އިންޑިއާ އައުޓް ޙަރަކާތަކީ ވަކި ޝިއާރެއް ދައްކައިގެން ވެރިކަމަށް ވަޑައިގެންނެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކޮއްޓަވަމުން ގެންދަވާ މަގެއްކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، އިންޑިއާ އައުޓް މި ސަރުކާރުގެ ބޮލުގައި އެޅުވުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅަކީ އެމަނިކުފާނުގެ ސަރުކާރަށް ބޭނުންފުޅުވި ތާއީދު ލިބިވަޑައިނުގެންނެވުމުގެ ނަތީޖާ ކަމަށެވެ.
މުއާޒް ވިދާޅުވީ، އިންޑިއާ އައުޓް ޙަރަކާތަކީ ވަކި ޝިއާރެއް ދައްކައިގެން ވެރިކަމަށް އައުމަށް ކޮށާ މަގެއް ކަމަށެވެ. އެއީ އެއްވެސް އޮއްޓަރެއް ހުރި ވާހަކައެއް ނޫންކަމަށް މުއާޒް ވިދާޅުވިއެވެ.
ސިޔާސީ ބޭނުމެއްގައި, ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއް ކަމަށްވާތީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި, ތަންފީޒުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީގަރާރެއްވެސް ނެރުއްވާފައެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި, ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެކަމެއް ހުއްޓުވަންޖެހޭނެ ކަމެއް ކަމުގައިވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެކެވެ.
ވުމާއެކު، އެއްވެސް ޖާއިޒު މަގުސަދެއް ނެތި, ސިޔާސީ ބޭނުމެއްގައި, ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި, އަދި ނުރައްކާ އޮތް ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި އެކުވެރި ގައުމަކާ ދެކޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިނާ ގުޅިގެން އެމަނިކުފާނަށްވެސް ވަނީ އެކަމުގެ ފާޑުކިޔުން އަމާޒުވެފައެވެ. ބައެއް މީހުން ބުނާ ގޮތުން ރައީސް ޔާމީން މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިނުން ދޭހަވަނީ އެމަނިކުފާނުގެ ރިޔާސަތުގައި ޚާރިޖީ ކަންކަން ކުރައްވަމުން ގެންދެވީ ޚުދުމުހުތާރުކޮށް ކަމަށެވެ.