ކ. މާލެ
|
26 މެއި 2022 | ބުރާސްފަތި 12:19
މިނިސްޓަރު އިމްރާން އަބްދުﷲ ތުރުކީވިލާތުގެ ދާޚިލީ ވަޒީރާ ބައްދަލުކުރެއްވުން
މިނިސްޓަރު އިމްރާން އަބްދުﷲ ތުރުކީވިލާތުގެ ދާޚިލީ ވަޒީރާ ބައްދަލުކުރެއްވުން
ހޯމް މިނިސްޓްރީ
ރާއްޖޭގެ ދާޚިލީ ކަންކަން ހަރުދަނާކުރުން
ޓެރަރިޒަމް، ހަރުކަށި ފިކުރު އަދި ޑްރަގް ޓްރެފިކިންގެ މަސައްކަތުގައި ތުރުކީގެ އެހީއަށް ރާއްޖެއިން އެދިއްޖެ
މިނިސްޓަރު އިމްރާން ގެންދަވަނީ ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން
ކުށްވެރިން އަނބުރާ މުޖުތަމައަށް ނެރުމުގައިވެސް ތުރުކީގެ އެހީތެރިކަމަށް އެދިފައިވޭ

ދީނީ ހަރުކަށި ފިކުރާއި، ޓެރަރިޒަމްއާއި، ޑްރަގް ޓްރެފިކިންގގެ އިތުރުން ރިލެބިލިޓޭޝަންގެ މަސައްކަތުގައި ތުރުކީން ރާއްޖެއަށް އެހީތެރިވެދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.

މިނިސްޓަރު އިމްރާން މިކަމަށް އެދިވަޑައިގެންނެވީ، ތުރުކީގެ ހޯމް މިނިސްޓަރު ސުލޭމާން ސޮއިލުއާގެ ޚާއްސަ ދައުވަތަކަށް ތުރުކީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ދެމެދުގައި ކުރިއަށްގެންދިޔަ ރަސްމީ ވާހަކަތަކުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މިނިސްޓަރުން ވަނީ ދެޤައުމުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ދާޚިލީ ސަލާމަތާ ގުޅޭގޮތުން ތުރުކީގެ އެހީތެރިކަމާއި ތަޖުރިބާ ހޯއްދެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާއިރު، މިދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރަސްމީ ވާހަކަފުޅުތައް ފެއްޓެވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޖިއޮގްރަފިކް ގޮތުން ދެޤައުމު ކިތަންމެ ތަފާތު ނަމަވެސް، ދެޤައުމުގެ ދެމެދުގައި އޮތީ ޒަމާންވީ ތާރީޚީ ގުޅުމެއްކަމަށެވެ. އަދި މިއީ އިސްލާމީ ދެޤައުމުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ދެޤައުމުގެ ރައްޔިތުންގެ ދިރިއުޅުމާއި، ދިރިއުޅުމުގެ ވައްޓަފާޅި ބައްޓަންވެފައިވަނީ އެއްގޮތް ކަންތައްތަކެއްގެ މައްޗަށްކަމަށެވެ. އަދި މީގެ 900 އަހަރު ކުރިން ދިވެހިންނަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނީއްސުރެވެސް ތުރުކީއަކީ ރާއްޖެއިން މިސާލަކަށް ބަލާ ޤައުމެއްކަމަށްވެސް ވިދާޅުވިއެވެ. ތުރުކީގެ ރައީސް އުރުދުގާންއާއި ސަރުކާރުން ދުނިޔެއަށް، ޚާއްސަކޮށް އިސްލާމީ ޤައުމުތަކަށް ދައްކަވާ ލީޑަރޝިޕްވެސް މިނިސްޓަރު އިމްރާން ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ދީނީ ހަރުކަށި ފިކުރާއި، ޓެރަރިޒަމްއާއި، ޑްރަގް ޓްއރެފިކިންގ ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ އެދާއިރާތަކުން މީހުން ބިނާކުރުމާއި، ވަސީލަތްތައް ގާއިމްކުރުމުގައި ތުރުކީގެ އެހީތެރިކަމަށް އެދިވަޑައިގެންނަވާފައެވެ. އަދި ކުށްވެރިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ތުރުކީގެ ޓެކްނިކަލް އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރު އިމްރާނުގެ މިދަތުރުފުޅުގައި އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޒީރާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ބައިވެރިވެވަޑައިގަންނަވައެވެ.

މިނިސްޓަރު ޢިމްރާން އަބްދުﷲ އާއި އަރިހުގައި ވަޑައިގެންނެވި ބޭފުޅުން މިދަތުރުފުޅުގައި ތުރުކީގެ ދާޚިލީ ސަލާމަތާއި ގުޅޭ އެކިއެކި މުއައްސަސާތަކާ ވަކިވަކިންވެސް ގެންދަވަނީ ބައްދަލުކުރެއްވަމުންނެވެ. އޭގެތެރޭގައި ތުރުކީގެ ފުލުހުންގެ މުއައްސަސާއާއި, ފުލުހުން ތަމްރީނުކުރާ މަރުކަޒާއި, ޖަލުތަކުގެ ކަންކަން ބަލަހައްޓާ އިދާރާ ހިމެނެއެވެ. މިބައްދަލުކުރެއްވުންތަކުގައިވެސް ތުރުކީގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓަރު ތުރުކީވިލާތަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެނބުރި ވަޑައިގަންނަވާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް