ތ. ކަނިމީދޫއިން 10 ހެކްޓަރުގެ ބިމެއް ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ނިންމުން ބަދަލުކޮށް މުޅި ރަށް ފަތުރުވެރިކަމަށް ދޫކުރުމަށް އެދި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެވެ.
ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިނިސްޓަރާއި ކުރެއްވީ، ތ. ކަނިމީދޫ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް މިހާރު ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯއެވެ.
ސުވާލުގެ ޖަވާބުގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ކަނިމީދޫ ތަރައްޤީކުރުމުގައި މިނިސްޓްރީން ގެންގުޅޭ ވިސްނުމަކީ ވީހާވެސް އަވަހަކަށް އެރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދާ، ރަށް ހަވާލުކޮށް ރަށް ތަރައްޤީކުރުން ކަމަށެވެ. މީގެ ކުރިން އެރަށުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ 10 ހެކްޓަރުގެ ބިން މިނިސްޓްރީން ބިޑަށް ލައިގެން އެކަމަށް އެއްވެސް ފަރާތެއްގެ ޝައުގުވެރިކަމެއް ލިބިފައި ނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއްވެސް ބައެއްގެ ޝައުގުވެރިކަން މި ކަމަށް ލިބިފައި ނުވާތީ، ކްރޮސް ސަބްސިޑީގެ އުސޫލުން މުޅި ރަށް ކުއްޔަށް ދިނުމަށް ގަސްދުކޮށް އެކަމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއުސޫލުން ކަނިމީދޫ ކުއްޔަށް ދިނުމުގައި ސަރުކާރުގެ ވިސްނުމަކީ ތ. އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމް، ޚާއްސަކޮށް ވިލުފުށީ އެއަޕޯޓް ތަރައްޤީކުރެވޭ ގޮތަށް އެކަންތައް ކުރުން. އަދި ކްރޮސް ސަބްސިޑީގެ އުސޫލުން ތ. ކަނިމީދޫ ފަތުރުވެރިކަން ތަރައްޤީކުރުމަށް އަންސޮލިސްޓެޑް ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތަކާއެކީ ސަރުކާރުން ދަނީ މިހާރު މަޝްވަރާކުރަމުން. ހަމައެހެންމެ މިހާރު ފަތުރުވެރިކަމަށް ކަނޑައަޅާފައިވަނީ 10 ހެކްޓަރުގެ ބިމެއް ކަމަށްވާތީ، ކްރޮސް ސަބްސިޑީގެ މޮޑެލްއެއް ކަމަށްވާތީ އެރަށުގެ ބާކީ ބައިވެސް ފަތުރުވެރިކަމަށް ކަނޑައަޅައިދެއްވުމަށް އެދި 13 އެޕްރީލް 2022 ގައި ވާނީ ކަމާއިބެހޭ އިދާރާއަށް ހުށަހަޅާފައިޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
ކަނިމީދޫ ފަތުރުވެރިކަމަށް ތަރައްޤީކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަރުކާރުގެ މި ދައުރުގެ ތެރޭގައި ކަނިމީދޫ ތަރައްޤީކުރެވިދާނެތޯ މެންބަރު ރިޔާޒު ސުވާލުކުރެއްވުމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެރަށް ހުޅުވުމަށެވެ. އަދި އެހެން އަތޮޅުތަކުގައި ވެސް ފަތުރުވެރިކަން ތަރައްޤީކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.