ކ. މާލެ
|
22 މެއި 2022 | އާދީއްތަ 08:33
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންޓޮނީ އަލްބެނީޒް
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންޓޮނީ އަލްބެނީޒް
ރޮއިޓާސް
އޮސްޓްރޭލިއާ
އޮސްޓްރޭލިއާގެ އާ ބޮޑުވަޒީރު "އަލްބޯ" އެނގޭތަ؟
 
އަލްބެނީޒް ނުވަތަ "އަލްބޯ"، އެންމެ ފުރަތަމަ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ކުރެވުނީ މީގެ 26 އަހަރު ކުރިން

އެކަނިވެރި މައެއްގެ ހުރި ހަމައެކަނި ދަރިފުޅު އެންޓޮނީ އަލްބެނީޒްއަކީ ހަފުތާގައި ބަންދުގައި އޮސްޓްރޭލިއާގައި ކުރިއަށް ގެންދިޔަ ޤައުމީ އިންތިޚާބުގައި އޭނާގެ ލޭބާ ޕާޓީ، ކާމިޔާބީއާ ހިސާބަށް ގެންގޮސްދީ، 9 އަހަރުވީ ކޮންޒަވޭޓިވް ވެރިކަމަށް ނިމުން ގެނެސްދެއްވި ސިޔާސީ ޝަހްސެވެ.

އުމުރުފުޅުން 59 އަހަރުގެ އަލްބެނީޒް ނުވަތަ "އަލްބޯ"، އެންމެ ފުރަތަމަ ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ކުރެވުނީ މީގެ 26 އަހަރު ކުރިންނެވެ. އެ މުއްދަތުގައި ލޭބާ ޕާޓީއަށް އޮސްޓްރޭލިއާގެ ސަރުކާރު ކޮންޓްރޯލް ކުރެވުނީ އެންމެ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަލްބަނީޒް އެންމެ ފުރަތަމަ ކެބިނެޓުން ޖާގަ ހޯއްދެވީ 2007 ވަނަ އަހަރު، ކެވިން ރަޑްގެ ވެރިކަމުގައެވެ. އެއާ ވިދިގެން ލޭބާ ޕާޓީގެ މަތީ ރޭންކުތަކަށް ޕްރޮމޯޓްވެގެން ދިޔައެވެ.

އަލްބެނީޒް ވިދާޅުވެފައިވާ ގޮތުގައި އޭނާއަކީ ފާއިތުވީ 121 އަހަރުގެ ތެރޭގައި ބޮޑުވަޒީރު ކަމަށް ވާދަ ކުރެއްވި އެންމެ ތަފާތު ކެންޑިޑޭޓެވެ. އާދައިގެ ދިރިއުޅުއްވުމެއްގައި ބޮޑުފުޅުވި އަލްބެނީޒް ވިދާޅުވާ ގޮތުގައި އޭނާގެ ހުރިހާވެސް އަސްލަކީ އެއީއެވެ. މި ރޫހުގައި އޭނާ ވަނީ، ބޮޑުވަޒީރު ކަމުގެ ދަތުރުގައި "ތަރިތަކާ ހިސާބަށް އޮސްޓްރޭލިއާ ގެންގޮސްދެއްވާނެ ކަމަށް" ވިދާޅުވެފައެވެ.

1960ގެ އަހަރުތަކުގައި އަލްބެނީޒް ބޮޑުފުޅުވެގެން އައި ވެށީގެ ޤަބޫލުކުރުންތައް ހުރި ގޮތުން، އޭނާއަށް ކަންތައްތަކެއް އޮތީ އޮޅުވާލާފައެވެ. އިޓަލީވިލާތަށް ނިސްބަތްވާ ބައްޕަ، ކާލޯ އަލްބެނީޒް، މަންމަ، މެރީއޭން އެލެރީއާ ކައިވެނި ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާރު އެކްސިޑެންޓެއްގައި މަރުވި ކަމަށް އަލްބެނީޒްއަށް އޮތީ ކިޔައިދީފައެވެ. އަލްބެނީޒްއަށް ހަޤީޤަތް އެނގިވަޑައިގަތީ އޭނާގެ އުމުރުން 14 އަހަރު ފުރުނު ފަހުން، މަންމަ އެ ވާހަކަ ކިޔައިދިނުމުންނެވެ. ބައްޕަ މަރު ނުވާކަމާއި މަންމައާއި ބައްޕަ ދުވަހަކުވެސް ކައިވެނި ނުކުރާކަން ކިޔައިދިނެވެ.

މާޗް 2 1963 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަލްބެނީޒް، އޭނާގެ އުފަން ބައްޕަ ހޯއްދެވުމުގެ މަސައްކަތްޕުޅު ފެއްޓެވީ 2002 ވަނަ އަހަރުއެވެ. އެއީ މަންމަ ނިޔާވި ހިސާބުންނެވެ. މަންމައަށް ކުރެއްވި އިޙުތިރާމެއްގެ ސަބަބުންނެވެ. އަލްބެނީޒްއަށް އޭނާގެ ބައްޕައާ ފުރަތަމަ ފަހަރަށްވެސް ބައްދަލުވާ ގޮތްވީ 2009 ވަނަ އަހަރު، ބައްޕަގެ އުފަން ރަށުގައެވެ. އަލްބެނީޒް އޭރު އިޓަލީވިލާތަށް ވަޑައިގެން ހުންނެވީ އޮސްޓްރޭލިއާގެ ދަތުރުފަތުރާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރުގެ ގޮތުގައެވެ.

ތުއްޕުޅު އިރުވެސް އަލްބެނީޒްއަކީ "ސިޔާސީ" ޝަހްސެކެވެ. އުމުރުން އެންމެ 12 އަހަރުގައި ބޮޑެތި ކަންކަމުގައި އިހުތިޖާޖު ކުރެއްވިއެވެ. އެގޮތުން މަންމައާއެކު ދިރިއުޅެމުން ދިޔަ ގެ ގެއްލިދާނެ ކަމަށްޓަކާވެސް އަލްބެނީޒް އިހުތިޖާޖު ކުރެއްވިއެވެ. އަލްބެނީޒްއަކީ އޭނާގެ އާއިލާއިން އެންމެ ފުރަތަމަ ޔުނިވާސިޓީއަކަށް ވަޑައިގެންނެވި ޝަހްސެވެ. މަތީ ތައުލީމު ހާސިލު ކުރެއްވީ އިޤްތިސާދުގެ ރޮނގުންނެވެ. އެ ދުވަސްވަރުވެސް ދަރިވަރުންގެ ފެންވަރުގައި ސިޔާސީ ހަރަކާތްތައް ހިންގެވިއެވެ. އަދި އުމުރުފުޅުން އެންމެ 22 އަހަރުގައި، ލޭބާ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސަކަށް ވެވަޑައިގަތެވެ. މިއަދު އެ ހުންނެވި ހިސާބަށްވެސް އަލްބެނީޒްއަށް ވަޑައިގެންނެވުނީވެސް ކުޑައިރުގެ އެފަދަ އެތައް ތަޖުރިބާއެއްގެ ސަބަބުން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް