ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ އިސްލާމިކް ސެންޓަރު ވެގެންދާނީ ރާއްޖޭގައި ވެސް އަޅާ އެންމެ ބޮޑު މިސްކިތަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އިސްލާމިކް ސެންޓަރު ޑިޒައިން ތައްޔާރުކުރުމަށް ބާއްވާ މުބާރާތް އިއުލާން ކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މިސްކިތުގެ ތެރޭގައި އެއްފަހަރާ 11،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށާއި ބޭރުގައި މަދުވެގެން 10،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށެވެ. އަދި އެ މިސްކިތަކީ މިހާތަނަށް ރާއްޖޭގައި އެންމެ ބޮޑު މަލްޓި ޕާޕަސް ހޯލު ހަދާނެ މިސްކިތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި އަލަށް އަޅާ އެ އިސްލާމިކް ސެންޓަރަކީ ހުރިހާ އުމުރެއްގެ ބަޔަކަށް ބޭނުން ހިފޭ ތަނަކަށް ހަދާނެ ކަމަށެވެ. އެގޮތުން، މަލްޓިޕާޕަސް ހޯލުގެ އިތުރުން ލައިބްރަރީ ހުންނާނެ ކަމަށާއި އިސްލާމިކް ސެންޓަރަކާ ގުޅޭ ކުޅިވަރުތައް ވެސް ހުންނާނެ ކަމަށް ވިދާޅުވިއެވެ.
މިއީ މިހާރު ރާއްޖޭގައި އެޅޭ އެންމެ ބޮޑު އިސްލާމިކް ސެންޓަރު. އެންމެ ބޮޑު ބޮޑު މިސްކިތް. ހަމައެގޮތަށް މުޅި އިމާރާތަށް ބަލައިފިނަމަ އެންމެ ބޮޑު މަލްޓިޕާޕަސް ހޯލުވެސް ހުންނާނީ ހަމައެތަނުގައި. އެހެންވީމަ ވަރަށް ޔުނީކް އަދި ވަރަށް ތަފާތު ވަރަށް ބޮޑު ތަނެއް ގޮތުގައި މިތަން ސިފަވަނީއިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިސްލާމިކް ސެންޓަރު އެޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ 230،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައެވެ. އެތަން ޑިޒައިން ކުރުމަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ އާކިޓެކްޗަރުންނަށް ބައިވެރިވެވޭ މުބާރާތް އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.
އިސްލާމިކް މިނިސްޓްރީން މި ފުރުސަތު ހުޅުވާލައިފައިވަނީ ޖުމްލަ އެއް މިލިއަން ރުފިޔާގެ ފައިސާގެ އިނާމާއެކުގައެވެ. އެގޮތުން އެއްވަނައަށް ހޮވޭ ޑިޒައިނަކަށް ހަތް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭއިރު ދެވަނަ ޑިޒައިނަށް ދެ ލައްކަ ރުފިޔާ އަދި ތިންވަނައަށް ދާ ޑިޒައިނަކަށް އެއް ލައްކަ ރުފިޔާ ވަނީ ހުށަހަޅާފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ އިސްލާމިކް ސެންޓަރަކީ ޒަމާނީ ފެންވަރުގައި ހަދާ އިމާރާތެކެވެ. އެހެންކަމުން، މުބާރާތުގައި ހުށަހަޅާ ޑިޒައިނުގައި ނަމާދު ކުރެވޭނެ ތަނަކާއި ޕާކިންގ އޭރިއާއާއި، އޮފީސްބަޔަކާއި، މަލްޓީޕާޕަސް ހޯލާއި، ސެމިނަރ ރޫމާއި، ލައިބްރަރީ އަދި ސްޓާފް ކެންޓީނާއި ކްލާސްރޫމްތަކާއި ކޮމާޝަލް އޭރިއާ އަކާއި ރެކްރިއޭޝަނަލް އޭރިއޭއެއް ހިމަނަން ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އަދި އެ ޑިޒައިންތައް ވާން ޖެހޭނީ މުޅިން އައު ޑިޒައިންތަކަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި މުބާރާތުގައި ވަނަތައް ހޮވާނީ އެކަމަށް ޚާއްސަކޮށް އެކުލަވާލައިފައިވާ ޕެނަލަކުން އިވެލުއޭޓް ކުރުމަށްފަހުއެވެ. އެ ޕެނަލުގައި ހިމެނޭނީ އެޗްޑީސީ އާއި އާކިޓެކްޓްސް އެސޯސިއޭޝަނާއި އިންޖިނިއަރސް އެސޯސިއޭޝަނާއި އިސްލާމިކް މިނިސްޓްރީ އާއި ހެރިޓެޖް އެންޑް ކަލްޗަރ މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ ބޭފުޅުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވި ގޮތުގައި މި އިސްލާމިކް ސެންޓަރު ޑިޒައިން ކުރަން އާއްމުންނަށް ހުޅުވާލީ ދިވެހި ވަންތަ އައު އަދި އީޖާދީ ޚިޔާލުތައް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ދިވެހި ކުންފުނިތަކާއި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ އިސްލާމިކް ސެންޓަރު ޑިޒައިން ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ. އެ ފުރުސަތު ހުޅުވާލައިފައިވަނީ 2022 އޮގަސްޓް 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
"ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި އިސްލާމިކް ސެންޓަރު ތަރައްޤީ ކުރާނީ ބޭރުގެ އެހީ އާއި ދައުލަތުގެ ބަޖެޓުން ކަމަށެވެ. އަދި މި ސެންޓަރު ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.