ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 19:31
އިބްރާހިމް މުއާޒު އަލީ
އިބްރާހިމް މުއާޒު އަލީ
ގޫގުލް
ޗެނަލް 13 އުފެއްދުން
އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލްގެ އަނެސްޓޭސިއާއާ ބައްދަލުކޮށް 350،000 އެމެރިކާ ޑޮލަރު ހޯދި
ކެންޑިޑޭޓް ނަމްބަރު 3 ލިބިއްޖެނަމަ ވެރިކަން ލިބޭނެކަމަށް އަސޭލާ ބުނި
ޗެނަލަށް ބޭނުންވާ ސާމާނު ގަންނަން ހަވާލުކުރީ ފަޔާޒު (ޖޭބީ)އާ

އަސޭލާ ނަމަކަށްކިޔާ މީހަކު ލައްވައި ރައީސް ޔާމީން ފާލުބައްލުވައި، އަދި 3 ހިމެނޭ އަދަދުތަކަށް ވަރަށް ބޮޑަށް ތަބާވިކަމަށް ކުރިން ދެކެވުނު ވާހަކަތަކަށް ބާރު ލިބޭ ބައެއް މައުލޫމާތު، އެމަނިކުފާނުގެ ކުރީގެ ތަރުޖަމާނު ހާމަކުރައްވައިފިއެވެ.

ޗެނަލް13 އުފެއްދީ އަސޭލާ ފާލު ބަލައި، ބުނި ގޮތަށް ކަމަށާއި، ޗެނަލް އުފެއްދުމަށް ފަންޑު ހޯދީ ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލްއިންކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިިކަމުގައި ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހުންނެވި އިބްރާހިމް މުއާޒް އަލީ ވިދާޅުވިއެވެ. މުއާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، 2013ވަނަ އަހަރުގެ ޕްރައިމަރީގައި، ފުށިދިއްގަރުގެ އަޑީގައި ހުންނެވި ބޭފުޅަކު ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލްގެ އަނެސްޓޭސިއާއާ ބައްދަލުކޮށް 350،000 އެމެރިކާ ޑޮލަރު ހޯދިކަން އެނގިވަޑައިގަންނަވާކަމަށެވެ.

އެ ފައިސާއިން މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް ޓީވީ ޗެނަލެއް ހެދުމަށް އިންވެސްޓްކުރި ކަމަށާއި، އެމަސައްކަތުގައި އިސްކޮށް ހުންނެވީވެސް މުއާޒުކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މުއާުޒު ވިދާޅުވީ، ޗެނަލްގެ ޝެއަރ ހޯލްޑަރުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރާއި، އެމްޕީއެލްގެ ކުރީގެ ސީއީއޯއަކަށް ހުންނެވި މުހައްމަދު ޖުނައިދު ކަމަށެވެ. މުއާޒު ވިދާޅުވީ، ޒަމީރުގެ 40 އިންސައްތަ އަދި ޖުނައިދުގެ 60 އިންސައްތަ ހިއްސާ އެކުންފުނީގައި އޮންނަކަމަށެވެ.

މުއާޒު ވިދާޅުވީ، ޗެނަލަށް ނަން ކިޔާފައިވަނީ، އަސޭލާ ކިޔާ މީހަކު ބުނިގޮތަަށް ކަމަށެވެ. އޭނާ ހުށައެޅީ ހިސާބު އަދަދުން ނަން ކިޔުމަށް ކަމަށާއި، އެގޮތުން 13 ބޭނުން ކުރުމަށް ކަމަށެވެ. އަދި ކެންޑިޑޭޓް ނަމްބަރު 3 ލިބިއްޖެނަމަ ވެރިކަން ލިބޭނެކަމަށް އަސޭލާ ބުނި ކަމަށްވެސް މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ، ޗެނަލަށް ބޭނުންވާ ސާމާނު ގަންނަން ހަވާލުކުރީ، ފަޔާޒު (ޖޭބީ)އާ ކަމަށެވެ.

އަސޭލާ ދިވެހިންގެ ތެރޭގައި މަޝްހޫރު ވެފައިވަނީ، އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވަކި ފަރާތެއް މޮޅު ކުރުމަށް ސިހުރު ހަދައިދިނުމަށް ރާއްޖެ އައިސް އުޅުނު މީހެއް ކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. 

ފުށިދިއްގަރު ފަޅުގެ ކަން ހިނގާފައިވާ ގޮތް

މާލޭގެ ދެކުނުން އަދި ކ. ގުޅީގެ އުތުރުން އޮންނަ 1،475 ހެކްޓަރުގެ ބޮޑު ފަޅުގައި، ސްޕެޝަލް އެކޮނޮމިކް ޒޯނެއްގެ ބާރު ލިބިގެން ފަތުރުވެރިކަމަށް ތަރައްގީކުރަން ސިންގަޕޫރުގެ ޕްރައިމް ކެޕިޓަލާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް ހަދަން ރައީސް ވަހީދުގެ ސަރުކާރުގައި އެއްބަސްވުމެއް ހެދިއެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މާޗު 2016ގައި، އޭސީސީން ޓޫރިޒަމް މިނިސްޓްރީއަށް އެންގީ، އެކިއުޒިޝަން ކޯސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ލިބުމުގެ ކުރިން އެއްބަސްވުން ޖޮއިންޓް ވެންޗަރ ކުންފުނި ނުއުފެއްދުމަށެވެ.

އޭގެ ފަހުން މުއާމަލާތްތައް އޮތީ ހުއްޓިފައެވެ. އެކަމަކު އެއްބަސްވުން އުވާލިކަން އެއްވެސް ސަރުކާރަކުން ހާމަކޮށްފައެއް ނުވެއެވެ. އޮކްޓޯބަރު 30، 2016ގައި ސަރުކާރުން އިއުލާންކުރީ ފުށިދިއްގަރުފަޅު، 72 މިލިއަން ޑޮލަރަށް ވިއްކާލާށެވެ.

އެ ފަޅު އެ އަގުގައި ވިއްކިފައެއްނުވެއެވެ. އަދި މިދިއަ ރިޔާސީ އިންތިޚާބުގެ ކުރިން ސަރުކާރުން އިއުލާާންކުރީ ފުށިދިއްގަރުފަޅު ހިއްކައިގެން މާލޭ ސަރަހައްދުގައި އިތުރު ބޯހިޔާވަހިކަމަށް ހުޅުވާލާށެވެ.

ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައްސަލައިގައި ދައުލަތާ ދެކޮޅަށް ސިންގަޕޫރުގެ އާބިޓްރޭޝަނަށް ޕްރައިމް ކެޕިޓަލުން މިހާރުވަނީ ހުށައަޅާފައެވެ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރަން ޕްރައިމް ކެޕިޓަލްއާއެކު ސަރުކާރުން ޖޮއިންޓް ވެންޗަރ އެއްބަސްވުމެއްގައި ސޮއިކުރީ ޖެނުއަރީ، 2013ގައި، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައެވެ.

ސަރުކާރުން އެއްބަސްވުމާ ޚިލާފުވިކަމަށްބުނެ ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށަހެޅިކަން ޕްރައިމް ކެޕިޓަލްސްއިން ސަރުކާރަށް އަންގާފައިވަނީ 2019ވަނަަ އަހަރުއެވެ.

މައްސަލަ ހުށައެޅީ އެ ފަޅުގައި 27 ރަށެއް ހިއްކައި، ތަރައްގީކުރަން ސަރުކާރާއެކު ސޮއިކުރި ޖޮއިންޓް ވެންޗަރ އެއްބަސްވުމުގެ ދަށުން، އެ ކުންފުންޏާ ފަޅު ހަވާލުކޮށްފައި ނުވާތީއެވެ. އެ މައްސަލާގައި ގެއްލުމުގެ ބަދަލާއި އާބިޓްރޭޝަން ޚަރަދު ދައުލަތުގެ ކިބައިން ނަގައިދޭން އެދިފައިވާކަމަށް 2019ވަނަ އަހަރު އޭޖީ އޮފީހުން ބުނެފައިވެއެވެ.

- ކޮމެންޓް