ކ. މާލެ
|
16 މެއި 2022 | ހޯމަ 18:12
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ތުހުމަތުތަކަށް ދެން ވާނީ ކިހިނެއް؟
 
އިކޮނޮމިކް މިނިސްޓްރީ ތެރެއިން ހަދަމުންދާ ރިސޯޓެއްގެ ނަމުގައި އޮޅުވާލައިިގެން ވަގު ކޯޓާތަކެއް ބޭރުވެގެން ދިޔައިރު އެކަމަށް ޒިންމާވާނެ ބޭފުޅަކުވެސް ނެތް
 
ގަވާއިދު ބަދަލުކުރަން އިންތި ފައްޔާޒަށް ގުޅުއްވި ކަމަށާއި، ކުރެއްވި މެސެޖްތައްވެސް އެބަހުރި ކަމުގައި ފައްޔާޒު ވިދާޅުވި
 
ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކައިގެން ކެމްޕެއިން ފޯރިގަދަ ކުރެއްވުމަށް ދެ ބޭފުޅުން ކުރެއްވި ތުހުމަތުތަކެއް ނަމަ އެކަން ބަލައި ނުގަނެވޭ

ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ފޯރިގަދަ އިންތިޚާބެއް ނިމިގެން ހިނގައްޖެއެވެ. އެތައް މަންޒަރަކާ އަޑުތަކެއް އިވިގެން ދިޔައެވެ. ސިޔާސީ ވާދަވެރިކަމުގައި އެއް ޕާޓީއެއްގެ ތެރެއިން ފެންނާނެ ހުރިހާ މަންޒަރެއް ފެނިގެން ދިޔައެވެ. އިންތިޚާބު ނިމި ނަތީޖާ އިއުލާން ކުރުމާއެކު ދެން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް މަރުހަބާ ކިޔައި، ކެމްޕެއިންގައި ފެނުނު މަންޒަރުތަކާއި އަޑުތައްވެސް ހަނދާން ނެތިގެން ދިޔަކަހަލަ މަންޒަރު ތަކެކެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ކެމްޕެއިންގެ ފޯރީގައި ނަމަވެސް އެއްބަޔަކު އަނެއް ބަޔަކަށް ކުރި ތުހުމަތުތަކަށް ދެންވާނީ ކިހިނެތްތޯއެވެ. މި ތުހުމަތުތައް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވީ ސިއްރަކުން ނޫނެވެ. ފައުޅުގައި އެކި ޕޯޑިއަމްތަކުގައި ތުހުމަތުތައް ކުރެއްވިއެވެ. އިންތިޚާބުގައި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީވަނީ މި އިންތިޚާބުގައި ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރަށް އަމާޒުކޮށް ތަފާތު އެކި ތުހުމަތުތައް ކުރައްވާފައެވެ. އެތުހުމަތުތަކަށް މާ ބޮޑު ރައްދެއް މިނިސްޓަރގެ ފަރާތުން އަދި އެމަނިކުފާނުގެ ކެމްޕެއިން ޓީމުގެ ފަރާތުންވެސް ދެއްވި ތަނެއް ނުފެނެއެވެ. އިކޮނޮމިކް މިނިސްޓްރީގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ވަކި ބަޔަކަށް މަންފާ ހޯއްދަވައި ދެއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވިއެވެ. ހޯމް މިނިސްޓަރ މަޖިލީހަށް ވަޑައިގެންނެވި ދުވަހުވެސް، އިކޮޮނޮމިކް މިނިސްޓްރީ ތެރެއިން ހިންގާފައިވާ ކަމަށް ބުނާ ޖަރީމާތަކެއްގެ ވާހަކަ އިންތި ވިދާޅުވިއެވެ.

ވެރިކަން ކުރާ ޕާޓީގެ އިންތިޚާބަކާއި ގުޅިގެން ބައެއް ކުންފުނިތަކުގެ ވެރިން މަގާމުގެ ނަހަމަ ބޭނުން ކުރައްވާ ކަމަށެވެ. ވަޒީފާ ދިނުމާއި، ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުން ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް އިންތި ވިދާޅުވިއެވެ. އަދި މިއީ ދައުލަތުގެ ފައިސާއަށް ވެވޭ ޚިޔަނާތެއް ކަމުގައި އިންތި ވިދާޅުވިއެވެ. އިކޮނޮމިކް މިނިސްޓްރީ ތެރެއިން ހަދަމުންދާ ރިސޯޓެއްގެ ނަމުގައި އޮޅުވާލައިިގެން ވަގު ކޯޓާތަކެއް ބޭރުވެގެން ދިޔައިރު އެކަމަށް ޒިންމާވާނެ ބޭފުޅަކުވެސް ނެތް ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެ މައްސަލަ ބެލިފައިވެސް ނެތް ކަމަށެވެ. މިކަންކަން ބެލިފައި ނެތީ ކީއްވެގެންތޯ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާ، އެދުވަހު އިންތި ސުވާލުވެސް ކުރެއްވިއެވެ.

އިންތިޚާބާ ގުޅިގެން މީޑިއާތަކުން ކުރިއަށް ގެންދިޔަ ބަހުސްގައި ފައްޔާޒުވަނީ އިންތިއަށް ރައްދުދެއްވާފައެވެ. ފައްޔާޒު ވިދާޅުވީ، ސަރުކާރާއެކު އިންތިއަށް މަސައްކަތް ނުކުރެވޭނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ، އިންތިޚާބުގެ ކެމްޕެއިންގައި މިހާތަނަށް އިންތި ދައްކާފައިވާ ވާހަކަތަކުންކަމަށެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީ ކުރިއަރައިގެން ދާނީ ސަރުކާރާއެކު މަސައްކަތްކޮށްގެންކަމަށެވެ. ފައްޔާޒް ވިދާޅުވީ، ސިޔާސީ ކަންކަމުގައި ތަންދޮރު ނުދަންނަކަމަށް އިންތި ހައްދަވާތީ ކަންބޮޑުވާކަމަށެވެ. އެމްޑީޕީގެ ޗެއަރޕާސަންކަމަށް ބޭނުންވަނީ "އެޑްމިނިސްޓްރޭޓިވްލީ އިފެކްޓިވް" މީހެއްކަމަށާއި، އިންތިގެ ކިބައިގައި އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތްކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ކެމްޕެއިންގައި އެންމެ ބޮޑަށް އިންތި ދެއްކެވި ވާހަކަފުޅަކީ ނަޒާހަތްތެރިވާނެ ކަމުގެ ވާހަކައެވެެ. މިކަމާ ގުޅިގެން ރާއްޖެޓީވީގެ ބަހުސްގައި ފައްޔާޒު ވިދާޅުވީ، އިންތިއާ ގުޅިގެން ދެއްކޭނެ ވާހަކަތައްވެސް އެބަހުރި ކަމަށެވެ. ސަންގުޓީވީގެ ބަހުސްގައި ފައްޔާޒު މިވާހަކަތައް ތަފްސީލް ކޮށްދެއްވާފައިވެއެވެ. ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމިގެން ދިޔައިރު، އިންތިގެ ބައްޕަގެ ނަމުގައިވެސް ރަށެއް އޮތްކަމަށާއި، އެހެންނަމަވެސް ގަވާއިދު އޮތް ގޮތުން އެރަށް އޭނާގެ ބައްޕަގެ ވާރިސުންނަށް ވާރުތަ ނުވި ކަމަށެވެ. ވާރިސުންނަށް މިރަށް ބަދަލުވާގޮތަށް ގަވާއިދު ބަދަލުކުރަން އިންތި ފައްޔާޒަށް ގުޅުއްވި ކަމަށާއި، ކުރެއްވި މެސެޖްތައްވެސް އެބަހުރި ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. އެ ގަވާއިދަށް ބަދަލު ގެނައީ، އިންތިގެ ތިމާގެ ބޭފުޅަކު ނިޔާވުމުން ކަމަށް ނޫންތޯ މޮޑެރޭޓަރު ސުވާލު ކުރެއްވުމުން ޖަވާބުގައި އިންތި ވިދާޅުވީ "އަޅުގަޑަކަށް ނޭގޭ" ކަމުގައެވެ. އިންތިގެ މި ޖަވާބާ ގުޅިގެން އެމްޑީޕީގެ ވަރަސް ގިނަ މެމްބަރުންގެ ފާޑުކިޔުންތައްވެސް އިންތިއަށް އަމާޒުވިއެވެ.

މިއީ ހައްތަހާވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރެއްވި ތުހުމަތުތަކެއްވެ. އޯޕަން އިންކުއަރީއެއް ކުރިއަށް ގެންގޮސް މަޖިލީހުގެ ތެރެއިން މައްސަލަ ބެލުމަށް ފައްޔާޒު ގޮވާލެއްވިއެވެ. އެހެންނަމެވެސް މިހާރު ފެންނަ މަންޒަރު ތަފާތެވެ. އެކަތި ގަނޑަކަށްވީއެވެ. ތުހުމަތުތައް ހަނދާންވެސް ނެތުނީއެވެ. މިއީ ކެމްޕެއިންގެ އުކުޅެއް ނަމަ ވަރަށްވެސް ފުރިހަމައެވެ. އެހެންނަމަވެސް ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކައިގެން ކެމްޕެއިން ފޯރިގަދަ ކުރެއްވުމަށް ދެ ބޭފުޅުން ކުރެއްވި ތުހުމަތުތަކެއް ނަމަ އެކަން ބަލައި ނުގަނެވެއެވެ. އެމްޑީޕީގެ އާންމު މެމްބަރުންވެސް މި ވާހަކަ ދައްކާނެކަން ޔަގީނެވެ. ކެމްޕެއިން ވަރަށް ފުރިހަމައަށް ނިންމައި އިންތިޚާބުވެސް އަމާންކޮށް ނިމިގެން ދިޔައިރު، މި ތުހުމަތުތަކަށް ދެންވާނީ ކިހިނެއްތޯއެވެ. ހަނދާން ނައްތާލާނީ ބާއެވެ.

ކޮމެންޓް
ގުޅުންހުރި
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި