މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒާހިރު އަލީ ތުރުކީއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. އަލީ އަރްބާސްއާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ މައި މަރުކަޒުގައެވެ. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މިބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމުގެ އިތުރުން ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމުގައި ޕްރޮފެސަރ ޑރ. އަރްބާސްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީއާ ބައްދަލުވެވަޑައިގެންނެވުމަކީ ލިބުނު ވަރަށްބޮޑު އުފަލެއްކަމަށާއި އަދި ދެމުއައްސަސާ ގުޅިގެން ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ތުރުކީވިލާތުގެ ޕްރެޒިޑެންސީ އޮފް ރިލިޖަސް އެފެއާޒްގެ ރައީސް ޕްރޮފެސަރ ޑރ. އަލީ އަރްބާސްއަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ދައުވަތު ދެއްވާފައެވެ. އަދި މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި އިންސާނީ ވަސީލަތާއި އެހެނިހެން ގާބިލްކަން އިތުރުކޮށް ތަޖުރިބާ ބަދަލުކުރުމާއި ގުޅޭގޮތުން މިބައްދަލުވުމުގައި ވާހަކަދެކެވިފައިވެއެވެ. މި ދަތުރުފުޅުގައި ރާއްޖޭގައި ވަގުފް، ޒަކާތް އަދި ހަލާލު ސެޓެފިކެޓް ދޫކުރުމުގެ ނިޒާމު ހަރުދަނާ ކުރުމުގައި ތުރުކީގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މި ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޝާފިއު އަލީ އާއި، އިސްލާމީ މަރުކަޒުގެ އިމާމު ޝައިޚް ނަސްރުﷲ އަލީއާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަބްދުލް އަޒީޒް އިސްމާއިލް ބައިވެރިވެވަޑައިގެންނެވިއެވެ.