"މިހާރު" ނޫހުގެ އޮފީހަށް ވަދެ ނޫސްވެރިއަކަށް ބިރު ދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެނގިފައިވާގޮތުގައި މިކަން ހިނގާފައިވަނީ މި ހަފްތާ ތެރޭގައެވެ. އެ މީހާ އޮފީސްތެރެއަށް ވަނީ ނޫސްވެރިޔާއާއި ބައްދަލު ކުރަން އެޕޮއިންޓްމަންޓެއް އޮތް ކަމަށް ބުނެއެވެ. ވަނުމަށްފަހު އިންޒާރު ދީ އަޑުގަދަކޮށް ހަދާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅޭ ގޮތުން "މިހާރު" އިން ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ނޫހާއި ނޫހުގެ ނޫސްވެރިންގެ އަގު ބައްޓާލަން ބަޔަކު ގަސްތުގައި ސާބިތު ނުހިފޭ ވާހަކަތައް ފަތުރައި މުވައްޒަފުންނަށް ހަނގާ ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން ނޫސްވެރިންނަށް ދިމާވާ ފުރައްސާރައާއި ބިރުވެރިކަން ބޮޑުވެފައިވާ ކަމަށާއި އެއީ އެ ނޫހުގެ ނޫސްވެރިންގެ އަބުރު ކަތިލަން ބަޔަކު ދަސްތުގައި ހިންގާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ސާބިތު ނުހިފޭ ވާހަކަތައް ފެތުރުމުގެ ސަބަބުން އޮފީހަށްވަދެ ބިރު ދެއްކުމުގެ އަމަލެއް ހިނގާފައިވާ ކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެފަދަ ކަންކަން ފާހަގަ ކުރެވި ޕޮލިހަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް މިހާރުން ބުންޏެވެ.
އެ ނޫހުން ބުނީ ކުރިން ވެސް ނޫހުގައި ލިޔާ އާޓިކަލްތަކުގެ ހަގީގަތް އޮޅުވާލައިގެން ސޯޝަލް މީޑިއާގައި ޕޯސްޓުތައް ހަދައި އާއްމުންގެ ހިތުގައި ނޫހާމެދު ނަފްރަތު އުފެއްދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ކުރިން ފިޔަވަޅު ނޭޅި ނަމަވެސް މިހާރު އެ ކަންކަން ނޫސްވެރިންނަށް ނުރައްކާވާ ހިސާބަށް ދިއުމުން އެފަދަ ސާބިތު ނުހިފޭ އެއްވެސް ވާހަކައެއް ދައްކައިފިނަމަ އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް މިހާރު ނޫހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނޫހުން ވަނީ މި މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް ވެސް ހުށައަޅާފައެވެ.
މިހާރު ނޫހުގެ މުވައްޒަފަކަށް އިންޒާރު ދީފައިވާއިރު އެ ނޫހާއި ރާއްޖޭގެ އެހެން ގިނަ ނޫސްތަކާއި ޓީވީތަކުގެ ނޫސްވެރިންނާ މެދު ނަފްރަތު އުފައްދައި ބައެއް ނޫސްތަކުގައިވެސް ދަނީ ޚަބަރު ފަތުރަމުންނެވެ. އެގޮތުން، ސަރުކާރު ޕްރޮމޯޓް ކުރުމަށް ސަރުކާރުން ފައިސާ ދޭކަމަށް ތުހުމަތު ކޮށް ވެސް ބައެއް މީޑިއާތަކުން ޚަބަރު ފަތުރައެވެ. މިގޮތަށް ފަތުރާ ޚަބަރުތަކުގައި "މިހާރު" ނޫހުގެ ނޫސްވެރިއެއްގެ ނަން ހާމަ ކޮށް ވެސް ލިޔެފައި ހުރެއެވެ.
މި ޚަބަރުތަކުގެ ސަބަބުން ސޯޝަލް މީޑިއާގައި ވެސް ނޫސްވެރިންނަށް ހަނގާކުރެއެވެ.