ކ. މާލެ
|
18 މެއި 2022 | ބުދަ 10:25
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން
އެފްއޭއެމް
ޤައުމީ ފުޓުބޯޅަ ޓީމު
ޤައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށައިފިއެވެ.

ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ ރޭގައެވެ. މިފަހަރުގެ ސްކޮޑުގައި އައު ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި އީގަލްސްގެ ހުމެއިދު ހަސަން އަދި ޒައިން ޒަފަރު ހިމެނެއެވެ. މީގެ އިތުރުން ކުލަބް ވެލެންސިއާގެ އަހުމަދު ސިޒާންގެ އިތުރުން، ޒުވާން ކީޕަރު ހަސަން އަލީފް އިބްރާހިމް ވެސް ހިމެނެއެވެ. އަދި އަނިޔާއިން ރަނގަޅުވެ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ވެސް ވަނީ ޓީމާ ގުޅިފައެވެ.

މި މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް ސެންޓްރަލައިޒްކޮށް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހު އުޒްބެކިސްތާނުގައެވެ. ކޮލިފިކޭޝަންގައި ރާއްޖެ ހިމެނެނީ ސްރީލަންކާ، އުޒްބެކިސްތާން އަދި ތައިލޭންޑާއެކު ގްރޫޕް ސީގައެވެ.

ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ރާއްޖެ ނިކުންނާނީ ޖޫން އަށްވަނަ ދުވަަހު ތައިލޭންޑާ ދެކޮޅަށެވެ. އޭގެ ދެދުވަސް ފަހުން ދެވަނަ މެޗުގައި ނިކުންނާނީ އުޒްބެކިސްތާނާއި ދެކޮޅަށެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖޫން 14 ވަނަ ދުވަހު ކުޅޭނީ ލަންކާއާ ދެކޮޅަށެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ދާދި ފަހުން ޓީމާ ހަވާލުވި އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއަށް ދީފައިވާ އެންމެ ބޮޑު ޓާގެޓަކީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ.

މުބާރާތުގެ ކޮލިފިކޭޝަނަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެވަނީ ބަންގްލަދޭޝާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެމެޗުގައި ރާއްޖެ މޮޅުވީ 2-0ންނެވެ. މިއީ ގައުމީ ކޯޗު މޮރިއޭރޯގެ އިރުޝާދުގެ ދަށުން ޓީމު ހޯދި ފުރަތަމަ މޮޅެވެ.

- ކޮމެންޓް