ރާއްޖޭން މަންކީޕޮކްސް ފެނިދާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ދުނިޔޭގެ އެއްވެސް ޤައުމަކުން ފިޔަވަޅުތަކެއް އަޅާފައިނުވާތީ ރާއްޖޭގައި ވެސް އަދި ފިޔަވަޅު އަޅަން ނިންމާފައި ނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަބްދުﷲ ޝަރީފު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ މަންކީޕޮކްސްގެ ކަންކަން ވަރަށް ގާތުން މިނިސްޓްރީން ބަލަމުންދާ ކަމަށެވެ. އަދި އެ ބަލި ރާއްޖޭން ފެނިދާނެތީ އެޗްޕީއޭއާ ގުޅިގެން ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ޤައުމުތަކުން މި ބަލި ފެނިފައިވީ ނަމަވެސް އެ ބައްޔާ ގުޅިގެން އަދި އެއްވެސް ޤައުމަކުން ހަރުކަށި ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން އާދީއްތަ ދުވަހު ނެރުނު ބަޔާނުގައިވާ ކަންކަން ފާހަގަކޮށް އިނގިރޭސި ބަހަށް ތަރުޖަމާ ކުރުމަށްފަހު ރާއްޖޭގެ ހުރިހާ ރިސޯޓަކަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެޗްޕީއޭއިން އާދީއްތަ ދުވަހު ނެރުނު ބަޔާނުގައި ވެސް ބުނެފައިވަނީ ރާއްޖޭން މަންކީޕޮކްސް ފެނުނު ނަމަވެސް ފެތުރުމުގެ ބިރު ކުޑަ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ކޭސްއެއް ރާއްޖޭން ފެނިފައިނުވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މަންކީޕޮކްސް ފެތުރުމުގެ ބިރު ކުޑަ ނަމަވެސް އާންމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތްސާފުކުރުމާއި މާސްކްއެޅުމުން އަދި އެއްވެސް އަލާމާތެއް ހުރިނަމަ އެހެންމީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުމަށް ވަނީ އެދިފައެވެ.
މަންކީ ޕޮކްސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ "ހުންއަހުން، ގައިގައި ރިއްސުން، ގޮށްލުން، ހަމުގައި ބިހި ނެގުން" ފަދަ އަލާމާތްތައް ފެންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތަށް އަމަލު ކުރުމަށް ހުރިހާ ރިސޯޓަކަށް ވެސް އަންގާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.