މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސަސް ޕްރޮފެޝަނަލްސް(މާޕް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ނެޝަނަލް އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ 2022 ނިންމާލައިފިއެވެ.
އެޗްއާރު ކޮންވެންޝަން ނިންމުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުވެސް ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސެވެ.
ނޭޝަނަލް އެޗްއާރް ކޮންވެންޝަންއަކީ ސަރުކާރު މުއައްސަސާތަކާއި އަމިއްލަ އޮފީސްތަކުގައި ހަރަކާތްތެރިވާ ހިއުމަން ރިސޯސްގެ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތުގެ މާހައުލަށް ގެނެވިދާނެ ބަދަލުތަކާއި، ޚިޔާލުތަކާއި، ބޭނުންކުރެވިދާނެ ސްޓްރެޓެޖީތަކާގުޅޭ މަޝްވަރާތައް ކޮށްފައިވެއެވެ.
މި ބައްދަލުވުން ނިންމައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދެއްކެވި ފަރާތްތަކަށް ވަނީ ސެޓްފިކެޓު ހަވާލުކޮށްދީފައެވެ. މި ސެޓްފިކެޓުތައް ހަވާލުކޮށްދެއްވީ ނައިބު ރައީސެވެ.
ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޮންވެންޝަންގައި 6 ގައުމަކުން ބައިވެރިވެފައިވެއެވެ. އެޗްއާރު ކޮންވެންޝަންއަކީ ކޮންމެ އަހަރަކުވެސް އެއްފަހަރު ބާއްވަން ތާވަލުކޮށްފައިވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން އެންމެ ފަހުން ބާއްވާފައިވަނީ 2019 ވަނަ އަހަރުއެވެ.