ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 12:25
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ރާއްޖެއެމްވީ
ހައިކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލުން
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާ
ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ ފަނޑިޔާރު ޢަލީ ސަމީރު އިސްތިއުފާ ދެއްވުމާއި ގުޅިގެން
09 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކުރިމަތިލެއްވޭނެ

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ ހައިކޯޓަށް ފަނޑިޔާރަކު ބޭނުންވާ ކަމަށާއި، އެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 09 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހަޅާ ފޯމާއި ލިޔުންތައް ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ފޮނުވުމަށް އެދޭ ކަމަށެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށް ޖޭއެސްސީން ބުނެއެވެ.

މި މަޤާމަށް ކުރިމަތިލައްވާ ފަނޑިޔާރުން އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ވަނީ ލާޒިމުކޮށްފައެވެ.

އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 5(ފަހެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. އޭގެ އިތުރުން ލިވިންގ އެލަވަންސް ގޮތުގައި މަހަކު 15،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ރިސްކް އެލަވަންސް ގޮތުގައި މަހަކު 3300 ރުފިޔާ އަދި މެޑިކަލް އެލަވަންސްއާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވައެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ ފަނޑިޔާރު ޢަލީ ސަމީރު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެގޮތުން  15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފަނޑިޔާރުކަމުގެ މަގާމުގައި ޚިދުމަތް ކުރެއްވުމަށްފަހު ފަނޑިޔާރު ޢަލީ ސަމީރު ވަނީ އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

- ކޮމެންޓް