މާލީ މައްސަލަތަކެއްގެ ތެރޭގައި އޮތް އެފްއޭއެމްގެ ހިންގުން ގަލޮޅު ރަސްމީ ސްޓޭޑިއަމްއަށް ބަދަލުކޮށްފިއެވެ. ކުއްޔަށް ނަގައިގެން ޗާންދަނީ މަގުގައި ހުރި އިމާރާތެއްގައި ހިންގަމުން އައި އެފްއޭއެމްގެ ހިންގުން ގަލޮޅު ރަސްމީ ސްޓޭޑިއަމްއަށް ބަދަލުކުރީ އެނގިފައިވާގޮތުގައި ހޯމަ ދުވަހުއެވެ.
ޗާންދަނީ މަގުގެ އިމާރާތުގައި އެފްއޭއެމްއިން ހިންގަމުން އަންނަތާ ދެއަހަރަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ. އެއިމާރާތަށް އެފްއޭއެމް ބަދަލުކުރީ މިފްކޯ މަސްފިހާރަ ކައިރީގައި ހުންނަ އެފްއޭއެމްގެ އޮފީސް އިމާރާތް ތަޅާލާ އެތަނުގައި 20 ބުރީގެ އިމާރާތެއް އެޅުމަށް ތަން ހުސްކުރުމަށެވެ. ނަމަވެސް އެއިމާރާތް އަދިވެސް ހުސްކުރިގޮތަށް ހުރީއެވެ. އަދި މާފަންނު އެކުވެނި ސްޓޭޑިއަމްގެ ތެރޭގައި އަޅަމުންދާ އެފްއޭއެމްގެ އިމާރާތުގެ މަސައްކަތްވެސް ނުނިމެއެވެ. އެތަން ނިމޭނެ ދުވަހެއްވެސް ނޭނގެއެވެ.
ގަލޮޅު ރަސްމީ ސްޓޭޑިއަމްގައި އެފްއޭއެމް ހިންގަން ފެށީ ޕްރެސް ރޫމްއާއި އެނޫންވެސް އެކިބޭނުންތަކަށް ޚާއްޞަކޮށްފައިވާ ކޮޓަރިތަކަށް އެކި ޑިޕާރޓްމަންޓްތައް ބަދަލުކޮށްގެންނެވެ. އެފްއޭއެމްގެ މެޑިކަލް ކަންތައް ބަލަހައްޓަވާ, އެކްސްކޯ މެންބަރު އަހުމަދު ޝަކީބު ބަދަލުކުރެއްވީ އެފްއޭއެމްގެ ކުރީގެ އިމާރާތަށެވެ. އެނގިފައިވާ ގޮތުގައި އެއިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންނަވާނެ ކޮޓަރިކޮޅެއް އަދި ނެތެވެ. ނަމަވެސް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒު ވިދާޅުވީ އެފްއޭއެމްގެ ހިންގުން ގަލޮޅު ރަސްމީ ސްޓޭޑިއަމްއަށް ބަދަލުނުކުރާކަމަށެވެ.
ހިންގުން ބަދަލެއް ނުކުރަން, ރަސްމީ ސްޓޭޑިއަމްއަށް ބަދަލުކުރީ ބައެއް ޑިޕާރޓްމަންޓްތައް. ކޮމްޕެޓިޝަން ޑިޕާޓްމަންޓާ ބައެއް ޑިޕާރޓްމަންޓްތައް ބަދަލުކުރީ, މަސައްކަތްތަކެއް ކުރުމަށް. ކުއްޔަށް ނަގާފައިވާ އިމާރާތްވެސް އަދި ދުލެއް ނުކުރަން.ހުސެއިން ޖަވާޒު / އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ
އެފްއޭއެމްގެ ހިންގުން ގަލޮޅު ރަސްމީ ސްޓޭޑިއަމްއަށް ބަދަލުކުރިއިރު, އެއިދާރާގެ މުވައްޒަފުންގެ މުސާރަ ދިނުމުގައި ކުރިމަތިވެފައިވާ މައްސަލައަށްވެސް އަދި ހައްލެއް ނުގެނެވެއެވެ. އެނގިފައިވާ ގޮތުގައި މިހާރު އެއިދާރާގެ މުވައްޒަފުންނަށް ދޫކުރަމުން ދަނީ އޭޕްރީލް މަހުގެ މުސާރައެވެ. މުސާރަތައް ދެމުން ދަނީވެސް އެކި ދުވަހު އެކި މުވައްޒަފުންނަށްކަމަށް އެނގިފައިވެއެވެ.