔަނަމަވެސް އެމީހަކު އަނބުރާ މުޖުތަމައަށް ދޫކޮށް ނުލައި ޑީޕޯޓް ކުރުމަށް މަސައްކަތްކުރާ ކަމަަށް ވިދާޅުވިއެވެ. އިމިގްރޭޝަންގައި ހުންނަ ބިދޭސީންގެ މައުލޫމާތު ހުންނަ ޕައިސިސް ސިސްޓަމަށް އެކްސެސްއެއް ނެތުމުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، އެ ސިސްޓަމްގެ އެކްސެސް އޮތީ ޔޫއެސްއަށް ކަމަށް އޭނާ ވިދާޅުވިއެވެ. ހޯލްޑިންގ ފެސިލިޓީއާއެކު ސިސްޓަމަށް ރަނގަޅު މައުލޫމާތު އެންޓަރކޮށް ވެރިފައި ކުރެވިގެން ނޫނީ ހައްލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އަލީ ވިދާޅުވީ، 80 އިންސައްތަ މީހުންނަކީ ގަވާއިދާ ޚިލާފަށް އުޅޭ މީހުން ކަމަށެވެ. ރާއްޖެއަކީ އެއްވެސް ހަމައެއް ލަމައެއް ނެތި އުޅޭ ތަނަކަށް ވެއްޖެ ކަމަށާއި، ހުރިހާ ރަށެއްގައި ބިދޭސީން ވިޔަފާރި ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެލްޖީއޭ އިން ބުނީ، ގަވާއިދާ ޚިލާފަށް ރަށްރަށުގައި އުޅޭ ބިދޭސީން ދެނެގަތުމުގައި ނިޒާމެއް ގާއިމް ކުރެވިފައި ނެތުމުން އެއްރަށުން އަނެއް ރަށަށް ތަދުރުކުރާ ބިދޭސީން ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށެވެ.
ކޮވިޑް ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ބިދޭސީން ދެނެގަނެވިފައި ވަނީ، އޭރު އެ ވަގުތާ ހާލަތަށް ރިއާޔަތްކޮށް ގާއިމްކުރެވުނު ސިސްޓަމެއްގެ ތެރެއިން ކަމަށެވެ. އޭރު އެ ސިސްޓަމް ގާއިމްކުރެވުނީ، ކައުންސިލްތަކުން މައުލޫމާތު ހޯދުމަށް އެންމެ ފަސޭހަ ފަރާތަކީ އެލްޖީއޭ ކަމަށްވާތީ ކަމަށެވެ. އަދި މިކަމަކީ، އެލްޖީއޭ މެންޑޭޓްގައި ހިމެނޭ ކަމެއް ނޫން ކަމުން ދާއިމީ ކޮށް އެކަން ނުކުރެވޭނެ ކަމަށް އެލްޖީއޭއިން ބުންޏެވެ. އެހެންނަމަވެސް ކޮވިޑްގައި އެކަން އެގޮތަށް ޕްރެކްޓިސް ކުރުމުން ބިދޭސީންގެ މައުލޫމާތު އެގޮތަށް ހޯދޭނެކަން އެނގިގެން ދިޔަކަން ފާހަގަ ކުރިއެވެ. އެލްޖީއޭއިން ބުނީ، ކައުންސިލްތަކާ ހަމައަށް އެރަށެއްގައި މަސައްކަތްކުރާ ބިދޭސީން ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ހަމަ ޖެހެން ޖެހޭ ކަމަށާއި، އެކަމުގެ ސަބަބުން އެރަށެއްގައި މަސައްކަތްކުރާ ބިދޭސީން ދެނެގަނެވޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، 2019ގައި ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގައި 43،000 މީހުން ރަޖިސްޓްރީވި ކަމަށެވެ. އޭގެތެރެއިންވެސް އެމީހުންނާ ހަވާލުވާނެ މީހަކު ހުރެގެން މިއަދާ ހަމައަށް 13،312 މީހުން ރެގިއުލަރައިޒް ކުރެވިފައިވާކަމަށެވެ. އަދި 8،938 މީހުން ފޮނުވާލާފައިވާކަމަށްވެސް މިނިސްޓްރީން ފާހަގަކުރިއެވެ. ރެޖިސްޓްރޭޝަން ބަދަލު ކުރުމަށް 35،000ހާ މީހުން އެދުކަމަށާއި، އެކަކު ރެޖިސްޓްރީ ވުމަށް ތިން ހަތަރު ފަރާތުންވެސް ރިކުއެސްޓް ކޮށްފައި ހުންނަ ކަމަށެވެ. އެ ރިކުއެސްޓްތަކަށް ބަލައި، މިހާރުވެސް 5،573 ރިކުއެސްޓް ޕްރޮސެސިންގައި އެބައޮތް ކަމަށް އެމިނިސްޓްރީ އިން ބުނެފައިވެއެވެ. މީހަކު ބަދަލު ކުރުމަށް ވަގުތު ދިގުލައިގެން ދަނީ ވެރިފައި ކުރުމަށް އެޕޮއިންޓްމެންޓް ދިނުމުން ނާންނާތީ ކަމަށާއި، ރަށު ކައުންސިލުން ފިންގަރ ޕްރިންޓް ވެރިފައި ކުރުމުގެ މަސައްކަތް ކުރުމަށް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށެވެ. އެކަމުން މި މަރުހަލާތައް އަވަސްވެގެންދާނެ ކަމަށް ގަބޫލު ކުރެވޭކަމަށް މިނިސްޓްރީން ބުނެއެވެ.
މީހުން ފޮނުވާލުމުގައި ހުރި ދަތިތައް ފާހަގަކުރަމުން އިކޮނޮމިކް މިނިސްޓްރީން ބުނީ، މީހުން ބައިތިއްބާނެ އެކަށީގެންވާ ތަނެއް ނެތުމުގެ ސަބަބުން މިދިޔަ އަހަރު އިތުރު އެއްވެސް ބަޔަކު ފޮނުވާލާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ވަކިވަކިން އެދިގެން އެނބުރި ގައުމަށްދާން އެދިގެން އަންނަ މީހުން ފޮނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޑިޓެންޝަން ސެންޓަރެއް ގާއިމް ކުރުމަށް އިމިގްރޭޝަނަށް ދަތިތަކެއް އެބަހުރިކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވާ ކަމަށެވެ. ބިދޭސީން ރާއްޖެއަށް އައުމަށް ހުއްދަ ދެނީ އިކޮނޮމިކް މިނިސްޓްރީން ކަމަށްވިޔަސް، މަސައްކަތް ކުރުމަށް ވިސާ ދެނީ އިމިގްރޭޝަނުންނެވެ. ވިސާއެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސިންނަށް ފިޔަވަޅު އެޅުމަކީ އިމިގްރޭޝަންގެ މަންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިހާރު ރާއްޖެ އަންނަ އަދި ފުރައިގެންދާ މީހުންގެ ރެކޯޑް މިހާރު މިނިސްޓްރީއަށް ލިބޭ ކަން ފާހަގަ ކުރަމުން އިކޮނޮމިކް މިނިސްޓްރީން ބުނީ، ރަށްރަށަށް ދާ ބިދޭސީންގެ މައުލޫމާތު ދެނެގަތުމަށް ސިސްޓަމެއް ޑިވަލޮޕް ކުރުމަށް ފަހު އެލްޖީއޭއަށް ފޮނުވާފައިވާކަމަށެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޑިޓެންޝަން ނުވަތަ ހޯލްޑިންގ ފެސިލިޓީއެއް އެބަހުރި ކަމަށާއި، މިހާރު ހުރީ 43 މީހުންގެ ފެސިލިޓީއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދިނެވެ.
މިނިސްޓްރީން ބުނީ، މި އުޅެނީ ގާނޫނީ މައްސަލައަކަށްވުރެ ބޮޑަށް ފަންނީ އަދި އަމަލީ މައްސަލައެއް ކަމަށާއި، ލާމަރުކަޒުކޮށްގެން މިކަން ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.