ކ. މާލެ
|
31 މެއި 2022 | އަންގާރަ 08:18
އިސްކަންދަރު ސްކޫލް
އިސްކަންދަރު ސްކޫލް
ރައީސް އޮފީސް
ތައުލީމީ ދާއިރާގެ ބޮޑުކުރި މުސާރަ
ތައުލީމީ ދާއިރާއަށް ބޮޑުކުރި މުސާރަ ޖަމާވެއްޖެ، މުވައްޒަފުންނަށް އުފާވެރިކަން
ޖަމާވި މުސާރައިގައި އެޓެންޑެންސް އެލަވަންސް އައު އޮނިގަނޑާއެއްގޮތަށް ލިބޭނީ މެއި މަހުގެ 1ން 16ށް
މުވައްޒަފުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަންކަމަށް މިނިސްޓަރ ވިދާޅުވި
ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ މިސަރުކާރުގެ ވައުދެއް

ސަރުކާރުގެ ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ ބޮޑުކުރި މުސާރައިގެ އައު އޮނިގަނޑަށް ހިޖުރަކުރި ފަރާތްތަކަށް ލިބޭ ބޮޑު މުސާރަ ޖަމާކޮށްދީފިއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ މިސަރުކާރުގެ ވައުދަކަށްވާއިރު މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ މުސާރައިގެ އައު އޮނިގަނޑު މެއި 1 ގައި އިއުލާންކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުގެ މަތިން މެއި މަހުގެ 1 ވަނަ ދުވަހު ވަނީ މުސާރައިގެ އައު އޮނިގަނޑު އިއުލާންކޮށްފައެވެ. އަދި އެއޮނިގަނޑަށް ހިޖުރަކުރި މުވައްޒަފުންގެ މުސާރަ ވަނީ މިހާރު ޖަމާކޮށްދީފައެވެ.

އެކަންހާމަކުރައްވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭ މަސް ނިމި އާ އޮނިގަނޑަށް ހިޖުރަކުރި ފަރާތްތަކުގެ މުސާރަ ޖަމާވެއްޖެކަމަށެވެ. މުވައްޒަފުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައީސް ޞާލިހަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ތައުލީމީ ދާއިރާގެ މުސާރައިގެ އައު އޮނިގަނޑަށް ހިޖުރަކޮށްފައިވަނީ ޓީޗަރުން އެއީ ލީޑިންގ ޓީޗަރުންވެސް ހިމެނޭ ގޮތުންނާއި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންނާއި އެޑިޔުކޭޝަން އޮފިސަރުންނާއި ޕްރިންސްޕަލުންނާއި ޑެޕިޔުޓީ ޕްރިންސްޕަލުންނެވެ. އައު އޮނިގަނޑު ތައްޔާރުކޮށްފައިވަނީ ކުރީގެ އޮނިގަނޑާއި ޚިލާފަށް މައިގަނޑު ތިން ބައެއް ހިމަނައިގެންނެވެ. އެއީ އަސާސީ މުސާރައާއި ޖޮބް އެލަވަންސްގެ އިތުރުން އެޓެންޑެންސް އެލަވަންސެވެ.

އައު އޮނިގަނޑުގެ ދަށުން ފުރަތަމަ މުސާރައަކީ މެއި މަހުގެ މުސާރައަށްވާއިރު އެމުސާރަ ހަދާފައިވާ ގޮތާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވީ ޖަމާވި މުސާރައިގައި އެޓެންޑެންސް އެލަވަންސް އައު އޮނިގަނޑާއެއްގޮތަށް ލިބޭނީ މެއި މަހުގެ 1ން 16ށް ކަމަށެވެ. އެހެންނަމަވެސް ދެން ހުރި ދެ އެލަވަންސް މިމަހުގެ މުސާރައިގައި ހިމަނާފައިވާނެކަމަށް މުޖާހިދު ވިދާޅުވިއެވެ.

އެހެންކަމުން މިމަހުގެ މުސާރައަކީ އެއްކޮށް އައު އޮނިގަނޑުގެ ދަށުން އެކުލަވާލާފައިވާ މުސާރައެއް ނޫންކަމަށް މުޖާހިދު ވިދާޅުވިއެވެ.

ދެން މެއި 1ން 5 އާ ހަމަަށް އެއީ އީދު ބަންދު ދުވަސްތަކެއް. އެހެންވީމާ އެދުވަސްތަކަށް އެޓެންޑެންސް އެލަވަންސް ނުވެސް އޮންނާނެ. އެހެންނަމަވެސް އެނުލާވެސް ހަގީގަތުގައި ކުރީ މަސްތަކުގައި އެލިބުނު މުސާރައަށްވުރެ ބޮޑު މުސާރަ ލިބިވަޑައިގަންނަވާނެ. މިއަންނަ މަހުގެ މުސާރަ ލިބިވަޑައިގަންނަވާއިރު މިމަހުގެ 15ން އަންނަ މަހުގެ 16ށް މުސާރަ ބޮޑުވާނެ އެޓެންޑެންސް އެލަވަންސް ލީމާ. ކުރީގައި ޑިގްރީ ހައްދަވާފައި ތިއްބަވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނީ އޯޓީ އާއެކު 13500 އެވްރެޖްކޮށް. ނަމަވެސް މިހާރު މިއައި ބަދަލާއެކު 18،500 ނުވަތަ 19000 ރުފިޔާ ލިބޭނެ. މާސްޓަރސް ހައްދަވާފައި ތިއްބެވި މުވައްޒަފުންނަށް ލިބިލައްވާނީ ކުރީގައި އެވްރެޖްކޮށް 15،000 ވަރު އޯޓީ ލައިގެން ނަމަވެސް މިބަދަލާއެކު 20،000 ވަރު ލިބޭނެ.
އަހުމަދު މުޖާހިދު / ޑެޕިޔުޓީ މިނިސްޓަރ

އައު އޮނިގަނޑަށް ހިޖުރަނުވާ ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް މުސާރައިގެ 35 އިންސައްތަ އިތުރުކޮށްދީފައިވާނެކަމަށް މުޖާހިދު ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް އައި ހެޔޮބަދަލާއެކު ދާއިރާ ކުރިން ދޫކޮށްލާފައިވާ ފަރާތްތަކުން މިހާރު އަނބުރާ ދާއިރާއަށް އަންނަމުންދާކަމަށެވެ. އަދި ކުރިން ހޯދަން އުނދަގޫކަމަށް ބެލެވޭ ދާއިރާތަކަށް މިހާރު މުވައްޒަފުން ހޯދަން ފަސޭހަކަމަށް ވިދާޅުވިއެވެ. އެގޮތުން ޕްރިންސްޕަލުންނާއި ޑެޕިޔުޓީ ޕްރިންސްޕަލުން ހޯދަން ކުރިން އުނދަގޫނަމަވެސް މިހާރު އެކަން ފަސޭހަކަމަށް މުޖާހިދު ވިދާޅުވިއެވެ.

މުސާރައިގެ އައު އޮނިގަނޑާއެކު، މުޅި ތައުލީމީ ދާއިރާގެ 8889 މުވައްޒަފުންނަށް ދައުލަތުން ބައި ބިލިއަނާ ގާތްކުރާ އަދަދަކަށް ޚަރަދުކުރާނެއެވެ.

- ކޮމެންޓް