އަންނަ އަހަރަކީ އޭނާގެ އަހަރު ކަމަށް ސްޕެއިންގެ ރެއާލް މެޑްރިޑް ކުޅެމުން އަންނަ ބެލްޖިއަމްގެ ވިންގަރ އެޑެން ހަޒާޑް ބުނެފިއެވެ.
ޗެލްސީ ދޫކޮށް ހަޒާޑު ރެއާލަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން އަނިޔާގެ މައްސަލަތަކާ ގުޅިގެން އެ ޓީމާއެކު އޭނާއަށް އެދެވޭ ކުޅުމެއް ނުދެއްކެއެވެ. ރެއާލަށް ބަދަލުވި ފަހުން އޭނާ އެ ޓީމާއެކު ކުޅެފައިވަނީ 48 މެޗެވެ. އަދި މިހާތަނަށް އޭނާއަށް ޖެހިފައިވަނީ އެންމެ ހަތަރު ލަނޑެވެ.
ރެއާލުން ވަނީ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. ފައިނަލްގައި ލިވަޕޫލް 0-1 ން ބަލިކޮށް ރެއާލުން ވަނީ 14 ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލާފައެވެ. މިއީ މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމެވެ. ފައިނަލަށްފަހު ހަޒާޑް ބުނީ އޭނާ ހުންނާނީ ރެއާލްގައި ކަމަށެވެ. އަދި ޔަގީނުން ވެސް އަންނަ އަހަރަކީ އޭނާގެ އަހަރުކަމަށެވެ. އެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ހަޒާޑު ބުންޏެވެ.
މީގެ ކުރިން ވެސް ހަޒާޑު ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ރެއާލާއެކު ފުރަތަމަ ތިން ސީޒަން އެންމެ ރަނގަޅަށް ނުކުޅެވުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަންގައި އޭނާގެ ތަފާތު ކުޅުން ދައްކަން ބޭނުންވާ ކަމަށެވެ. ރެއާލްގެ ކޯޗު ކާލޯ އަންޗެލޯޓީ ވެސް ބުނީ މިއަންނަ ސީޒަނުގައި ހަޒާޑް ހުންނާނީ ރެއާލްގައި ކަމަށެވެ. އަދި ހަޒާޑްގެ ޕްލޭން ވަރަށް ސާފު ކަމަށާއި، އޭނާ ބޭނުންވަނީ މިއަންނަ ސީޒަންގައި އޭނާގެ ކޮލިޓީ ދައްކާލަން ކަމަށްވެސް އަންޗެލޯޓީ ވަނީ ބުނެފައެެވެ.
ހަޒާޑު ވަނީ ރެއާލާއެކު މި ސީޒަނުގެ ލަލީގާ އާއި ސްޕެނިޝް ސުޕަ ކަޕް އަދި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.