އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ފޭސްބުކްގެ ފައުންޑަރ މާކް ޒުކަބާރގް އަދި ހޮލީވުޑްގެ އެކްޓަރ މޯރގަން ފްރީމަން ހިމެނޭގޮތުން އެމެރިކާގެ 963 މީހެއްގެ ނަން ރަޝިޔާއަށް އެތެރެވުން މަނާ ލިސްޓަށް އިތުރުކޮށްފިއެވެ.
ހޮނިހިރު ދުވަހު ރަޝިޔާގެ ފޮރިން މިނިސްޓްރީން އާންމުކޮށްފައިވާ މި އައު ލިސްޓުގައި އެމެރިކާގެ ސަރުކާރުގެ އޮފިޝަލުންނާއި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ އިތުރުން ފާހަގަކޮށްލެވޭ ފަރާތްތައް ހިމެނެއެވެ. ރަޝިޔާގެ މިނިންމުމަކީ ކުރިން އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ނިންމާފައިވާ ނިންމުމެކެވެ.
ހޮލީވުޑްގެ އެކްޓަރ މޯރގަން ފްރީމަން އަކީ މީގެކުރިން ރަޝިޔާއަށް އެތެރެވުން މަނާ މީހުންގެ ލިސްޓުގައި ހިމެނިފައިވާ މީހެއް ނޫނެވެ. މިފަހަރުގެ ލިސްޓުގައި އޭނާގެ ނަން ހިމަނާފައިމިވަނީ ރަޝިޔާއިން ބުނާގޮތުން 2017 ވަނަ އަހަރު އެނާ ރިކޯޑް ކުރި ވީޑިއޯއެއްގައި ރަޝިޔާއިން އެމެރިކާއާ ދެކޮޅަށް ކަންކަން ރާވަމުންދާކަމަށް ބުނެފައިވާތީއެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވަކިވަކި މީހުންނަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެމެރިކާއިން މުޅި ދުނިޔޭގައި ހަންފެތުރުމަށް ގެންގުޅޭ ސިޔާސަތާއެކު ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށެވެ.
ރަޝިޔާއިން ވަނީ މީގެކުރިންވެސް މިލިސްޓުގައިވާ ފަރާތްތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާންކޮށްފައެވެ. އޭގެތެރޭގައި އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި ޕެންޓަގަންގެ ހެޑް އޮސްޓޮން ހިމެނެއެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ ކެނެޑާގެ 26 މީހުންގެ ނަންވެސް ރަޝިޔާއަށް އެތެރެނުވެވޭ މީހުންގެ ލިސްޓުގައި ހިމެނިފައިވާކަމަށެވެ. އޭގެތެރޭގައި ކެނެޑާގެ ބޮޑުވަޒީރުގެ އަނބިކަނބަލުންވެސް ހިމެނެއެވެ. ރަޝިޔާއިން ކެނެޑާ އިސް ފަރާތްތަކެއްގެ ނަން ލިސްޓުގައި މިހެނީ ކެނެޑާއަށް ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ހިމެނިވަޑައިގަންނަވާގޮތަށް 1000 މީހަކަށް އެތެރެނުވެވޭ ގޮތަށް ބިލެއް ތަޢާރަފްކުރިތާ ހަތަރު ދުވަސް ފަހުންނެވެ.