ވަރކް ވިސާއާއި ބިޒްނަސް ވިސާ ފިޔަވައި އެހެނިހެން ވިސާއަށް އެދޭއިރު ހެލްތުު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭ ގޮތަށް ނިންމައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހޯމަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ، ހެލްތު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ޖެހޭނީ މެއި 31 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ވިސާ މުއްދަތު ހަމަވެގެން މުއްދަތު އިތުރުކުރުމަށް އެދޭއިރުވެސް އެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭކަމަށް އެ އިދާރާއިން ބުނެއެވެ.
މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓް ވާން ޖެހޭނީ ހެލްތު މިނިސްޓްރީން ބިދޭސީންގެ މެޑިކަލް ހެއްދުމަށް ހުއްދަދީފައިވާ ހޮސްޕިޓަލުން ނުވަތަ ކްލިނިކަކުން ހަދާފައިވާ ރިޕޯޓަކަށެވެ. އަދި އިންޝުއަރެންސް ވާން ޖެހޭނީ ރާއްޖޭގައި އިންޝުއަރެންސް ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ކުންފުންޏެއްގެ ޕޮލިސީއަކަށް ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ވަރކް ވިސާއާއި ބިޒްނަސް ވިސާގެ އިތުރުން ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކުރަން ހުށަހަޅާއިރު އިންޝުއަރެންސް ޕޮލިސީއާއި މެޑިކަލް ރިޕޯޓް ހުށަހަޅަން ނުޖެހޭނެކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.