ކ. މާލެ
|
29 މެއި 2022 | އާދީއްތަ 11:38
ޕީޕީއެމްގެ ކެމްޕޭން ޙަރަކާތެއްގައި ރައީސް ޔާމީނު ވާހަކަފުޅުދައްކަވަނީ
ޕީޕީއެމްގެ ކެމްޕޭން ޙަރަކާތެއްގައި ރައީސް ޔާމީނު ވާހަކަފުޅުދައްކަވަނީ
ޕީޕީއެމް
ޔާމީން ފަނޑިޔާރަކަށް އިންޒާރުދެއްވުން
ޔާމީން ފަނޑިޔާރަކަށް އިންޒާރު ދެއްވި މައްސަލައެއް ފުލުހަށް ހުށަހަޅައިފި
ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ސެކިއުރިޓީއަށް ސަމާލުވުމަށްވެސް އެދުނު
އެމަނިކުފާނުގެ ވެރިކަމުގައި ބައެއް ފަރާތްތައް ޖަލަށް ލާނެކަމުގެ އިންޒާރު ޔާމީން ދެއްވި
ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅު މިދިޔަ ހަފްތާގައި ފުލުހުންގެ ސަމާލުކަމަށް ވަނީ ގެނެސްފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަނޑިޔާރަކަށް އިންޒާރު ދެއްވިކަމަށް ބުނާ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި މައްސަލައަކީ 10 މެއިގައި ޕީޕީއެމްއިން ބޭއްވި ކެމްޕޭން ޙަރަކާތެއްގައި ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ޖޭއެއްސީން ފުލުހުންނަށް ހުށައެޅި މައްސަލައެކެވެ. އެގޮތުން އެ ދުވަހު ރައީސް ޔާމީނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ފަނޑިޔާރު އަލީ ރަޝީދު ހުސައިންއަށް ލިބިވަޑައިގަތީ ރައީސް ޔާމީނުގެ މައްޗަށް ޙުކުމް ކުރައްވަން ކެރިވަޑައިގަތުމުން ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ އެއީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން "ޖެއްސެވި ޖަމްޕެއް" ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަފުޅުތައް ދައްކަވަމުން ރައީސް ޔާމީނު ވަނީ ރާއްޖޭގެ ޖަލުތައް ބޮޑުކުރަން ޖެހޭކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ވެރިކަމުގައި ބައެއް ފަރާތްތައް ޖަލަށް ލާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ރައީސް ޔާމީނު ވިދާޅުވި ގޮތުގައި ފަނޑިޔާރުންގެ މުޤައްދަސްކަން ދައްކުވައިދޭން ޖެހޭނީ އެ ފަނޑިޔާރުން ކުރައްވާ ޙުކުމުންނެވެ. އެއީ ރައްޔިތުންނަށްވެސް އިންސާފުވެރި ޙުކުމެއްގޮތުގައި ފެންނަންޖެހޭކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެ ވާހަކައިގެ ތެރެއިން ރައީސް ޔާމީނު ވަނީ ބައެއް ފަނޑިޔާރުންނަށްވެސް އިންޒާރު ދެއްވައި، ޖަލުތައް މިހާރަށްވުރެ ބޮޑުކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން ޖޭއެސްސީގެ އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ، ރައީސް ޔާމީނު ދެއްކެވި ވާހަކަފުޅު މިދިޔަ ހަފްތާގައި ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި އެ ވާހަކަފުޅާއި ގުޅިގެން ޖިނާއީ އަމަލެއް ހިމެނޭނަމަ އެކަމެއް ތަހުގީގު ކުރުމަށް ޖޭއެސްސީން ވަނީ ފުލުހުންގެ ކިބައިން އެދިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ސެކިއުރިޓީއަށް ސަމާލުވުމަށްވެސް ޖޭއެސްސީން ވަނީ އެދިފައެވެ.

މީގެ ކުރިންވެސް ފަނޑިޔާރު އަލީ ރަޝީދު ހުސައިންއަށް ޕީޕީއެމްއިން އެކިކަހަލަ އިންޒާރުތައް ދީފައިވެއެވެ.

ފަނޑިޔާރު އަލީ ރަޝީދުގެ އުމުރުފުޅުގެ ބާކީ އޮތްހާ ދުވަސް އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައި ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން ފަނޑިޔާރަކު "ނުބައި ހުކުމެއް" އިއްވަވައިފިނަމަ ޕީޕީއެމްގެ ވެރިކަމެއްގައި އެ ފަނޑިޔާރަކާއި އެ ހުކުމް ބައްދަލުކުރާނެކަމަށް އޭނާ ވަނީ ޕީޕީއެމްގެ ޖަލްސާއެއްގައި ވިދާޅުވެފައެވެ.

- ކޮމެންޓް