ކ. މާލެ
|
30 މެއި 2022 | ހޯމަ 07:23
ފުލުހުންގެ ފަރާތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައި
ފުލުހުންގެ ފަރާތުން ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައި
ރައީސް އޮފީސް
ކުށުގެ ވެށީގައި ކުޑަކުދިން
ކުށުގެ ބުރަ އުފުލަން ނުޖެހޭނެތީ ގޭންގުތަކުގެ އިސް ސަފަށް ކުޑަކުދިން
 
ގޭންގުތަކުގެ އިސް ސަފުގައި 3 ކުޑަކުއްޖެއް ހިމެނޭ ކަން ފުލުހުންނަށް ވަނީ ފާހަގަކުރެވިފައި
 
ގޭންގުތަކުގައި 60 ކުޑަކުދިން ހިމެނޭ
 
މާލޭގައި 44 ގޭންގު

ރާއްޖޭގައި ގޭންގުތައް ގިނަވެ މުޖުތަމައުގައި އަމާންކަން ގެއްލެމުންދަނީ ކަންބޮޑުވާ މިންވަރަށެވެ. މިއަހަރު ބޭއްވި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ފުލުހުން ހުށަހެޅި ޕްރެޒެންޓޭޝަނުން ފެނިގެންދިޔައީ މި ބިރުވެރި މަންޒަރެވެ. ހާއްސަކޮށް ވެރިރަށް މާލޭގައި މި މައްސަލަ ބޮޑުވެފައިވާ މިންވަރެވެ. މާލޭގައި އެކަނި 44 ގޭންގެއް ފުލުހުންނަށް ފާހަގަ ކުރެވިފައިވާއިރު ބޮޑެތި ކުށްތަކަށް އަރައިގަންނަ 9 ގޭންގެއް ވަނީ ފާހަގަ ކުރެވިފައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ޕްރެޒެންޓޭޝަނުގައި ދެއްކި ގޮތުގައި ރާއްޖޭގައި ގޭންގުތަކުގައި 2800 އެއްހާ މީހުން އުޅޭއިރު އޭގެ ތެރޭގައި 60 ކުޑަކުދިން ހަރަކާތްތެރިވާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި ގޭންގުތަކުގެ އިސް ސަފުގައި ވެސް ބައެއް ކުދިން ހަރަކާތްތެރިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނި ގޮތުގައި 15 އަހަރު ނުފުރޭ ކުދިންވެސް ދަނީ ގޭންގުތަކާ ގުޅެމުންނެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ގޭންގުތަކުން ކުޑަކުދިން ބޭނުން ކުރަނީ ގޭންގުތަކުގެ އެންމެ ބޮޑަށް ވިޔަފާރި ކަމަށްވާ ޑްރަގް ވިޔަފާރީގެ ހިއްސާއެއްގެ ގޮތުގައެވެ. ޑްރަގް ވިއްކުމުގައި ކުޑަކުދިން ބޭނުން ކުރަނީ އެ ކުދިންނަކީ ކުށުގެ ބުރަ އުފުލަން ނުޖެހޭ ބަޔަކަށް ވާތީއެވެ. ފުލުހުން ބުނާ ގޮތުގައި ކުޑަކުއްޖަކު ޖިނާއީ މައްސަލައެއްގައި ހައްޔަރު ކުރި ނަމަވެސް ޖެހެނީ ދޫކޮށްލާށެވެ. މި ކަމުގައި ފުލުހުންގެ އިހުމާލާއި ގާނޫނު ވެސް ދައުރެއް އަދާ ކުރާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނާ ގޮތުގައި މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި ރާއްޖޭގައި ގޭންގުތަކެއްގެ އިސް ސަފުގައި 3 ކުޑަކުއްޖަކު ހަރަކާތްތެރިވެއެވެ.

މާލޭގައި ގިނަ ގޭންގުތައް ހަރަކާތްތެރިވާއިރު އެ ގޭންގުތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ އެކި ރަށްރަށަށް ނިސްބަތްވާ މީހުންނެވެ. މިއީ އެހެން ރަށްތަކުގައި ގޭންގުތައް ފެތުރުމަށް އޮތް ނުރައްކަލެއް ކަމަށް ވެސް ފުލުހުން ފާހަގަ ކުރިއެވެ.

ފުލުހުންގެ ޕްރެޒެންޓޭޝަންތަކުގައި ފޮޓޯތަކާއި ވީޑިއޯތައް ދައްކާފައިވާއިރު ގޭންގުތަކުން ހާމަކަން ބޮޑު ގޮތެއްގައި އުޅޭކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ގޭންގު މެމްބަރުންކަން ހާމަކޮށް ސޯޝަލް މީޑިއާގައި ފޮޓޯއާއި ވިޑިއޯ ހިއްސާ ކުރުމާއި މާރާމާރީ ހިންގަން ފަޅު ރަށްތަކުގައި ޓްރެއިން ހަދާ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ކަމަށް ފުލުހުން ބުނެއެވެ.

ގޭންގުތަކުން މާރާމަރީތައް ހިންގާއިރު ގިނަ އަދަދެއްގެ ކުޑަކުދިންވެސް މީގެ ތެރޭގައި ހިމެނެއެވެ. އެގޮތުން، މިއަަހަރުގެ އީދު ދުވަހުން ފެށިގެން ހަފުތާއެއް ވަންދެން ކުރިއަށްދިޔަ މާރާމާރީތަކުގައި ކުޑަކުދިންތަކެއް ހައްޔަރު ވެސް ކުރިއެވެ. މި މާރާމާރީތަކުގައި ޒަހަމްވެފައިވަނީ ވެސް ކުޑަކުދިންތަކެކެވެ. މީގެ އިތުރުން މިގޮތަށް ދޭ ހަމަލާތަކުގައި މިހާތަނަށް 18 އަހަރު ނުވާ ކުޑަކުދިން މަރުވެފައި ވެސް އެބަހުއްޓެވެ.

ގޭންގުތަކުގެ މައި ވިޔަފާރި ކަމަށްވާ މަސްތުވާތަކެތީ ވިޔަފާރި ކުރިއެރުވުމަށް ކުޑަކުދިންގެ އިތުރުން އަންހެނުން ވެސް ދަނީ ނެރެމުންނެވެ. މި ވިޔަފާރީގައި ދުވަހަކަށްފަހު ދުވަހެއް އަންހެނުން އިތުރުވަމުން ދާ ކަމަށް ފުލުހުން ވެސް ބުނެއެވެ.

ފުލުހުން ވަނީ ގޭންގުތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް ކައުންސިލްތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ. އަދި އެކަމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ބައިވެރިވި ފަރާތްތަކުގެ އަރިހުން އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް