ކ. މާލެ
|
31 މެއި 2022 | އަންގާރަ 10:20
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު
ރާއްޖެއެމްވީ
އަދުލުގެ ނިޒާމު ރަނގަޅުކުރުން
އަދުލުގެ ނިޒާމު ހަލުވި ކުރުމަށް ޖަހަންވީ ވެކްސިން އެނގޭނީ ތަފާސްހިސާބުން: ފަނޑިޔާރު ސުއޫދު
ސިވިލް ކޯޓުގައި ޙުކުމް ތަންފީޒު ނުކުރެވި 2700 އެއްހާ މައްސަލަ އެބައޮތް
މައްސަލަތަކުގެ ފުންމިން ދެނެގަތުމުގައި ތަފާސްހިސާބު މުހިއްމު ދައުރެއް އަދާކުރޭ
މަދަނީ އަދުލުގެ ނިޒާމު ރަނގަޅުކުރުމަށްވެސް ތަފާސްހިސާބު އެނގުން މުހިއްމު

އަދުލުގެ ނިޒާމު ހަލުވި ކުރުމަށް ޖަހަންވީ ވެކްސިން އެނގޭނީ ތަފާސްހިސާބުގެ ޒަރިއްޔާއިންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ހުސްނުއްސުއޫދު އެހެން ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެކުލަވާލި “ލެތުން” ޑޭޓާބޭސް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި އާދިއްތަ ދުވަހު ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ އަދުލުގެ ނިޒާމުގައި ތަފާސްހިސާބު އަދާކުރާ މުހިއްމު ދައުރަށް އަލިއަޅުވާލައްވާފައެވެ.

ސުއޫދު ވިދާޅުވީ، ކޯޓުތަކާއި ޝަރުއީ ދާއިރާއަށް ދިމާވާ މައްސަލަތަކުގެ ފުންމިން ދެނެގަތުމުގައި ތަފާސްހިސާބު މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އެއީ އަދުލުގެ ނިޒާމު އިތުރަށް ދެފުއް ފެންނާނެ ގޮތަކަށް، އަދި މި ނިޒާމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ކަންކަން އިސްލާޙު ކުރުމަށްވެސް މުހިއްމު ކަމެއްކަމަށް ސުއޫދު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް އެބަ އެނގޭ، ޝަރުއީ ނިޒާމުގައި، ނުވަތަ ކޯޓުތަކުގެ ނިޒާމުގައިވެސް މައްސަލަ އެބަހުރިކަން، އެހެންނަމަވެސް އަޅުގަނޑުމެންނަކަށް ނޭނގެ
ފަނޑިޔާރު ހުސްނުއްސުއޫދު

ޖިނާއީ އަދުލުގެ ނިޒާމާ އެއްގޮތަށް މަދަނީ އަދުލުގެ ނިޒާމު ރަނގަޅުކުރުމަށްވެސް ތަފާސްހިސާބު އެނގުން މުހިއްމުކަން ފަނޑިޔާރު ސުއޫދު ފާހަގަ ކުރެއްވިއެވެ.

މިސާލެއްގެ ގޮތުން، އެންމެ ރަޖިސްޓްރާއެއް ހުންނެވުމުގެ ސަބަބުން މަދަނީ ކޯޓަށް ދިމާވެފައިވާ ދަތިތަކަށް ސުއޫދު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ސިވިލް ކޯޓުގެ ރަޖިސްޓްރާއަށް މައްސަލައެއް ހުށައަޅައިގެން ޖަވާބެއް ލިބުމުގައި ގިނަ ދުވަސްތަކެއްވާކަމަށް ބުނެ އާންމުން ކުރަމުންދާ ޝަކުވާތަކާއި ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ.

އަޅުގަނޑު ރަޖިސްޓްރާ ކުރެން އެހިން މިހާރު ކިހާ މައްސަލައެއް އެބަހުރިހޭ ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން ޖަވާބު ނުދެވި، ރަޖިސްޓްރާ ވިދާޅުވި 270 އޭ، މި ޑޭޓާއަކީ ހަމައެކަނި ރަޖިސްޓްރާ ބޮލުގައި އޮތް އެއްޗެއް، އެހެން އެއްވެސް ގޮތަކަށް މި މައުލޫމާތު އާންމުކޮށް އެވެއިލެބަލް އެއް ނޫން، އެހެންވީމާ އަސްލު އަޅުގަނޑުމެން މަދަނީ އަދުލުގެ ނިޒާމު ރަނގަޅު ކުރާކަމަށްވާނަމަ އެބަ އެނގެން ޖެހޭ، 270 މައްސަލަ އެއް އާދަމުގެ ދަރިއަކު ހުރެގެން ކިހާ ދުވަހެއްގެ ތެރޭގައިތޯ 270 މައްސަލައިގައި ފޯމު ބަލައިގެންފައި، ލިއެކިއުން ހަމަތޯ ބަލާފައި، ފޯމު ފުރާފައިވަނީ ރަނގަޅަށްތޯ ބަލާފައި، 270 މައްސަލައަށް ޖަވާބު ދިނުމަށްޓަކައި ކިހާ ދުވަހެއް ބޭނުންވާނެތޯ
ފަނޑިޔާރު ހުސްނުއްސުއޫދު

ސުއޫދު ވިދާޅުވީ، މި މައުލޫމާތުތައް އެނގެން ހުންނަނަމަ، ޕޮލިސީ ލެވެލްގައި މި މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތެއް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މަދަނީ ކޯޓުގެ ކައުންޓަރު ކައިރީގައި ހުއްޓިލީމަ އެނގޭނެ، ކުޑަކުޑަ ހަނގުރާމައިގެ މައިދާނެއްހެން އެތަން ހީވާނީ
ފަނޑިޔާރު ހުސްނުއްސުއޫދު

ފަނޑިޔާރުންނާ ގުޅިގެން ހުރި ކަންކަން ޙައްލު ކުރުމުގައިވެސް ތަފާސްހިސާބު އެނގުން މުހިއްމުކަމަށް ސުއޫދު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން، ސިވިލް ކޯޓުގެ ޑިވިޝަންތައް ބަހާލުމުގެ ކުރިން ކޮންމެ ފަނޑިޔާރެއްގެ އަތްޕުޅުގައި އޮންނަނީ 150 އެއްހާ މައްސަލަ ކަމަށާއި، ޑިވިޝަންތައް އުވާލައި ޙުކުމް ތަންފީޒު ކުރުމުގެ މައްސަލަތައް ހުރިހާ ފަނޑިޔާރުންނަށް ބަހާލުމުން މިހާރު ކޮންމެ ފަނޑިޔާރެއްގެ އަތްޕުޅުގައި 300 އެއްހާ މައްސަލަ އެބައޮތްކަމަށް ސުއޫދު ވިދާޅުވިއެވެ.

އެ މައްސަލަތައް ދުވާލަކު މައްސަލައެއް ބާއްވާ ކަމުގައިވެއްޖެނަމަ، ކިތައް ދުވަހުންތޯ ވަށާޖެއްސޭނީ، އެހެންވީމާ، މައްސަލަ ނިންމުމަށްޓަކައި މިހާރު ތިއްބެވި ފަނޑިޔާރުން ގާތްގަނޑަކަށް 24 ގަޑިއިރު މަސައްކަތް ކޮށްގެންވެސް ކިހާ އައުޓްޕުޓްއެއްތޯ ނެރެވޭނީ
ފަނޑިޔާރު ހުސްނުއްސުއޫދު

ސުއޫދު އިތުރަށް ވިދާޅުވީ، މާލޭގައި ސިވިލް ކޯޓުގައި ޙުކުމް ތަންފީޒު ނުކުރެވި 2700 އެއްހާ މައްސަލަ އެބައޮތް ކަމަށެވެ. ހުރިހާ ފަނޑިޔާރުންނަށް އެ މައްސަލަތައް ބަހާލެއްވުމުގެ ކުރިން އެކަން ކުރައްވަން ތިއްބެވީ 3 ބޭފުޅުންކަމަށް ސުއޫދު ވިދާޅުވިއެވެ. ވީއިރު، ނަތީޖާ ނެރެވޭނެ މިންވަރާމެދު ވިސްނަވާލެއްވުމަށް ސުއޫދު އެދިވަޑައިގެންނެވިއެވެ.

މި ދެންނެވި ސްޓެޓިސްޓިކްސް ލިބޭކަމަށްވެއްޖެނަމަ، އަޅުގަނޑުމެންނަށް މައްސަލަ ހުރި ތަންތަނާއި، ނިޒާމު ހަލުވި ކުރުމަށްޓަކައި އަޅުގަނޑުމެން ޖަހަންވީ ވެކްސިނަކީ ކޮބައިކަން، ދޭންވީ ފަރުވާއަކީ ކޮބައިކަން އެނގޭނެ،
ފަނޑިޔާރު ހުސްނުއްސުއޫދު
- ކޮމެންޓް