ފާތިމަތު ދީމާއާއި, އައިޝަތު ރަފާ ނާޒިމް އެންމެންނަށްވެސް މިހާރު އެނގެއެވެ. އެދެކުޅުންތެރިން ޤައުމަށް ހޯދައިދިން ކާމިޔާބީތަކަށްޓަކައި ފަޚުރުވެރިވެއެވެ. އެދެކުޅުންތެރިންގެ ވާހަކަ އަބަދުމެ ދައްކައެވެ. އެ ދެކުޅުންތެރިން އަދިވެސް ރާއްޖެއަށް ރަން ވަނަތައް ހޯދައިދޭނެކަމާމެދު ޝައްކުކުރާނެ މީހަކު ނެތެވެ. އެކަމަކު ޓީމެއްގެ ގޮތުގައި ރާއްޖެއަށް ރަންވަނަތައް ހޯދައިދޭން އެދެކުޅުންތެރިންނާއެކު ކުޅޭނެ އެފަދަ ތިންވަނަ ކުޅުންތެރިއަކުވެސް ބޭނުންވެއެވެ. ތިންވަނަ ކުޅުންތެރިއަކު ފާޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
މިމަހު ރާއްޖޭގައި އޮތް ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޓީމް އިވެންޓް ދެ ކެޓަގަރީންވެސް ލޯ މެޑަލް ހޯދިއިރު ދީމާއާއި ރަފާއާއެކު ހުރީ 13 އަހަރުގެ މިޝްކާ މުޙައްމަދު އިބްރާހީމްއެވެ. މުބާރާތް ނިމުނުއިރު ފެނުނީ ފުރަތަމަ މެޗުގައި ފެނުނު މިޝްކާއެއް ނޫނެވެ. އެއަށްވުރެ މާބޮޑަށް ޕްރެޝަރަށް ހޭނި, މިޝްކާ އިތުބާރު ހޯދައިފިއެވެ. އިތުބާރާއެކު ޒުވާން ކުޅުންތެރިޔާ ހޯދީ އުއްމީދެވެ.
ކޮމަންވެލްތް ގޭމްސްއަށް މިޝްކާ ވަރަށް ހިތްވަރު ކުރަން އެބަ ދާން. މިޝްކާ ބޭނުން ކޮމަންވެލްތް ގޭމްސްގެ ތެރޭންވެސް ރާއްޖޭގެ ޓީމްގައި ހުރެގެން ރާއްޖެއަށް އިތުރު ވަނަތަކެއް ހޯދައިދޭން. ރާއްޖެއަށް ރީތި ނަންތަކެއް ހޯދައިދޭން. އިންޓަރނޭޝަނަލް ލެވެލްގައި ރާއްޖެ ތަމްޘީލްކޮށްދީފައި ކުރިއަށްދާން ބޭނުންމިޝްކާ މުޙައްމަދު އިބްރާހީމް
ރާއްޖޭގައި އޮތް ޖޫނިއަރ މުބާރާތުގެ ޖޫނިއަރ އަދި ކެޑޭޓް ކެޓަގަރީގެ ޓީމް އިވެންޓްގައިވެސް މިޝްކާ ވާދަކުރިއެވެ. ލޯ މެޑަލް ހޯދި ޓީމަށް އުއްމީދާއި ހިތްވަރު ހޯދައިދިނެވެ. ކުރިމަގަށް އަދި މާބޮޑު އުއްމީދެއް ގެނެސްދިނެވެ. ސިންގަލްސްގައި ކްއާޓަރ ފައިނަލަށް ދަތުރުކުރިއެވެ. މުބާރާތަށް މިޝްކާ ކުރިމަތިލީވެސް ސެމީފައިނަލަށް ދަތުރުކުރުމުގެ އުއްމީދުގައެވެ. މިއީ މިޝްކާގެ ޅަ އުމުރުގައި ލިބުނު ވަރަށް ބޮޑު ތަޖުރިބާއެކެވެ. މިއީ ޒުވާން މިޝްކާގެ އެންމެ ކާމިޔާބު މުބާރާތެވެ.
މިޝްކާގެ ކެރިއަރުގައި ކުޅެވުނު އެންމެ ކާމިޔާބު މުބާރާތް މިއީ. އައި ލަވް ދިސް އެކްސްޕީރިއަންސް. ރާއްޖޭގައި މުބާރާތް އޮވެފައި, މިހާތަނަށް މިޝްކާ ކުޅުނު އެންމެ ރަނގަޅު މުބާރާތަށްވެފައި, ވަރަށް އުފާވޭ އަސްލު ބުނަންޏާ. ވަރަށް ރަނގަޅު ތަޖުރިބާއެއް މިއީމިޝްކާ މުޙައްމަދު އިބްރާހީމް
ރަނގަޅު ކުޅުމެއް ދައްކާ, އެދެވޭ ކާމިޔާބީއެއް ލިބުމުގައި ރާއްޖޭގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރު މިޝްކާ ފާހަގަކުރިއެވެ. ޕްރެޝަރަށް ވެއްޓޭ ވަގުތުވެސް މިޝްކާއަށް ގޮވާލާ އަޑާއި, ތަރުހީބުގެ އަޑާއެކު މިޝްކާއަށް ވާނެކަމުގެ ހިތްވަރު ވަށައިގެންވީ މާހައުލުން ދިޔައީ ލިބެމުންނެވެ. އެއަށްވުރެ ބޮޑު އެހެން އުފަލަކާއި ހިތްވަރެއްވެސް މެޗުތައް ކުޅެމުންދިޔައިރު މިޝްކާއަށް ލިބުނެވެ.
ރާއްޖޭގެ ސަޕޯޓަރުންގެ ކުރިމަތީގައި އަމިއްލަ ޕްރެޒިޑެންޓާއި, ޔޫތް މިނިސްޓަރާއި އެންމެން ކުރިމަތީގައި ކުޅެލަން ލިބުނީމަ އަސްލު ވަރަށް ޕްރައުޑްވެއޭ ބުނެވޭނީ. މިއުމުރުގައި މިލެވެލްގައި މުބާރާތެއް ކުޅެވޭތީ ވަރަށް އުފާވޭ. ރާއްޖޭގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ހިތްވަރު އެއީ ބުނެދޭންވެސް ނޭންގޭ ވަރަށް ލިބުނު ހިތްވަރެއްމިޝްކާ މުޙައްމަދު އިބްރާހީމް
މިޝްކާ ދަނީ ޓީޓީ ކެރިއަރުގެ ޒުވާން ދުވަސްވަރު އަވަސް ކުރިއެރުންތަކެއް ހޯދަމުންނެވެ. މިޝްކާ މިހާރު ހޯދަމުންދާ ކުރިއެރުންތަކުގައި މިހާރުހުރި ކޯޗު ގްރީސްގެ ކޮންސްޓންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓާ) ގެ ދައުރުވެސް ބޮޑެވެ. ޖޫނިއަރ މުބާރާތަށް ޓީމް ތައްޔާރުކޮށްދީ, މުބާރާތުގައި އިރުޝާދުދިން ކޯޗުގެ ސަބަބުން މިޝްއާއަށްވެސް އަދި އެހެން ކުޅުންތެރިންނަށްވެސް ބޮޑަތި ކުރިއެރުންތަކެއް ލިބިއްޖެއެވެ. އެކަން މިޝްކާ ޤަބޫލުކުރެއެވެ. މުބާރާތަށް ނިމުމާއެކު ކޯޗާއެކު އަލުން ފަރިތަކުރުންތައް ފަށައިފިއެވެ. ނިންމާލަމުން މިޝްކާ ބުނީ2018އާ އަޅާބަލާފައި މިހާރު ކުޅެނީ އެކަކޭވެސް ނުބުނާނެކަމަށާއި އެހާވަރުގެ ބޮޑު ކުރިއެރުމެއް މިޝްކާ ހޯދައިފިކަމަށެވެ.
ދެން އަދި ފެންނާނީ މުޅިން ތަފާތު މޮޅު މިޝްކާއެކެވެ. އުއްމީދަކީވެސް އެއީއެވެ.