ރާއްޖެ ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވައިފިއެވެ.
އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް، ޖޭޕީމޯގަން އިން އިންޒާރު ދީފައިވާކަމަށް ބުނެ ޝާއިއުކޮށްފައިވާ ލިޔުމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، އެއީ ޖޭޕީމޯގަންގެ ރަސްމީ ބަހެއް ނޫން ކަމަށެވެ. އެކަމާ ގުޅިގެން ޖޭޕީމޯގަންއަށް ގުޅުއްވާ މައުލޫމާތު އޮޅުންފިލުއްވި ކަމަށާއި، އެއީ އެ ބޭންކްގެ ރަސްމީ ބަހެއް ނޫން ކަން ކަށަވަރުވެފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޖޭޕީމޯގަންއަކީ ރާއްޖެއިން މިދިޔަ އަހަރު ސުކޫކު ވިއްކުމަށް ކުރި މަސައްކަތުގައިވެސް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދީފައިވާ ޕާޓީ ކަމުގައެވެ. އެކަމުގައި ރާއްޖެއަށް އެހީތެރިވީ އެ ބޭންކުން ރާއްޖޭގެ އިގްތިސާދަށް އޮތް އިތުބާރު ބޮޑުވުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، އެ ލިޔުމުގައިވަނީ ރޮއިޓަރސްގައި ޝާއިއުކޮށްފައިވާ ޚަބަރަކަށް ދީފައިވާ އިންޓަރވިއުއެއްގައި ފާހަގަކޮށްފައިވާ ވާހަކައެއް ކަމަށާއި، އެއީ ޖޭޕީމޯގަންގެ ރަސްމީ ބަހެއް ނޫން ކަމަށެވެ. ރާއްޖެއިން އެންމެ ފަހުން ވިއްކި ސުކޫކު އިންޝުއަރ ކުރުމުގައި ކަންކަން ހަމަޖެއްސުމުގައި އެންމެ އިސްކޮށް އުޅުނީވެސް ޖޭޕީމޯގަން ކަމަށެވެ. ލީޑް އެރޭންޖަރއެއްގެ ގޮތުގައި ޖޭޕީމޯގަންއިން ހަރަކާތްތެރިވެފައިވަނީ، މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދުގެ ދުވެއްޔާއި، އިގްތިސާދު ކުރިއަށްދާ މިންވަރަށް ބަލައި ރާއްޖެއާ މެދު އޮތް ޔަގީންކަމުގެ ބޮޑު ކަމުން ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖެއިން ވިއްކި ސުކޫކީ މާކެޓްގައި އެންމެ ކާމިޔާބު ސުކޫކު ކަމަށެވެ.
ރާއްޖެ ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އެންމެ ބޮޑު ރިސްކެއް އޮތީ މިދިޔައަހަރު ކަމަށެވެ. އެއީ މި އަހަރުގެ ޖޫން މަހު ދައްކަން ޖެހޭ 250 މިލިއަން ޑޮލަރުގެ ބޮންޑު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސުކޫކު ވިއްކައިގެން އެ ބޮންޑުގެ 192 މިލިއަން ޑޮލަރު މިހާރު ދައްކާފައިވާ ކަމަށެވެ. މިއަހަރުގެ ޖޫން ފުރަތަމަ ހަފްތާގައި އިންޓްރެސްޓާއެކު ގާތްގަނޑަކަށް 62 މިލިއަން ޑޮލަރު ދައްކާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެ ފަންޑު މިހާރުވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.
ދެން ރާއްޖެއިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026ގައިކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް މީޑިއަމް ޓާރމްގައި ރާއްޖެއަށް އެއްވެސް ރިސްކެއް ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ދަރަނި ނަގަމުން ދަނީ ބަޖެޓް ޕްލޭނާ އެއްގޮތަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ލިޔުމުގައި ފާހަގަކޮށްފައި ހުރި ގައުމުތަކާ ޚިލާފަށް ރާއްޖޭގެ އިޤްތިސާދު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު، 2019އާ ގާތްކުރާ ވަރަށް އިތުރުވަމުން އަންނަ ކަމަށެވެ. މިހާރު ދުވާލަކަށް އަންނަ ފަތުރުވެރިންގެ އަދަދު އެވްރެޖްކޮށް ހަތަރުހާހުން މަތީގައި ހުންނަކަން ފާހަގަ ކުރެއްވިއެވެ. ބަޖެޓްގައިވެސް އަންދާޒާކުރިވަރަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ސިނާއަތްތައްވެސް ބަރާބަރަށް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ޖީޑީޕީ އަންދާޒާ ކުރިވަރަށް ކުރިއަރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، އަންދާޒާ ކޮށްފައިވަނީ، 12 - 18 ޕަސެންޓާ ދެމެދު ޖީޑީޕީ ކުރިއަރާނެ ކަމަށް ކަމަށާއި، މިދިޔަ ހަފްތާތެރޭގައި އެމްއެމްއޭއާއެކު ޖީޑީޕީ ރިވައިސްކުރިި އިރުވެސް އެ އަންދާޒާއަށް ބަދަލު ނާންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެންމެ ވޯސްޓް ކޭސްގައިވެސް ރާއްޖޭގެ އިޤްތިސާދު 13 ޕަސެންޓް ކުރިއަރާނެ ކަމަށެވެ. މިކަމަށް ވަރަށް ޔަގީންކަން އެބައޮތް ކަަމަށް ވިދާޅުވިއެވެ.
މީރާއަށް ލިބޭ އާމްދަނީވެސް 2019ވަނަ އަހަރާ އަޅާބަލާއިރު ރަނގަޅު ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ ރިސާރވް 2021 ނިމުނުއިރު ހުންނާނީ 700 މިލިއަން ޑޮލަރުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މިހާރު ރާއްޖޭގެ ރިސާރވްގައި ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގައި ހުންނާނެ ކަމަށެވެ. ފާއިތުވިތަނަށް ބަލާއިރު، ރާއްޖޭގެ ރިސާރވް 2019ށްވުރެ މިހާރު ރަނގަޅުވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖެ ބަގުރޫޓްވުމުގެ ފުރުސަތު އެއްވެސް ވަރަކަށް ނެތްކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ރިސްކުތަކެއް އެބަހުރިކަމަށާއި، އެކަންކަމުން އެކަންކަމުން އަރައިގަތުމަށް އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ ކޮވިޑުން އަރައިގަތުމަށް ކުރި މަސައްކަތް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހުރި ރިސްކުތައް މެނޭޖްކުރުމަށް ސަރުކާރުގެ އެތެރޭގައި މަޝްވަރާކުރެވި އެކަމަށް އަޅަންޖެހޭ ފިޔަވައަޅާނެ ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.