ކ. މާލެ
|
18 މެއި 2022 | ބުދަ 08:42
ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސައުދީން ރާއްޖެއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ސައުދީން ހަދިޔާ ކުރި ކަދުރު
ކަދުރު ބެހުމުގައި އިސްކަންދެނީ ފަގީރުންގެ ދަފްތަރަށް
ފަގީރުންގެ ދަފްތަރުގައި ނެތް ފަރާތްތަކަށް ކަދުރު ބަހާނީ ބަލައި ދާ ތަރުތީބުން

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބެހުމުގައި އިސްކަން ދޭނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ގޭބިސީތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފަގީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް ކަދުރު ޕެކެޓެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އެ ދަފްތަރުގައި ހިމެނޭ ގޭބިސީތަކަށް ހަދިޔާ ކުރުމަށްފަހު ބާކީވާ ކަދުރު އެހެން މީހުންނަށް ބަހާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ފަގީރުންގެ ދަފްތަރުގައި ނުހިމެނޭ ފަރާތްތަކަށް ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަމަށެވެ. އެގޮތުން، ފުރަތަަމަ އަންނަ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ކަދުރު ބަހާނީ އައިޑީ ކާޑު ބެލުމަށްފަހުއެވެ.

ސައުދީން މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ހަދިޔާ ކުރި 50 ޓަނުގެ ކަދުރު (25،000 ޕެކެޓް) ސަރުކާރާ ހަވާލުކޮށްފައިވަނީ 12 މެއިގައެވެ. މި 50 ޓަނުގެ ކަދުރުގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ހިމެނޭ ގޭބިސިީތަކަށް ބެހުމަށްފަހު ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ކަދުރު ބެހުމުގެ ކަންކަން ކުރިއަށްދާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އެގޮތުން 2022 މެއި 31އާ ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:45 މެންދުރު 2 އަށް ކަދުރު ބެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މާލެ ފިޔަވައި އެހެނިހެން ރަށްތަކާއި ސިޓީތަކުގައި ކަދުރު ބަހާނީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި ސިޓީ ކައުންސިލް މެދުވެރިކޮށެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. ނަމަވެސް މިއަހަރު ކަދުރު ހަވާލު ކުރުމުގައި ލަސްތަކާ ދިމާވީ ދަތުރުފަތުރުގައި ހުރި ދަތިތަކާ ގުޅިގެން ކަމަށް ސައޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތުރިކް އައްދައުސަރީ ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް